ހަނދުބަލާ ކޫލު ދުވަސް: ތޮއްޑޫ ރޯދައަށް ތައްޔާރުވާ ދުވަސް

އއ. ތޮއްޑޫ އަކީ ރޯދަޔަށް ހާއްސަ ރަށެކެވެ. އެއީ ރޯދަމަހު ދިވެހިންގެ އަރުތެރެ ހެއްވާލާ ރަސްބުއިން ކަމުގައިވާ ކަރާ ހެއްދުމުގައި ރަސްކަން ކުރާ ރަށެވެ. އެއީ ރޯދަޔާއި ތޮއްޑޫ އާއި އޮތް އެންމެ ބޮޑު ގުޅުމެވެ. ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ އެ ވާހައެއް ނޫނެވެ. ރޯދަޔާ އެކު ތޮއްޑު އާއި ގުޅިލާމެހިފައިވާ އަދި އެކަމަކަށް ބޮޑު ބަދަލެއް އައިސްފައިނުވާ އެހެން ކަމެއްގެ ވާހަކައެވެ. ތާރީޚަށް ދެމިގެންގޮސްފައިވާ ތޮއްޑޫގައި ކިޔާ ގޮތަށް ނަމަ [މާހިފުން] ގެ ވާހަކައެވެ.

ރޯދަމަސް ފެށެން ކައިރިވުމާ އެކު މާހެފުމުގެ ހަރަކާތްތަކަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ފޯރިނަގާ ކަމެކެވެ. ފޮނި ކެއުންތަކުން އެއްބަޔަކު މާހެފުން ބާއްވާއިރު އަނެއް ބަޔަކު މާހެފުން ބާއްވަނީ ޒަމާނީ ކެއުންތަކުންނެވެ. ކޮންމެ ގޮތަކަށް މާހެފުން ބޭއްވިޔަސް އަޣުލަބިއްޔަތު ރަށްރަށުގައި އެކަން ކުރަނީ އެކުވެރިންތަކެއް ވަކި ގަޑިއަކަށް އެއްވެ ބާއްވާލާ ގަޑިއިރެއްހާ އިރުގެ ކުޑަ ކެއުމެއްގެ ގޮތުގަ އެވެ.

އެއީ އާންމުކޮށް ރާއްޖޭގައި އެކަން ކުރާ ގޮތެވެ. ނަމަވެސް ތޮއްޑޫގައި "މާހިފުން" މުޅިން ތަފާތެވެ. މީގެ 70 ވަރަކަށް އަހަރު ކުރިއަށް ޖެހިލަމާތޯ އެވެ. އޭރު ތޮއްޑޫގައި މާހެފުން ބާއްވަނީ ޝައުބާން މަހުގެ 29 ވަނަ ދުވަހު އެވެ. އެ ދުވަހު ފެށުން އޮންނާނީ ފަޅުތެރޭ ދޯނި ދުއްވުމަކުން ކަމަށްވެ އެވެ. އެ ދުވަހު ކެއުމަކަށް އެންމެ ހާއްސަ އެއްޗަކީ "ކުނބުސް" ނަމަކަށް ކިޔާ ބޯކިބަލެކެވެ.

"ކުނބުހަކީ ފޮނި އެއްޗެއް. ދިއްގާ ފަތުގައި ޖަހައިގެން ފިހާ އެއްޗެއް. މިސުރު ބޯކިބަލުގެ ކުޑަބޮޑު މިނުގައި އާންމުކޮށް ފިހާނީ އިނގޭތޯ،" ތޮއްޑުއަށް އުފަން، އަދަބީ ދާއިރާގެ ޚިދުމަތްތެރިޔާ، އާދަމް ނަސީރު އިބްރާހިމް ވިދާޅުވި އެވެ.

މާހިފުމަށް ދާން ދުރާލައި ރަށުގެ ދޯނިތައް ތައްޔާރު ކުރެވެ އެވެ. ހަރިޔަނު ދޯނި ފަހަރާއި ވަދު ދޯނި ފަހަރުގެ ރިޔާ އާ ކުރެވެ އެވެ. ފަލިތައް މަރާމާތު ކުރެވެ އެވެ.

