އީރާނާ ކުރިމަތިލުމަށް ޓަކައި ސައޫދީން ޕާކިސްތާނުން ނިއުކްލިޔާ ޓެކްނޮލޮޖީ ހޯދަނީ

ޕާކިސްތާނުގެ ސްޓްރެޓީޖިކް ބާރުތަކުގެ ތެރޭގައި ހިމެނޭ ނިއުކްލިޔަރ މިސައިލެއް


ރިޔާޒް (މޭ 27) : އީރާނުގެ ނިއުކްލިޔާ ޓެކްނޮލޮޖީއާ ކުރިމަތިލުމަށް ޓަކައި ނިއުކްލިޔާ ޓެކްނޮލޮޖީއާއި ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މާއްދާތަކާއި ނިއުކްލިޔާ ސެންޓްރިފިއުޖް ފަދަ އާލާތްތައް ޕާކިސްތާނުން ހޯދުމަށް ސައޫދީ އަރަބިޔާ އިން މަސައްކަތް ކުރަމުން ގެންދާ ކަމަށް ލަންޑަންގައި ނުކުންނަ ސަންޑޭ ޓައިމްސް ބުނެފި އެވެ.

މިނޫސް ބުނާ ގޮތުން ސައޫދީންގެ ސިއްރު މިމަސައްކަތުގައި ގަލްފުގެ އަރަބި އެހެން ގައުމުތައް ވެސް ބައިވެރިވެ އެވެ. ސަންޑޭޓައިމްސްގައި ޝާއިޢުކޮށްފައިވާ ރިޕޯޓްތަކެއް ބުނާގޮތުން އީރާނުގެ އަސްކަރީ ބާރާ ކުރިމަތިލުމަށްޓަކައި ޕާކިސްތާނުގެ ސްޓްރެޓީޖިކް ބާރުތަކުގެ ޙިމާޔަތް ހޯދުމާބެހޭގޮތުންވެސް ސައޫދީ މަސްއޫލުވެރިންވަނީ އިސްލާމް އާބާދަށް ދާދިފަހުން ވަޑައިގެން ޕާކިސްތާނުގެ އިސް މަސްއޫލުވެރިންނާ ވަނީ މަޝްވަރާކުރައްވާފަ އެވެ.
ޕާކިސްތާނުގެ ސްޓްރެޓީޖިކް ބާރުތަކުގެ ތެރޭގައި ހިމެނެނީ ނިއުކްލިޔަރ ވޯހެޑް ހަރުކުރެވޭގޮތަށް ޕާކިސްތާނުން އަމިއްލައަށް އުފައްދާފައިވާ މެދުރާސްތާގެ ބެލަސްޓިކް މިސައިލާއި އެނޫންވެސް ނިއުކްލިޔަރ ހަތިޔާރުތަކެވެ. ޕާކިސްތާނުގައި 40 އަށް ވުރެ ގިނަ އެކި ސައިޒްގެ ނިއުކްލިޔާ ހަތިޔާރު ހުރިކަމަށް ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. ޕާކިސްތާނުން އުފައްދާ އަގްނީ މަރުކާގެ ބެލަސްޓިކް މިސައިލަކީ ނިއުކްލިޔަރ ވޯހެޑް ހަރުކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ މިސައިލްތަކެކެވެ.
ސަންޑޭޓައިމްސްގައި ޝާއިޢުކޮށްފައިވާ ރިޕޯޓްތައް ބުނާގޮތުން ސައޫދީ އަރަބިޔާ ކަންބޮޑުވަނީ އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރުމުގެ ދާއިމީ އެއްބަސްވުމެއްގައި އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ސޮއިކުރާނެ ކަމަށް ބެލެވޭތީ އެވެ. އަންނަ ޖޫންމަސް ނިމުމުގެ ކުރިން ސޮއިކުރުމަށް މަސައްކަތްކުރާ މިއެއްބަސްވުން ވުޖޫދަށް އަތުވެއްޖެނަމަ އީރާނާ ދެކޮޅަށް އދ. ން ނާއި އެމެރިކާއާއި ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެތީ އެހިސާބުން އީރާނާއި އެމެރިކާއާ ދެމެދު ގުޅުންތައް ބަދަހިވެގެންދާނެ ކަމުގެ ބިރު ސައޫދީން އިޙްސާސް ކުރެ އެވެ.
މިނޫސް ބުނާ ގޮތުން ސައޫދީ ކަންބޮޑުވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއެކު އީރާނުގެ އިގްތިސާދީ އަދި އަސްކަރީ ބާރު އިތުރަށްވަރުގަދަވެގެން ދާނެތީއާއި ގަލްފުގައިވާ އެމެރިކާގެ ބައިވެރިއެއްގެ ގޮތުގައި ސައޫދީގެ ބަދަލުގައި އެމެރިކާއިން އީރާން އިޚްތިޔާރުކޮށްފާނެތީއެވެ.


