މިޔަރު އޮޑިއަށް އެރުން: ގަބޫލު ކުރަން ދަތި ހަގީގަތެއް!

މުހައިމަން ފަލަމަސްގަނޑުގައި މިޔަރު ދަތްއަޅާފައި-- ސަން ފައިލް ފޮޓޯ

ފ. ފީއަލީގައި ދުއްވާ ފަހިރޯދި ނަމަކަށް ކިޔާ 85 ފޫޓުގެ ކަންނެލި ދޯނި ތައްޔާރުވަމުން ދިޔައީ މަހަށް ދިއުމަށެވެ. އިއްޔެރޭ ދަންވަރު 3:00 ކަންހާއިރެވެ. އަބްދުލް މުހައިމިން ނައީމް، 22، ފިޔަވައި އޮޑީގައި ދެން ތިބި ބަަޔަކު ތިބީ އެންމަސް ބާނާށެވެ. ބާނާ މަސްތައް ވަތައް އެޅުމަކީ މުހައިމިންގެ ޒިންމާ އެވެ. ކޮންމެއަކަސް މަސްބާނާލެއް މަދުކަމުން މުހައިން އެމަށް ދިއްލާފައި ހުރި ލައިޓަކާ ދިމާލު ބަހައްޓަފައި ހުރި "އައިސް" ފޮށްޓެއްގެ ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ. ކުއްލިއަކަށް ދިމާވީ އަޖައިބު ކުރުވަނިވި ހާދިސާއެކެވެ.

"އެހެން ހުއްޓައި ލައިޓާ ދިމާލުން ވަރަށް ބާރަށް އެއްޗެއް ބަޑިޖެހިހެން ހީވެފައި އައިސް ޖެހުނީ ކަންކަށިމަތީ އެއްޗެއް. ކޯއްޗެއް ކަމެއް ނޭނގެ. ދެން ވެއްޓުނީ. ދެން ވެއްޓިފައި އެވީކަމެއްވީ. ދަތްއެޅިކަމެއް، އެހެންކަމެއް ނޭނގެ. ވެއްޓިފައި އެވީކަމެއްވީ،" އެ ހާދިސާ ސަން އަށް ކިޔައިދެމުން މުހައިމިން ބުންނެވެ.

މުހައިމިނަށް އެނގުނީ ވެއްޓުނު ކަމެވެ. ދެން ވީ ގޮތެއް ނޭނގެއެވެ. ހޭއަރައި ބެލިއިިރު މިއޮތީ ފައިގައި މިޔަރު ދަތް އަޅާފަ އެވެ. ހަމަލާދިނުމަށް ފަހު މިޔަރު އަނެއްކާވެސް މޫދަށް ފުންމާލައިގެން ދިޔައީ އެވެ. އެއާއެކު އަނެއްކާވެސް މުހައިމިން ބޯއަނބުރައިގެންފައި ވެއްޓުނެވެ. ދެން ހަމަހޭ އެރީ މޫނުގައި ފެންހާކާ ހެދިފަހުންނެވެ. އެ ހާދިސާގައި މުހައިމިންގެ ފައިގެ ފަލަމަސްގަނޑުގެ ދެތަނެއްގައި މިޔަރުގެ ތޫނު ދަތްތަކުން ހަމަލާދީ ވަނީ އިރާލައިފަ އެވެ. ފީއަލީ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު މިހާރު އޭނާ ދޫކޮށްލާފައިވާއިރު އޭނާގެ ހާލު ރަނގަޅެވެ.

މުހައިމިން ބުނާ ގޮތުގައި އޭނާއަށް ހަމަލާދިނީ މިޔަރެކެވެ. އެކަން އޭނާއަށް ޔަގީން ކޮށްދެނީ ދޯނީގައި ދެންތިބި މީހުންނެވެ. ދޯނީގައި ތިބި މީހުންނަށް ދޯނީގެ ޑެކްމަތީ ހައެއްކަ ފޫޓްގެ މިޔަރެއް އޮއްވައި ފެނުނު ކަމަށް އެމީހުންވެސް ބުނެ އެވެ. ނަމަވެސް އެއީ ކޮންވައްތަރެއްގެ މިޔަރެއް ކަމެއް އެމީހުންނަކަށް ބުނާކަށް ނޭނގެ އެވެ. އެއާއެކު އެމީހުންވެސް ހިއްސާކުރީ އަޖައިބުކުރުވަނިވި އެހެން ވާހަކައެއް ކަމަށް މިހައިމިން ކިޔައިދިނެވެ.

"ވަރަށް އެހެން ކަލަހަ ވަހެކޯ ދުވީ. ދުވަހަކުވެސް ނުދުވާކަހަލަ، އޭތި [މިޔަރު] އޮތްތަނުން ދުވަނީ،" މުހައިމިން ކިޔައިދިނެވެ.

އެއީ ނާދިރު ހާދިސާއެކެވެ. އެކަން ގަބޫލުކުރަން ގިނަބަޔަކަށް ދައްޗެވެ. މުހައިމިން ބުނަނީ ވެސް ހަމައެހެންނެވެ.

"އެއްވެސް މީހަކު ގަބޫލެއް ނުކުރޭ ދޯ، ދޯނީގެ މީހުން ނޫން ކަންނެއްޔަށް ދާ މީހުން ބުނަނީ ގަބޫލެއް ނުކުރެވެއޭ މި ވާހަކަތައް. އެއީ ދޮގެކޭ،" މުހައިމިން ބުންޏެވެ.

ކޮންމެ ބަޔަކު ކޮންމެ ގޮތަށް ވާހަކަ ދެއްކިޔަސް މުހައިމިންގެ ފައިގެ ފަލަމަސްގަނޑުގައި ދަތްއަޅާފައިވާ ނިޝާނަކީ މިޔަރެއްގެ ހަމަލާއެއްކަން ހެކިދެ އެވެ.

ދެން ކަމާގުޅޭ ތަޖުރިބާކާރުންގެ ބަހަށް ބަލަމާތޯ އެވެ. ރާއްޖޭގެ މަސްވެރިކަން ދިރާސާ ކުރުމުގެ އެކިކަންކަން ދިރާސާ ކުރުމުގައި 26 އަހަރު ހޭދަކުރައްވާފައިވާ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ހާފިޒް ވިދާޅުވާގޮތުގައި އެގޮތަށް މިޔަރެއް ދޯންޏަކަށް އަރައި މީހަކަށް ހަމަލާދިނުން ފަދަ ހާދިސާއެއްހިނގާފައިވާކަން ރާއްޖޭގެ ތާރީހުން އެނގޭކަށް ނެތެވެ. ނަމަވެސް އެއީ ނުވާނެ ކަމެއް ކަމަށް ވިދާޅެއްނުވެ އެވެ.

"މިއީ ވަރަށް ނާދިރު ކަމެއް. އަޅުގަނޑުމެންނަކަށް ރެކޯޑިންއެއް ނެތް. މިއީ ވަރަށް ރެއާ ކަމެއް. މިއީ ވަރަށް އާދަޔާ ހިލާފް ހާދިސާއެއް،" ހާފިޒް ވިދާޅުވި އެވެ.

މީހުންނަށް ހަމަލާދޭ ޒާތުގެ މިޔަރެއް--

އޮޑިޔަށް މިޔަރު އެރުމަކީ ނާދިރުކަމަކަށްވާ އިރު ހާއްސަކޮށް މީހަކަށް ހަމަލާދޭކަށް އޮޑިޔަށް ނާރާނެ ކަމަށް ހާފިޒް ވިދާޅުވި އެވެ. މިިފަހަރު އޮޑިޔަށް މިޔަރަށް އެ އެރުނީ ފުންމައިގަންނަން އުުޅުމުގެ ތެރޭގައި ކަމަށާއި މުހައިމިންގެ ފަޔަށް ހަމަލާދެވިފައި ވެސް އެވަނީ މިޔަރު އާދައިގެ މަތިން އޭތީގެ ސަލާމަތަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް ހާފިޒް ވިދާޅުވި އެވެ.

