ރެއާލް މެޑްރިޑް ކޯޗް ކަމުން އަންޗޮލޯޓީ ވަކިކޮށްފި

ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އަންޗެލޮއްޓީ: އޭނާ މަގާމުން ވަކިކުރެއްވިކަން އެންގެވީ ރެއާލްގެ ރައީސް-- ފޮޓޯ އޭޕީ

ރެއާލް މެޑްރިޑްގެ ކޯޗްކަމުން އިޓަލީގެ ކާލޯ އަންޗޮލޯއްޓީ ވަކޮށްފި އެވެ.

ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕިރޭޒް ވަނީ އަންޗޮލޯޓީއާ ބައްދަލުކުރައްވައި އޭނާ މަގާމުން ވަކިކޮށްފައިވާކަން އަންގާފައެވެ.

"ކްލަބްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ ކާލޯ އަންޗޮލޯޓީ އަދާކުރަމުންދިޔަ ރެއާލްގެ ކޯޗުގެ ވަޒީފާއިން އޭނާ ވަކިކުރުމަށް،" ރެއާލްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަށްފަހު ބޭއްވި ނިއުސްކޮންފަރެންސްގައި ފްލޮރެންޓީނޯ ވިދާޅުވި އެވެ.

ފޮލޮރެންޓީނޯ ވިދާޅުވީ، އެ ނިންމުމަކީ ޑިރެކްޓަރުންގެ ބޯޑަށްވެސް އުނދަގޫ ނިންމުމެއް ކަމަށާއި ނަމަވެސް ރެއާލްއަށް އެންމެ ފައިދާ ހުރި ގޮތަކަށް އަދި ރެއާލުން ކަންތައް ނިންމަންޖެހޭނެކަމަށެވެ.

ފްލޮރެންޓިނޯ ވިދާޅުވީ، އަންޗޮލޯޓީއަކީ އޭނާގެ ނަން ރެއާލްގެ ތާރީހްގައި ލިޔެވޭފަދަ ހިދުމަތްތަކެއް ކޮށްދީފައި ހުރި ކޯޗެއްކަމަށާއި އޭނާ ކޮށްދީފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާ ކުރާކަމަށެވެ.

ރެއާލްގެ އާ ކޯޗްގެ މަގާމަށް ގެންނާނެ މީހެއްގެ ނަން އަންނަ ހަފުތާގައި އިއުލާން ކުރާނެ ކަމަށް ފްލޮރެންޓިނޯ ވިދާޅުވި އެވެ. އާ ކޯޗްގެ މަގާމަށް އައުން އެންމެ ގާތް ކެނޑިޑޭޓަކީ ކޮބައިތޯ ނޫސްވެރިން ސުވާލު ކުރުމުން ފްލޮރެންޓީނޯ ވިދާޅުވީ އާ ކޯޗްކީ ސްޕެނިޝް ބަހުން ވާހަކަ ދައްކާ ކޯޗެއް ނަމަ ރަނގަޅު ވާނެކަމަށެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރެއާލް މެޑްރިޑްގެ ކޯޗްކަމަށް ދެން ގެންނާނީ އިޓަލީގެ ނަޕޯލީގެ ކޯޗް ސްޕެއިންގެ ރަފޭލް ބެނިޓޭޒްއެވެ. ބައެއް މީޑިއާތަކުން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. ބެނިޓޭޒްވަނީ 1993 ން 1995 ށް ރެއާލްގެ ޒުވާން ޓީމަށްވެސް ކޯޗް ކޮށްދީފައެވެ. ރެއާލްގެ ކުރީގެ ކޯޗް އަންޗޮލޯޓީ ކުރިން ބުނެފައިވަނީ ރެއާލްއިން އޭނާ ބަހައްޓަން ނިންމައިފިނަމަ މަޑު ކުރާނެ ކަމަށާއި ދޫކޮށްލަން ނިންމައިފިނަމަ އަލުން ކޯޗެއްގެ ގޮތުގައި ޓީމަކުން ފެންނާނީ އެއް އަހަރުގެ ބްރޭކަކަށް ފަހުގައި ކަމަށެވެ.

އަންޗޮލޯޓީ ގެންދަން އޭނާގެ ކުރީ ކުލަބު އޭސީ މިލާނުން ވަނީ ހުށަހަޅާފައެވެ.

comment ކޮމެންޓް