ހޫނުގަދަވުމުގެ ސަބަބުން އިންޑިއާގައި މަރުވިމީހުންގެ އަދަދު 1400 އަށް އަރައިފި

އިންޑިއާގެ ހައިދަރުއާބާދުގެ މަގެއްގެ މަތީގައި ހޫނުން ސަލާމަތް ވުމަށް މީހަކު މޫނަށް ފެން އަޅަނީ. ހޫނު ގަދަވުމުގެ ސަބަބުން އެގައުމުން ގިނަ ބަޔަކު މަރުވި -- ފޮޓޯ: އޭޕީ

(ނިއުދިއްލީ، އޭޕީ) - އިންޑިއާގައި އާދަޔާ ހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން އެއްމަސްދުވަހުގެ ތެރޭގައި މަރުވިމީހުންގެ އަދަދު 1400 އަށް އަރައިފި އެވެ.

ހޫނުގަދަވުމުގެ ސަބަބުން މީހުންގެ އިތުރުން ޖަނަވާރާއި ގަސްގަހާ ގެއްސަށް ބޮޑު ނުރައްކަލަކާއި ކުރިމަތިވެފައިވާ އިރު ހޫނުކަން އިތުރު އެތައް ދުވަހަކަށް ދެމިގެން ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އޮފިޝަލުން މިއަދު ބުންޏެވެ.

ގަދަ ހޫނުގެ ނުރައްކަލުން ސަލާމަތް ވުމަށް އަތްވަށް ނުނިކުތުމަށާއި ނުކުންނަ ނަމަ ބޯނިވާކުރުމަށާއި ގިނައިން ފެން ބުއިމަށް އިންޑިއާގެ އޮފިޝަލުން އަންނަނީ ރައްޔިތުންނަށް އިރުޝާދުދެމުންނެވެ. ނަމަވެސް ފަގީރުކަމުގެ ސަބަބުން ބައެއް މީހުންނަށް މަޖުބޫރު ވެފައި ވަނީ އަތްވަށް ނުކުމެ މަސައްކަތް ކުރުމަށެވެ.

"... އަހަރެމެންނަށް އޮތް ގޮތަކީ ފުރާނަ ނުރައްކަލަށް ހުށަހަޅައި އަތްވަށް ނުކުމެ މަސައްކަތް ކުރުން ނުވަތަ ކާނެ އެއްޗެއް ނެތި ތިބުން،" އެންމެ ބޮޑަށް ހޫނު ގަދަވެފައިވާ އެއް ސަރަހައްދުކަމަށްވާ އަންދުރަޕްރަދޭޝްގެ ނަލަގޮންޑާ ޑިސްޓްރިކްޓްގެ ދަނޑުވެރިއެއްކަމަށްވާ ނަރަސިމްހަ ބުންޏެވެ.

ހޫނު ގަދަވި ނަމަވެސް އިންޑިއާގެ ދަނޑުވެރިންގެ ގިނަ ބަޔަކު އަންނަނީ ދަނޑުތަކަށް ނުކުމެ މަސައްކަތް ކުރަމުންނެވެ.

ހޫނު ގަދަވުމުގެ ސަބަބުން ކުރިމަތިވި އެކި މައްސަލަތަކުގައި މަރުވި 1412 މީހުން ވެސް މަރުވެފައި ވަނީ އަންދުރަޕްރަދޭޝް ސްޓޭޓުގައެވެ. އެ ސްޓޭޓްގައި ފިނިހޫނުމިން ވަނީ 47 ޑިގްރީ ސެލްސިއަސްއަށް އަރާފައެވެ.

comment ކޮމެންޓް