ވަގުތައް ބަންދު ނުކޮށް، ބިދޭސީ ސޭޓުން ގެންގުޅުނު 88 ވިޔަފާރިއެއް ޖޫރިމަނާކޮށްފި

ފިހާރައަކުން މީހުން ހިދުމަތް ހޯދަނީ-- ސަން ފައިލް ފޮޓޯ

އަލަށް އެކުލަވާލި ގަވާއިދުގެ ދަށުން ބިދޭސީ ސޭޓުން ތިބޭ ފިހާރަތަކާއި ވިޔަފާރި ކުރުން މަނާ ވަގުތުތަކުގައި ހުޅުވާފައި ހުންނަ 88 ތަނެއް ޖޫރިމަނާކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭގެ ވިޔަފާރި ކުރާ ތަންތަން ޗެކްކުރިއިރު އޭގެ ތެރެއިން ބިދޭސީ ސޭޓުން ބެއިތިއްބުމާއި ވިޔަފާރި ބަންދު ކުރަންޖެހޭ ވަގުތުތަކުގައި ބަންދު ނުކުރާތީ ވޭދުވެދިޔަ ދެ މަސް ތެރޭ 88 ތަނެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

"ވޭތުވެދިޔަ އޭޕްރީލް މަހު 36 ފަރާތަކާ މެދު ފިޔަވަޅު އެޅިފައި ވަނީ، ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ބެއިތިއްބައިފައި ވާތީ، ދެން ވަގުތަށް ފިހާރަތައް ބަންދު ނުކުރާތީ ހަ ފަރާތަކާއި މެދު ފިޔަވަލު އެޅިފައި ވަނީ، މި މަހު 42 ފަރާތަކާއި މެދު ވަނީ ފިޔަވަޅު އެޅިފައި މި ވަނީ ބޭރު މީހުން ކޭޝިއަރުންގެ ގޮތުގައި ބައިތިއްބާފައި ވާތީ، ދެން ހަތަރު ފަރާތަކާއި މެދު ފިޔަވަޅު އެޅިފައި މި ވަނީ ވަގުތަށް ވިޔަފާރި ބަންދު ނުކުރާތީ،" އޮފިޝަލް ވިދާޅުވި އެވެ.

ހަމައެއާއެކު ރަޖިސްޓުރީނުކޮށް ވިޔަފާރިކޮށްފައިވާ ފަރާތްތައް 10000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ އެހެން ފަހަރުތަކުގައި ދޫކޮށްލި ގޮތަށް މިފަހަރު އެ މިނިސްޓްރީން ފިޔަވަޅު ނާޅައި ދޫކޮށް ނުލާނެ ކަމަށާއި ހުއްދަ ބާތިލު ކުރަން ވެއްޖެ ނަމަ އެކަން ކުރާނެ ކަމަށް ވެސް އާދަމް ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި ވެސް މާލޭގެ ފިހާރަތައް އެކި ދުވަހުގެ މަތިން ބަލައި ފާސް ކުރަމުންދާ އިރު އަތޮޅު ތެރޭ ފިހާރަތައް ވެސް ކައުންސިލްތައް މެދުވެރިކޮށް ބަލައި ފިޔަވަޅު އަޅާނެ ކަމަށް އާދަމް ވިދާޅުވި އެވެ.

comment ކޮމެންޓް