ސަފާގެ ނެޓްވޯކުގައި ހިމެނޭ މީހަކު 18 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

ތ. ތިމަރަފުށީ ކަރަންކާވިލާ އިސްމާއީލް ޝަހީމް -- ސަން ފައިލް ފޮޓޯ

ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއްގެ ވެރިއެއް ކަމަށް ފުލުހުން ބުނާ މ.ލޮނުމިދިލިގެ އިބްރާހިމް ޝަފާޒު އަބުދުއްރައްޒާގުގެ ބައިވެރިއެއް ކަމުގައިވާ ތ. ތިމަރަފުށީ ކަރަންކާވިލާ އިސްމާއީލް ޝަހީމް 18 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުމުގެ ކުށް ސާބިތުވެ، ޝަހީމް 18 އަހަރަށް ޖަލަށް ލުމާ އެކު 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ 2011 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު ހ. ފަށަންގޭގެ ފަސް ވަނަ ފަންގިފިލާގައި އިސްމާއީލް ޝަހީމާއި އިތުރު ބަޔަކު މަސްވާތަކެތި ބަންދުކުރަން ތިއްބައި އެތަނަށް ވަތް ފުލުހުންނަށް ފެނިފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނަ ކަމަށެވެ.

ފުލުހުން ކޮޓަރިތެރެއަށް ވަތް އިރު އެމީހުންގެ އަމަލުތައް ހުރި ގޮތަށް ބަލާ އިރު އެ ކުށުގެ ޒިންމާ އެވަގުތު ކޮޓަރިތެރޭގައި ތިބި އެންމެން އުފުލަން ޖެހޭނެ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް އިސްމާއީލް ޝަހީމްގެ ފަރާތުން އިސްތިއުނާފުކުރި މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ގިނަ ބަޔަކު ތިބިތަނަކުން މަސްތުވާތަކެތި ފެންނައިރު، އެތަނުން އެކަކު އެތަކެތީގެ ޒިންމާ ނެގުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބަލައި އެހެން މީހުންނަށް ކުށުން ބަރީއަވެވޭނެ ކަމެއް ނޫން ކަމަށެވެ.

އެފަދަ ހާލަތްތަކުގައި ކަންހިނގާފައިވާގޮތަށާއި މައްސަލައިގެ ވަށައިގެންވާ ކަންތައްތައްތަކަށް ރިއާޔަތްކުރަންޖެހޭނެ ކަމަށް ވެސް އެ ހުމްގައި ވެއެވެ.

އެ ހުކުމް ކޮށްފައި ވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

އެ މައްސަލާގައި މިހާރު ޖަލުގައި ތިބީ ހ. ފަށަންގޭގެ ކޮޓަރިތެރެއިން މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ތިން މީހުންނެވެ. އެ ތިން މީހުންގެ ތެރެއިން ޝަހީމް ފިޔަވައި އެހެން އެއްވެސް މީހަކު ހުކުމް އިސްތިއުނާފުކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް