އެންވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަމަލީ މަސައްކަތްތަކެއް ފަށައިފި

މަސްވެރިންތަކެއް އެންމަސް ހިފުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ----- ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

ރާއްޖޭގައި ކުރާ ކަޅުބިލަމަހުގެ މަސްވެރިކަމުގެ އެއްބައިކަމުގައިވާ ދިރޭއެމުގެ ބާވަތްތައް ދެމެހެއްޓެނިވި، ހެޔޮހޮތެއްގައި ބޭނުން ކުރުމަށް ބާރުއެޅުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން މަސައްކަތްތަކެއް ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މަސްބޭނުމަށް ހިފާ އެމުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ހިފުމަށްޓަކައި މަސްދޯނިފަހަރުގައި މިހާރު އެން ގެންގުޅޭ އުސޫލުތަކަށް ބަދަލުތަކެއް ގެންނަންޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ކުރި ދިރާސާތަކަކުން ދައްކާ ކަމަށެވެ.

އެގޮތުން އެ މިނިސްޓްރީގެ މެރިން ރިސާޗް ސެންޓަރުން ރާއްޖޭގެ ތަފާތު ކަންކޮޅުތަކުގައި މަސްވެރިންނާ އެކު އެންދަމަން ގޮސް، މަސްވެރިކަމުގެ ދަތުރުތަކުގައި ބައިވެރިވެ، މިހާރު އެންދަމާ ގޮތްތަކާއި، ދަމާ އެން އެންވަތުގައި ބަހައްޓާ ގޮތްތަކާއި، ދަމާ އެމުގެ ތެރެއިން މަސްވެރިކަމުގައި ބޭނުންކުރެވޭ އެމާއި، މަރުވެގެން އުކާލަންޖެހޭ އެމުގެ މިންވަރު ދެނެގަނެ، މަސްވެރިކަމަށް އެންމެ ފައިދާވާނޭގޮތަށް އެންމަސް ބެހެއްޓުމަށް ވަނީ ދިރާސާތައް ކޮށްފަ އެވެ.

އެ ދިރާސާތަކުގެ އަލީގައި ދޯނިފަހަރުގައި އެން ގެންގުޅެ، މަސްވެރިކަންކުރާއިރު އޭގެ ފައިދާ މިހާރަށްވުރެބޮޑަށް މަސްވެރިންނަށް ލިބިދެވޭނެގޮތަށް އެންވަތްތައް ފަރުމާކުރުމާއި އެންދަލުން ވަތަށް ބަދަލުކުރާއިރު ގެންގުޅެން ޖެހޭ ރައްކާތެރިގޮތްތައް ކަނޑައެޅުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެ މަސައްކަތް ކުރަނީ ޖަޕާނުގެ ތަޖުރިބާކާރެއްގެ އެހީގަ އެވެ.

"ސަރުކާރުން ހިންގާ މި ޕައިލެޓް ޕްރޮގްރާމްގެ ދަށުން މަސްދޯނީގެ އެންވަތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި އެންދަމާ ދަލުން އެން ވަތަށް ބަދަލުކުރާ އިރު ބޭނުންކުރާ ކަވާވަށީގެ ޑިޒައިނެއް ވެސް މިހާރު ފަރުމާކުރެވި، ތަޖުރިބާ ކުރުމަށް ވަނީ ހަމަޖެހިފައި،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ދޮށީގެ މަސްވެރިކަން ތަރައްގީވެ ކުރިއަރައިގެންގޮސް ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅަށް، އަދި އެންމެ ދެމެހެއްޓެނިވިގޮތުގައި ކުރެވޭ މަސްވެރިކަމެއްގެ ގޮތުގައި މުޅިދުނިޔެ މިއަދު ގަބޫލުކުރަމުންދާ އިރު، މި މަސްވެރިކަން އިތުރަށް ތަރައްގީކޮށް، މަހަށް ރަނގަޅު މާކެޓެއް ހޯދައިދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް