ބީއެމްއެލްގެ ހިއްސާއަކަށް 16 ރުފިޔާ ބަހަން ފާސްކޮށްފި

ބީއެމްއެލްގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 16 ރުފިޔާ ބަހަން އެ ބޭންކުގެ އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ.

އިސްލާމީ މަރުކަޒުގައި ކުރިއަށްދާ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމާފައި ވަނީ 86.1 މިލިއަން ރުފިޔާ އެވެ. ދެހާސް ތޭރަ ވަނަ އަހަރު ހިއްސާއަކަށް ބަހާފައި ވަނީ 15 ރުފިޔާ އެވެ.

ފާއިތުވި އަހަރު ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 518 މިލިއަން ރުފިޔާ އެވެ. ދެހާސްތޭރަ ވަނަ ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބިފާ ވަނީ 596 މިލިއަން ރުފިޔާ އެވެ.

އަހަރީ އާއްމު ޖަލްސާގައި ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ ބޭންކުގެ ތާރީޚުގައި ވެސް ހިންގި އެއްމެ ބޮޑު ޓެކްނޮލަޖީ ބަދަލުކުރުމުގެ ޕްރޮގްރާމް ފާއިތުވި އަހަރު ހިންގާފައިވާ ކަމަށެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކިން ހިދުމަތް ދިނުމަށް ބޭންކުން ކަނޑައަޅައިފައިވާ އަމާޒުގެ ދެބައިކުޅަ އެއްބައި ހާސިލްވެފައިވާ ކަމަށް އެންޑްރޫ ވިދާޅުވިއެވެ. ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ސަތޭކަ ރަށެއްގައި ބޭންކިން ހިދުމަތްދެމުންނެވެ.

" އަޅުގަނޑުމެން މިވަނީ މުޖްތަމައުތަކަށް، ޓެކްނޮލަޖީއަށް އަދި ދިގުމުއްދަތުގެ ފައިދާ އަށް ހަރުދަނާ ޕްލެޓްފޯމެއް ގާއިމުކުރުމަށް ވަރަށް ބޮޑެތި އިންވެސްޓްތަކެއް ކޮށްފައި،" އެންޑްހީލީ ވިދާޅުވިއެވެ.

މި ޖަލްސާގާ ވަނީ ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އިންތިޚާބުކޮށްފައެވެ. ސަރުކާރުން ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކުރި ފަރާތްތަކަކީ

  1. ފަރީހާ ޝަރީފް ހ. ޔެލޯރޯޒް (މިއަހަރު ހޮވުނު)
  2. އެންޑްރޫ ޖޯން ހީލީ
  3. މުހައްމަދު ޝަރީފް މ.އިފާއު
  4. އަބްދުލް ހާރިސް ގ.އެކްރާ
  5. މުހައްމަދު ލުވޭޒް މއ. ދިލާސާގެ
  6. މުރުތަޟާ މުހައްމަދު ދީދީ މއ. އަޅިވިލާ
  7. މުހައްމަދު އުމަރު ތުޑީގެ ފ. ނިލަންދު
  8. އައިޝަތު އަރުޝާ މ. ނަރުގިސްމާގެއާގެ (މިއަހަރު ހޮވުނު)

އާއްމު ހިއްސާދާރުންގެ ފަރާތުން ހޮވި ތިން ބޭފުޅުންނަކީ

  1. މުހައްމަދު އަބްދުއް ސައްތާރު މއ. ޓިއުލިޕް ވިލާ
  2. އިބްރާހިމް މުހައްމަދު ނެލުމް، ނ. ހޮޅުދޫ
  3. އިބްތިޝާމް އަހުމަދު ސައީދު ( ޗަމްޕާ ބްރަދާސް މޯލްޑިވްސް ތަމްސީލު ކުރައްވާ، އަލަށް ހޮވުނު )

އަހަރީ އާންމު ޖަލްސާގައި 2014 ވަނަ އަހަރުގެ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓް ފާސްކުރުން އޮތެވެ.

comment ކޮމެންޓް