ޔޯގާގެ ބައިނަލް އަގުވާމީ ޗާޓުގައި ރާއްޖެ ހިމަނަން ޖެހޭ: ސަހާރޭ

އިންޑިއާ ހައިކޮމިޝަނަރު ޝަހާރޭ މިއަދުގެ ނޫސްކޮންފަރެންސުގައި ވާހަކަފުޅު ދައްކަވަނީ. ސަން ފޮޓޯ: ފަޔާސް މޫސާ

ޔޫއެން އިން ފާހަގަ ކުރާ ބައިނަލް އަގުވާމީ ޔޯގާ ދުވަހު އިންޑިއާ ހައިކޮމިޝަނުން ހިންގާ ހަރަކާތްތަކުގައި ގިނަ ބަޔަކު ބައިވެރިވާން އެދިފައިވާ ކަމަށާއި ބައިނަލް އަގުވާމީ ޔޯގާގެ ޗާޓުގައި ރާއްޖެ ހިމަނަން ޖެހޭ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު ރާޖީވް ޝަހާރޭ ވިދާޅުވެއްޖެ އެވެ.

ޔޯގާ ދުވަސް ފާހަގަ ކުރުމަށް އިންޑިއާ ހައިކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރުން ހިންގާ ހަރަކާތްތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ގ. ވަވަތީގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޝަހާރޭ ވިދާޅުވީ ރާއްޖޭގައި ޔޯގާއަށް ބޮޑު ސަމާލުކަމެއް ލިބެމުން އަންނަ ކަމަށެވެ.

"...ހަރަކާތްތައް ނިންމާލުން އޮންނާނީ އާޓިފިޝަލް ބީޗުގައި، ރޭގަނޑު 9.30ގައި. އަޅުގަނޑުމެން އެދެނީ [ޔޯގާ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވާ] އެންމެން އެ އެކަމުގައި ބައިވެރިވާން. ގިނަ އަދަދެއްގެ މީހުން ބައިވެރިވާން. ބައިނަލް އަގުވާމީ ޔޯގާގެ ޗާޓުގައި ރާއްޖެ ހަގީގަތުގައި ވެސް އަޅުގަނޑުމެން ހިމަނަން ޖެހޭ،" ޝަހާރޭ ވިދާޅުވި އެވެ.

ޔޯގާ ދުވަސް ފާހަގަ ކުރުމަށް ޖޫން މަހުގެ 21 ވަނަ ދުވަހު ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައި ވަނީ މާފަންނު ޔޫތު ސެންޓަރާއި ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލާއި ވިލިނގިލީ މުހްޔިއްދީން ސްކޫލާއި ކަލާފާނު ސްކޫލާއި ހުޅުމާލެ ހޮސްޕިޓަލާއި އައިސީސީއާއި އެމްއެންޑީއެފް ހެޑްކުއާޓާޒް އާއި އިންޑިއާ ހައިކޮމިޝަނާއި އާޓިފިޝަލް ބީޗުގަ އެވެ.

މިއަދުގެ ނޫސްކޮންފަރެންސްގައި ބައިނަލް އަގުވާމީ ޔޯގާ ދުވަހުގެ ލޯގޯއާއި ރާއްޖޭގައި ޔޯގާ ކުރިއެރުވުމަށް އިންޑިއަން ކަލްޗަރަލް ސެންޓަރުން ގާއިމް ކުރި ފޭސްބުކް ޕޭޖް ޝަހާރޭ ތައާރްފްކޮށްދެއްވި އެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 21 ވަނަ ދުވަހަކީ ބައިނަލް އަގުވާމީ ޔޯގާ ދުވަހުގެ ގޮތުގައި ފާހަގަ ކުރަން ޔްނައިޓެޑް ނޭޝަންސް ( ޔޫއެން)ގެ އާއްމު މަޖިލީހުން ފާސްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ. އެދުވަސް ފާހާގަ ކުރަން ޔޫއެންއަށް ހުށަހެޅުއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އެވެ. މޯދީގެ އެ ހުށަހެޅުއްވުމަށް އެމެރިކާއާއި ކެނެޑާ ހިމެނޭ ގޮތުން 170 ގައުމަކުން ތާއީދު ކުރި އެވެ. އަދި އެދުވަސް ފާހަގަ ކުރުމަށް އިންޑިއާ އިން ހުށަހެޅި ގަރާރު 176 ގައުމަކުން ކޯ ސްޕޮންސާ ކުރި އެވެ.

ރާއްޖޭގެ މީހުންނަށް ޔޯގާ ދަސްކޮށްދިނުމަށް އިންޑިއަން ކަލްޗަރަލް ސެންޓަރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހިންގި ޕްރޮގްރާމްތަކުގައި 2400 އަށް ވުރެ ގިނަ މީހުންނަށް އެކަން ދަސްކޮށްދީފައިވާ ކަމަށް ސަހާރޭ މިއަދު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު