ސީޒަން ބްރޭކަށްފަހު ސަޕޯޓަރުން ހިނިތުންވާ ފަދަ ބަދަލެއް ފެންނާނެ: ނިއު

އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ މެޗްގައި ނިއުރޭޑިނަޓް ވިކްތްރީ ބައްދަލު ކުރި މެޗްގެ ތެރެއިން ނިއުރޭޑިއަންޓް ކުޅުންތެރިން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ފުޓްބޯޅަ ސީޒަންގައި މިހާރު ހިނގަމުންދާ ބްރޭކަށް ފަހު އަލުން ފަށާއިރު ސަޕޯޓަރުން ހިނިތުންވާ ފަދަ ބަދަލެއް ޓީމުން ފެނިގެންދާނެ ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޑިރެކްޓަރު އޮފް ފުޓްބޯލް އަންވަރު ޢަލީ ވިދާޅުވެއްޖެ އެވެ.

ސަން މީޑިއާގެ ސަން ޓިވީގެ ކުޅިވަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަންވަރު ވިދާޅުވީ، ސީޒަން ބްރޭކަށް ފަހު ޓީމްގެ ޑިފެންސަށާއި ފޯވަޑް ލައިނަށް ރަނގަޅު ބަދަލެއް އަންނާނެކަމަށެވެ.

އެގޮތުން 2013 ވަނަ އަހަރު ނިއުރޭޑިއަންޓް ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް، ސީޒަންގެ ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑު ހެދިއިރު ނިއުގެ ޑިފެންސް ލައިންގައި މުހިންމު ދައުރެއް އަދާކުރީ ޔަންގް ކިންގްސީލީ ޖޯން އަލުން ނިއުގެ ޓީމާ ގުޅުމުން ޑިފެންސް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އަންވަރު ވިދާޅުވިއެވެ.

ކިންގްސްލީ މާލެ އައުމަށްފަހު ނިއުގެ ޑިފެންޑަރު ރިލްވަން ވަހީދާއެކު --- ފޮޓޯ/ ކިންގްސީ ފޭސްބުކް

އަންވަރު ވިދާޅުވީ ފޯވަޑް ލައިން ވަރުގަދަ ކުރުމަށްޓަކައި 2013 ވަނަ އަހަރު އޭއެފްސީކަޕްގައި މިޔަންމާގެ ޔަންގޮން ޔުނައިޓެޑްގައި ނިއުއާ ދެކޮޅަށް ކުޅުނު އައިވަރީކޯސްޓްގެ އެޑަމާ ކޯނޭ ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޯނޭއަކީ 2013 ވަނަ އަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ނިއުރޭޑިއަންޓާ ޔަންގޮން މާލޭގައި ކުޅުނު މެޗްގައި ނިއު ބަލިކުރުމަށް ނިއު ކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ކޯނޭ މިހާރު ކުޅެމުން ދަނީ ތައިލެންޑްގެ ދެ ވަނަ ޑިވިޝަންގެ ކުލަބެއް ކަމުގައިވާ އެފްސީ ޕޫކެޓްއަށެވެ.

ކޯނޭ އެޑަމާ: އޭނާ ނިއުރޭޑިއަންޓްގެ ޓީމާ ގުޅޭ ގޮތަށް ވަނީ ހަމަޖެހިފަ --- ފޮޓޯ/ ކޯނޭގެ ޓްވިޓާ

އަންވަރު ވިދާޅުވީ، ކޯނޭ ގެނައުމުގެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ.

އާ ކޯޗެއް ގެނައުމުގެ ކަންކަން ކުރިއަށްދޭތޯ ސުވާލު ކުރުމުން އަންވަރު ވިދާޅުވީ ކޯޗެއް ގެނައުމާމެދު ވިސްނާނީ ޓީމް ހަމަޔަކަށް އެޅުމުން ކަމަށެވެ.

ނިއުރޭޑިއަންޓްގެ ވަގުތީ ކޯޗް ސޮބާހް މުޙައްމަދު (ސޮބާ) ސަން އަށް މަޢުލޫމާތު ދެމުން ބުނީ ޓީމަށް ގެނައި ކުޅުންތެރިންގެ ސަބަބުން ސީޒަން ބްރޭކަށްފަހު ޓީމުން ތަފާތު ފެންނާނެ ކަމަށެވެ.

ސޮބާ ބުނީ ގައުމީ ޓީމްގައި ނިއުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނުމުން އެ ކުޅުންތެރިން ވާދަވެރި މެޗްތަކަކަށް ފަހު އެނބުރި އަންނައިރު އެ ކުޅުންތެރިންގެ ފަރާތުންވެސް ޓީމަށް ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. ގައުމީ ޓީމްގައި ނިއުރޭޑިއަންޓްގެ 10 ކުޅުންތެރިޔަކު ހިމެނެއެވެ.

comment ކޮމެންޓް