ނިޔާމަ ރިސޯޓުގައި އެންމެ ބޮޑަށް ފިހުނު މީހާ މާލެ ގެނެސްފި

ނިޔާމަ ރިސޯޓް: އަލިފާނުގެ ހާދިސާއެއް ހިނގައި ތިން މީހަކު ފިހިފައިވޭ

ދ. އަތޮޅުގައި ހިންގާ ނިޔާމަ ރިސޯޓުގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ފިހުނު މީހާ މާލެ ގެނެސްފި އެވެ.

ކުޑަހުވަދޫ ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެ ހުންނެވި އިސްމާއިލް ޝަރީފު "ސަން" އަށް މިއަދު ވިދާޅުވީ އެ މީހާ މާލެއަށް ފުރުވާލާފައި ވަނީ ރޭ ދަންވަރު 3:00 ހާއިރު ކަމަށެވެ. އަދި މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފޮނުވާލި ވަގުތު ކޮންމެ ވެސް ވަރަކަށް ސުޓޭބަލްކޮށް އޭނާ އޮތީ. ނަމަވެސް އެހާ ބޮޑަށް އޭނާގެ ހަށިގަނޑު ފިހިފައި އޮތުމުން ޑޮކްޓަރު ލަފާ ދެއްވީ އިތުރު ފަރުވާ އަށް މާލެ ދިއުމަށް،" ޝަރީފު ވިދާޅުވި އެވެ.

އެ މީހާގެ ހަށިގަނޑުގެ 35 ޕަސެންޓް ފިހިފައިވާ ކަމަށް އިސްމާއިލް ޝަރީފް ވިދާޅުވި އެވެ. އޭނާގެ އަތާއި ފައި ފިހި، މޫނުމައްޗަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް އިސްލާއިލް ޝަރީފް ވިދާޅުވި އެވެ.

އެ މީހާގެ އިތުރުން އިތުރު ދެ މީހަކަށް ވެސް ވަނީ އެ ހާދިސާގައި ފިހިފައި އެވެ. އެހެންނަމަވެސް އެ ދެ މީހުންގެ ހާލު އެހާ ސީރިއަސް ނޫން ކަަމަށް ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ ރިސޯޓުގައި ހުންނަ ޕެޓްރޯލާއި ޑީސަލް ރައްކާކުރާ ތެޔޮ ޓޭކުތައް ސާފު ކުރަމުން ދަނިކޮށެވެ.

comment ކޮމެންޓް