އީރާނަކީ ގަލްފުގެ ހުރިހާ ގައުމުތަކަށްވުރެވެސް ދެގުނަ އާބާދީ ބޮޑު އަދި ހިޔުމަން ރިސޯސްއާއި ޓެކްނޮލޮޖީއާއި އަސްކަރީ ތަޖްރިބާގައި ގަލްފުގެ ގައުމުތަކަށްވުރެ މާކުރީގައި އުޅޭ ގައުމެކެވެ. އަދި ހަތިޔާރުގެ ޓެކްނޮލޮޖީއާއި ސިނާއަތާ އަދި ސައެންޓިފިކް ރީސާޗް އާއި ފަޒާގެ ޓެކްނޮލޮޖީގެ ދާއިރާތަކުގައި ގަލްފުގެ ގައުމުތަކާއަޅާބަލާއިރު (ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް) އީރާންއުޅެނީ އެތަށް ގުނައެއް ކުރީގަ އެވެ.
މީގެއިތުރުން ގަލްފުގެ ގައުމުތަކަށް ލިބިގެންވާ ތެލާއި ގުދްރަތީ ގޭހުގެ މުއްސަނދިކަން އީރާނަށްވެސް ލިބިގެންވެއެވެ. ސައޫދީ އިސްކޮށް އޮވެގެން ޔަމަންގެ ހޫޘީންނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގައި ބައިވެރިވުމަށް ސައޫދީ ސަރުކާރުން އެދުމުންވެސް ޕާކިސްތާނުންވަނީ އެކަމާ ދެކޮޅު ހަދާފައެވެ. ޕާކިސްތާނުގެ ނިއުކްލިޔަރ ބޮމުގެ ބައްޕަ ޕްރޮފެސަރ އަބްދުލްގަދީރު ޚާންގެ މައްޗަށްވަނީ އީރާނާއި ލިބިޔާފަދަ ގައުމުތަކަށް ނިއުކްލިޔަރ ޓެކްނޮލޮޖީއާއި ނިއުކްލިޔަރ ބޮން އުފެއްދުމުގެ މައުލޫމާތު ފޯރުކޮށްދިން ކަމުގެ ތުހުމަތު ކުރެވިގެން ދިގުމުއްދަތަކަށް އޭނާ ގޭގައި ބަންދުކޮށްފައެވެ.
ޕްރޮފެސަރ އަބްދުލްގަދީރު ޚާނަކީ ޕާކިސްތާނުގައި ގައުމީ ބަތަލްގެ ދަރަޖަ ލިބިފައިވާ ބޭފުޅެކެވެ. ޕާކިސްތާނުގެ ރައްޔިތުން އޭނާ ދެކެނީ އެގައުމުގެ ބާނީ ގާއިދޭ އައުޒަމް މުހައްމަދު އަލީ ޖިނާޙް ފަދަ ގައުމީ ބަތަލެއްގެ ގޮތުގައެވެ. އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމަށް އާދަޔާ ޚިލާފު ކުރިއެރުން ލިބި އަތްނުފޯރާ ހިސާބަށް މިޓެކްނޮލޮޖީގައި އީރާން ކުރިޔަށްދިޔައީ ޕްރޮފެސަރ އަބްދުލްގަދީރު ޚާން އީރާނުގެ ނިއުކްލިޔަރ ސައެންޓިސްޓުންނަށް ދެއްވި ނިއުކްލިޔަރ ޓެކްނޮލޮޖީގެ މައުލޫމާތުގެ ސަބަބުން ކަމަށް ހުޅަނގުން ތުހުމަތު ކުރެއެވެ. (ސަންޑޭ ޓައިމްސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު