ފުޓްބޯޅަ އެކެޑެމީ ހިންގުމާ ގުޅޭ ޝެޝަންތަކެއް ޕީއެސްޖީއިން ރާއްޖޭގެ ކޯޗުންނަށް ބާއްވައިފި

ް ފްރާންސްގެ ޕީއެސްޖީއިން ދިވެހި ކޯޗުންނަށް ފުޓްބޯޅަ އެކެޑެމީ ހިންގުމާ ބެހޭ ގޮތުން ބޭއްވި ސެޝަންތަކުގެ ތެރެއިން ފެންވޭރު ދނަޑުގައި ކުރިއަށް ދިޔަ ޕްރޮގްރާމް --- ފޮޓޯ/ އުރީދޫ

ފުޓްބޯޅަ އެކެޑެމީ ހިންގުމާ ގުޅޭ ޝެޝަންތަކެއް ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ރާއްޖޭގެ ކޯޗުންނަށް ބާއްވައިފިއެވެ.

ރާއްޖޭގެ އެއް މުއާސަލާތީ ކުންފުނި އުރީދޫ މެދުވެރިކޮށް އެފްއޭއެމްއާއި ގުޅިގެން ހިންގާ މިޕްރޮގުރާމްގައި އިރުޝާދު ދެނީ ޕީއެސްޖީ ފުޓްބޯޅަ އެކަޑަމީގެ ހެޑް ކޯޗް އިނގިރޭސި ވިލާތުގެ ބެންޖަމިން ސްކޮޓް ހޫރީއާއި ފްރާންސްގެ ފުޓްބޯޅަ ކޯޗެއް ކަމުގައިވާ ޔާނިސް މެމިރީއެވެ.

މިއަދު މެންދުރު ފަހުގައި އެފްއޭމްގައި ތިއަރީ ބައިތައް ކުރިއަށް ގެންދިޔައިރު، ހަވީރު ވަނީ ހެންވޭރު ދަނޑުގައި ޕްރެކްޓިކަލް ޙަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

ޕީއެސްޖީގެ އެއް ސްޕޮންސާ ކަމުގައިވާ އުރީދޫ ޓެލެކޮމްގެ ރާއްޖޭގެ ސީނިއާ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަން މަރިޔަމް އަޙްމަދު ދީދީ ސަން އަށްވިދާޅުވީ މިއީ އެފްއޭއެމްއާއި ގުޅިގެން ފެށި ޕްރޮގްރާމެއް ކަމަށާއި މާދަމާ އާއި ހޮނިހިރު ދުވަހު ކުރިއަށް ގެންދާނެ ކަމަށެވެ.

މަރިޔަމް ވިދާޅުވީ މިހާރު ސޯޝަލް މީޑިއާގެ ގްލޯބަލް ކެމްޕޭނެއް ފަށައިގެން ކުރިއަށްދާ ކަމަށާއި މިކެމްޕޭންނުން ހޮވޭ ނަސީބު ވެރިޔަކަށް ފްރާންސަށް ގޮސް ޕީއެސްޖީގެ ކުޅުންތެރިންނާ ބައްދަލު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މިއަހަރު ޕީއެސްޖީ ރާއްޖެ ގެނައުމަށް އުރީދޫއިން ދަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް