ހުޅުމާލެއަށް ކުރިމަތިވި މެހީގެ މައްސަލަ ކޮންޓްރޯލް ކުރެވިއްޖެ: އެޗްޑީސީ

ހުޅުމާލެ ސާފް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ-- ސަން ފައިލް ފޮޓޯ

މާލޭގެ ހަ ވަނަ އަވަށް، ހުޅުމާލެއަށް ދިމާވެފައިވާ މެހީގެ މައްސަލަ ކޮންޓްރޯލް ކޮށްފި އެވެ.

ހުޅުމާލޭގެ ކަންކަން ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުނިސިޕަލް ހެޑް އިބްރާހިމް ހަލީލް ވިދާޅުވީ، އެ އަވަށަށް ދިމާވެފައިވާ މެހީގެ މައްސަލަ ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި މިހާރު އާންމު ހާލަތަކަށް އެއަވަށުގެ ކަންކަން ގޮސްފައިވާ ކަމަށެވެ.

"މިހާރު ހޮޓާތަކުގައިވެސް އަދި އާންމުކޮށް މީހުން ގޮސް އުޅޭ ތަންތަނުގައި މިހާރު ނޫޅެނެ މެއްސެއް. ދެން މަގުމަތީ ރޫޓިންކޮށް އެއުޅޭ އެއްޗެއް އުޅޭނެތާ ދެއްތޯ. މިހާރު ކޮންޓުރޯލް ކުރެވިއްޖެ،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މެހި ކޮންޓުރޯލް ކޮށްފައިވަނީ ޕެސްޓް ކޮންޓުރޯލް ކުރާޓީމެއް އެ އަވަށަށް ގޮސް ސްޕްރޭކޮށް ހަދައިގެން ކަމަށެވެ.

އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ކުނިނައްތާލުމަށް ބޮޑު ހައްލެއް ގެނައުމަށް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ހަލީލް ވިދާޅުވިއެވެ.

މީގެ ހަފްތާއެއްހާ ދުވަސްކުރިން ހުޅުމާލޭގައި އިންތިހާއަށް މެހިގިނަވެފައިވާއިރު އޭރު ހަލީލް ވިދާޅުވީ، އެ މެހިތަކަކީ އެރަށު ގޮނޑުން އަންނަ މެހިތަކެއް ކަމަށާއި ރަށު ތެރެއަށް މެހި ގިނަވެފައި ވަނީ ވައިބަދަލުވުމުގެ ސަބަބުން ކަމަށެވެ.

ގާތްގަނޑަކަށް 30000 މީހުން ދިރިއުޅޭ ހުޅުމާލޭގައި މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން މުޅި އެ ރަށުގައި ވަނީ އިންތިހާއަށް މެހި ގިނަވެފައެވެ. އޭގެ ސަބަބުން ކެއިން ބުއިމަށާއި އެހެނިހެން ކަންކަމަށް ވެސް ބޮޑެތި ދަތިތަކާއި ކުރިމަތިވާ ކަމަށް އެއަވަށުގައި ދިރިއުޅޭ ފަރާތްތަކުން އޭރު ބުންޏެވެ.

comment ކޮމެންޓް