ޓޫރިޒަމް ބޮއިކަޓް ކުރަން ގޮވާލަނީ ރައްޔިތުންގެ އަދުއްވުން: ރައީސް

އިފުރު އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވާހަކަދައްކަވަނީ – ފޮޓޯ: އިފުރު އެއާޕޯޓް ފޭސްބުކް ޕޭޖ

ޓޫރިޒަމް ބޮއިކަޓް ކުރަން ގޮވާލަނީ ރައްޔިތުންގެ އަދުއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމިން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރ. އިފުރު އެއާޕޯޓް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން ރައީސް ވިދާޅުވީ، ފަތުުރިވެރިކަމުގެ ސިނާއަތް ބޮއިކަޓް ކުުރުމަށް ގޮވާލުމަކީ ގޯހެއް ކަަމަށެވެ.

ރާއްޖޭގައި ހުޅުވާ ރިސޯޓްތަކުގައި މަސައްކަތްކުރާނީ ހަަމައެކަނި "ޕީޕީއެމްއާއި އެމްޑީއޭގެ ދަރިންނެއް" ނޫންކަމަށާއި ހުރިހާ "ޕާޓީއެއްގެ ދަރިން" އަދި ޕާޓީތަކަށް ނިސްބަތްނުވާ މީހުން މަސައްކަތް ކުރާނެ ކަަމަށް ރައީސް ވިދާޅުވި އެވެ.

" ގަބޫލުކުރިޔަސް ނުކުރިޔަސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ޓޫރިޒަމަށް އަންނަ ހަލުވި ތަރައްގީގެ މަންފާ ކުރާކަން އަޅުގަނޑުމެންނަށް އެހެރީ ލޯމަތިން ފެންނަށް،" ރައީސް ޔާމިން ވިދާޅުވި އެވެ.

އަތޮޅު ތެރޭގެ ކުޑަ ރަށެއްގައި ރީތި ގެއެއް ހެދިފާވާނަމަ އެގެއަކީ ކޮންމެވެސް ރިސޯޓެއްގައި މަސައްކަތްކުރާ މީހަކު ފޮނުވި ފައިސާ އިން އަޅާފައިވާ ގެއެއް ކަަމަށް ރައީސް ވިދާޅުވި އެވެ.

"ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ދަތިވާގޮތަކަށް ކަންތައް ކުރުމަށް އެއްވެސް އެކްސްކިއުޒެއް ނެތް ސަރުކާރަށް ދަތިވާނެ ކަމަށް ހީކޮށްގެންނެއް. އެކަމަކުންނެއް ސަރުކާރަށް އެކަންޏެއް ދައްޗެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ސިނާއަތް ބޮއިކަޓް ކުރަން ގޮވައިލާ ގޮވާލުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގެންޖެހޭނެ ކަަމެއްކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރާއި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަންނާނެ ކަަމަށާއި އިގްތިސާދީ ދުވެއްޔަށް މަޑުޖެހުމެއް އަންނާނެ އެއްވެސް ކަމަކަށް ޖާގަނުދޭނެ ކަަމަށް ރައީސް ވިދާޅުވި އެވެ.

މުޒާހަރާ ކުރުމަކީ މައްސަލައެއް ނޫންކަމަށާއި އެހެންނަމަވެސް އޭގެ ތެރޭގައި ރައްޔިތުންނަށް ގެއްލުންވާ ކަމަކަށް ގޮވާލައިގެން ނުވާނެ ކަަމަށް ރައީސް ވިދާޅުވި އެވެ.

"ދުވާލު ތިން ދަޅައަށް، ހަތަރު ދަޅައަށް ވެސް މުޒާހަރާ ކުރަންވީ. އެކަމަކު އަޅުގަނޑު ގަބޫލުނުކުރާ ކަމަކީ ގާނޫނާ ޚިލާފަށް ނުކުމެ މިކުރާ މަސައްކަތުގައި ތެރޭގައި އަޅުގަނޑުގެ އެއްވެސް ފުލުހެއް ގައިގަ އަނިޔާވާގޮތަށް އަތްލައިގެން ނުވާނެ،" ރައީސް ވިދާޅުވިއެވެ.

އަދި އެ އުފައްދާ ހަމަނުޖެހުމުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުގެ ރައްޔިތުންނަށް ގެއްލުންދީ ތަންތަން ރޯކޮށް މީހުންނަށް ޖިސްމާނީ ގޮތުން އަނިޔާ ކުރުމަކީ ސަރުކާރަށް ބަލައިގެނެވޭނެ ކަަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ކުރައްވާ މަސައްކަތްތައް އިމުގެ ތެރޭގައި ކުރެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ. އަދި ސަރުކާރުން އެކަންތައް ބަލައިގެންނާނެ ކަަމަށް ވިދާޅުވި އެވެ.

އިދިކޮޅުގައި ތިބިގެން މުޅި ރާއްޖޭގެ އިގްތިސާދީ ދިރުމާއި ގުޅިފައި ހުރި ކަންކަމަށް ގޮންޖަހާ ބޭރުގެ ފަރާތްތަކަށް އެކިކަހަލަ ނުބައި މައުލޫމާތުދީގެން ރާއްޖޭގެ އިގްތިސާދު ހަލާކުކޮށްލަށް ގޮވައިލާ ގޮވައިލުމަކީ އަމިއްލަ ނަފްސަށް ގެއްލުން ދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

އިފުރު އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ރ. އަތޮޅު ކައުންސިލްގެ ބޭފުޅުންނާއި އިފުރު އިންވެސްޓްމެންޓްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް