ފުލުހުންގެ ސަފު ފޫއަޅުވާލި ޕިކަޕް ޑްރައިވަރު ދޫކޮށްލެވޭކަށް ނެތް: ހައިކޯޓު

މޭޑޭ މުޒަހަރާގައި ބޭނުންކުރި ޕިކަޕް -- ސަންފައިލް ފޮޓޯ

ފުލުހުންގެ ސަފު ފޫއަޅުވާލައި ޕިކަޕް ދުއްވާލި ކަމުގެ ކުށުގައި ފުލުހުންގެ ބަންދުގައި ހުރި ސ ހިތަދޫ، އަލިމަސްގެ، ބާސިތު އިބްރާހިމް ބަންދުން ދޫކޮށްލެވެން ނެތް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

މި މަހުގެ އެއް ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ބާރުސްޕީޑުގައި ޕިކަޕެއްގައި ގޮސް ފުލުހުންގެ ސަފުތައް ފޫއަޅުވާލި މައްސަލާގައި ބާސިތު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ބާސިތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އޭނާ ބަންދުން ދޫކޮށްލެވެން ނެތް ކަމަށް ނިންމައި ހައިކޯޓުން ކުރި ހުކުމްގައި ބުނެގައި ވަނީ ބާސިތުގެ ސަބަބުން މުޖުތަމައުގައި ދިރިއުޅޭ އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.

މި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި އެސަރަހައްދުގެ ބާސިތު އަމަން ބަލަހައްޓަމުން ދިޔަ ފުލުހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް ޕިކަޕް ދުއްވާފައި ގޮސް މުޖުތަމައުގެ އާންމު ސަލާމަތް ގެއްލުވާލާފައިވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

އަދި އޭނާ ދޫކޮށްލައިފި ނަަމަ އޭނާގެ ފުށުން އެފަދަ އަމަލެއް ތަކުރާރުވެދާނެ ކަމަށް ފެންނަކަމަށާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ޓަކައި އޭނާ ދޫކޮށްލެވެން ނެތް ކަމަށް ވެސް ހުކުމްގައިވެ އެވެ.

ބާސިތު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަން ޖެހޭނެ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ހައިކޯޓުން ވަނީ ނިންމައިފަ އެވެ.

ފުލުހުންގެ ސަފު ފޫއަޅުވާލައި ޕިކަޕު ދުއްވާލި މައްސަލާގައި ދައުލަތުން ވަނީ ބާސިތުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

comment ކޮމެންޓް