ޖަލު ހުކުމެއްގައި ހުރުމަކީ ނަޝީދާ މަޝްވަރާ ނުކުރެވޭނެ ސަބަބެއް ނޫން: އެމްޑީޕީ

ރައީސް ޔާމީން ރައީސް ކަމުގެ ހުވާ ކުރެއްވި ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ސަލާމް ކުރައްވަނީ: މަޝްވަރާގައި ނަޝީދު ބައިވެރި ކުރެވެން ނެތް ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފައި -- ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިއުމަކީ، އެމަނިކުފާނަށް މަޝްވަރާތަކުގައި ބައިވެރި ނުވެވޭންވީ ސަބަބެއް ނޫން ކަމަށާއި، ރައީސް ނަޝީދުގެ މައްޗަށް އިއްވާފައި ވަނީ މީހުންނާއި ބައްދަލުނުވާ ގޮތަށް އެކަހެރިކޮށް ޖަލުގައި ބަންދުކުރުމުގެ ހުކުމެއް ނޫން ކަމަށް އެމްޑީޕީން ބުނެފި އެވެ.

ޖަލުހުކުމެއް ތަންފީޒު ކުރަމުން ދާތީ ކުރީގެ ރައީސް ނަޝީދަށް މަޝްވަރާތަކުގައި ބައިވެރި ނުވެވޭނެ ކަމަށް ބުނެ ރައީސް އޮފީހުން އެމްޑީޕީއަށް ވަނީ ސިޓީއެއް ފޮނުވާފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ރައީސް އަބްދުﷲ ޔާމީނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ، ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ވެސް އދ އަދި ކޮމަންވެލްތްގެ ވަފުދެއް ރައީސް ނަޝީދާއި ބައްދަލުކުރުމުގެ ފުރުސަތު ސަރުކާރުން ދެއްވާފައި ވުމަކީ، ނަޝީދާ ބައްދަލުކުރުމުގެ އެއްވެސް ހުރަހެއް ނެތް ކަން ސާބިތުކޮށްދިން ކަމެއް ކަމަށެވެ.

އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް ޔާމީން އިއުލާނުކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. އެ ގަރާރުގައިވާ ގޮތުން އެމްޑީޕީގެ ފަރާތުން ސަރުކާރާއެކު މަޝްވަރާކުރައްވާނީ އެ ޕާޓީގެ ރައީސް އަލީ ވަހީދާއި، ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

comment ކޮމެންޓް