"މިޔަރު ވާގޮތަކީ މޫދުން ހިކޭއިރަށް އޭތި އަނގަ އުކަން ފަށާނެ. އަނގައުކަމުން އުކަމުންގޮސް އޭތި ބައިޓް ކުރާނެ. އެއީ އޭތީގެ ސަލާމަތް ހޯދަން ކުރާކަމެއް. ދެން އެއޮތީ މީހާ [މުހައިމިން] ވެއްޓިފައި އެކަހަލަ ގަޑީގައި ޖެހުނު ތަނެއްގައި ހިފާނެ،" ހާފިޒް ވިދާޅުވި އެވެ.

މިޔަރުގެ އުޅުން އާންމުކޮށް ހުންނަގޮތް ކިޔައިދެއްވަމުން ހާފިޒް ވިދާޅުވީ، މިޔަރު އެގޮތަށް ފުމެ އުޅުމަކީ ވަރަށް ނާދިރުކަމެއް ކަމަށެވެ. އާންމުކޮށް މިޔަރަކީ ލައިޓަށް އަރާއެއްޗެއް ނޫން ކަމަށްވެސް ހާފިޒް ވިދާޅުވި އެވެ. މިޔަރު އާންމު ގޮތެއްގައި މައްޗަށް އަރާނީ އައިނުގައި މަސްވެރިން ބާނާ މަސް މޫދުގައި އޮންނައިރު އެމަސް ކެއުމަށް ކަމަށާއި އެފަދަ ހާލަތްތަކުގައިވެސް އޮޑިޔަށް އެރުމަކީ ވަރަށް ނާދިރުކަމެއް ކަމަށް ވިދާޅުވި އެވެ.

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރަށްވާ އިރު އަދި އެތައް ބަޔަކު އެކަމުގައި ރެއާއި ދުވާލު ހޭދަކުރާއިރު މުހައިމިނަށް ދިމާވި ހާދިސާއަކީ މަސްވެރިންނަށް ސިހުމެއް ގެނުވި ކަމެކެވެ. ނަމަވެސް މަސްވެރިކަމުގެ ތަޖުރިބާކާރު ހާފިޒް ވިދާޅުވީ ރާއްޖޭގެގައި އޮޑިޔަށް އަރައި ހަމަލާދޭ ޒާތުގެ މަސް އާންމުކޮށް ނޫޅޭ ކަމަށާއި އެހެންކަމުން ދިވެހި މަސްވެރިން އެކަމަށް ބިރުގަންނަން ނުޖެހޭ ކަމަށެވެ.

އެ އާދަޔާ ހިލާފް ހާދިސާ ހިނގައި އެކަން ގަބޫލް ކުރަން ކިތަންމެ ދަތިވިޔަސް އެއީ ހަގީގަތެވެ. ހަމަ މިޔަރެއް އެއޮތީ އޮޑިޔަށް އަރައި މީހަކަށް ހަމަލާދީފަ އެވެ. ނަމަވެސް އެއީ ނާދިރު ހާދިސާއެކެވެ. މަސްވެރިން ބިރު ގަންނާނެ ކަމެއް ނެތެވެ. މަސްވެރިކަން ކުރާތާ އެއް އަހަރު ވެފައިވާ އަދި އެހާދިސާ ކުރިމަތިވި އުމުރުން 22 އަހަރުގެ މުހައިމިން އަދިވެސް ބުނަނީ، "އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި ވެސް މަސްވެރިކަން ކުރާނަން" ކަމަށެވެ.

comment ކޮމެންޓް