އަފްރާޝީމްގެ ހަދާނުގައި އުނގޫފާރުގައި އިސްލާމީ މަރުކަޒެއް ގާއިމްކުރަން ރައީސް ނިންމަވައިފި

ރައީސް ޔާމީން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ-- ސަން ފައިލް ފޮޓޯ

ޝަހިދުކޮށްލާފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝިމް އަލީގެ ހަދާނުގައި އެމަނިކުފާނުގެ ރަށް ކަމުގައިވާ ރ. އުނގޫފާރުގައި އިސްލާމީ ބިނާއެއް ގާއިމް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރ. އިފުރު އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަފްރާޝީމް ޝަހީދުކޮށްލާފައިވާތީ މޮޅިވެރިކަން ލިބިފައިވާ ކަމަށާއި އަފްރާޝީމް އަކީ ވަރަށް ޚިދުމަތްތެރި އިލްމުވެރިއެއް ކަމަށެވެ.

ރައީސް ވިދާޅުވީ އުނގޫފާރުގައި އިސްލާމީ މަރުކަޒެއް ގާއިމްކުރަނީ ޑރ. އަފްރާޝީމްގެ ޒިކުރާ އާކުރުމަށް ކަމަށެވެ.

"އަފްރާޝީމަކީ ރައްޔިތުންގެ މަޖިލީހުގައި އިންނަވައިގެން ރައްޔިތުންނަށް އިޚްލާސްތެރި އެދެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް. އެހެންވީމަ އަފްރާޝީމުގެ ހަދާނުގައި އަފްރާޝިމްގެ ޒިކުރާ އާކުރުމުގެ ގޮތުން މިސަރުކާރުން އަޅުގަނޑު ނިންމައިފިން އިސްލާމިކް ބިނާއެއް. އިސްލާމިކް މަރުކަޒެއް އުނގޫފާރުގައި މިސަރުކާރުން އިރާދަކުރެއްވިއްޔާ ގާއިމް ކުރާނަން." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރެއްގެ ގޮތުގައި ހުންނަވަނިކޮށް އެމަނިކުފާނު އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ އެވެ.

ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެނބުރި އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް ކަތިވަޅިއަކުން ޑރ. އަފްރާޝީމަށް ހަމަލާދީފައި ވަނީ އެރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގައެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުށް ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް ސާބިތުވެ، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ހުކުމް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

comment ކޮމެންޓް