"ފަޅު ތެރޭ ދޯނި ފަހަރު ދުއްވާނީ، އޭގައި އޮންނާނީ ދޯނި ދުއްވުމާއި ދޯނި ފައްތާލުމާއި، ކެއުމާއި މަޖާ ކުރުން. ކުދިބޮޑު އެންމެން ގުޅިގެން ވަރަށް އެކުވެރި ރޫޙެއްގައި ކުރާކަމެއް. ކޮންމެ ގެޔަކުން ވެސް މަންމަމެން ބައްޕަމެން ކުދީން ގޮވައިގެން އެ ދުވަހު ހެނދުނު ރަށުގެ އަންހެނުންމަގު އަތިރިމައްޗަށް ދާނެ. ކާއެއްޗަކަށް ގެންދާނީ ކުނބުސް" އާދަމް ނަސީރު ހަދާންތައް ހިއްސާކުރަމުން ވިދާޅުވި އެވެ.

އެމަޖަލުގައި އެދުވަހުގެ ބޮޑުބައެއް އެޒަމާނުގައި ހޭދަކުރެ އެވެ. އެއީ ވަރަށް ޒަމާންވީ އާދައެއް ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ. ތޮއްޑޫގެ މާހިފުމުގެ ބޯދާ ނަމަކީ "ހަނދު ބަލާ ކޫލު ދުވަސް" އެވެ. ސަބަބަކީ އެ ދުވަހުގެ ރެޔަކީ ރޯދަޔަށް ހަނދު ބަލާ ރެޔެ އެވެ. މި ނަން އިޝާރާތް ކުރަނީ އެރެޔަށެވެ.

އެއީ މާޒީ އެވެ. މިހާރު ވެސް އެދުވަސް އެރަށުގައި ފާހަގަކުރަނީ އެއާ ގާތްގަނޑަކަށް އެއްގޮތަކަށެވެ. ނަމަވެސް ކުދި ބަދަލުތަކެއްވެ އެވެ. އެގޮތުން ތޮއްޑޫގައި މިހާރު މާހެފުން ބާއްވަނީ އެރޯދަމަހެއް ފެށެން އެންމެ ކައިރީގައިވާ ސަރުކާރާއި ސްކޫލްތައް ބަންދު ދުވަހެއްގަ އެވެ. ބޭނުމަކީ ކުދިބޮޑު އެންމެން އެކަމުގައި ޝާމިލް ކުރުމެވެ. އަދި ކައިރި ރަށްރަށުންނާއި އެރަށު މީހުންގެ ރަހުމަތްތެރިން ވެސް އެއުފަލުގައި ބައިވެރިވުމަށް އެރަށަށް އާދެ އެވެ.

ތޮއްޑޫ މާހިފުމުގެ ހަރަކާތުގެ ތެރެއިން-- ސަން ފޮޓޯ

"ރޯދަ ކައިރިވާވަރަކަށް ރަށު ތެރޭ ވާހަކަތައް ދެކެވޭނެ ކޮން ދުވަހަކުންތޯ މިފަހަރު މާހެފުން ބާއްވާނީ، އެހެން ވާހަކަ ދެކެވެމުންގޮސް ރޯދަޔާއި އެންމެ ކައިރި އޮންނަ ބަންދު ދުވަހެއްގައި އެކަން ކުރާނީ." ތޮއްޑުއަށް އުފަން 22 އަހަރުގެ ޒުވާނަކު ބުންޏެވެ.

ހާއްސަ ކަމަކީ އެރަށުގައި މާހެފުން ކުރިއަށް ގެންދަނީ ރަށު ރައްޔިތުން އެއް ދުވަހެއްގައި ކަމެވެ. މާހެފުމަކީ އެރަށުގައި ވަކިވަކިން ބާއްވާ ކަމެއް ނޫނެވެ. އެންމެން އެއް ދުވަހެއްގައި އެކަން ކުރާއިރު މުޅި ދުވަސް އެކަމުގައި ހޭދަކުރެއެވެ. އެގޮތުން ހެނދުނު ހެނދުނާ ރަށު ރައްޔިތުން އެރަށުގެ ގޮނޑުދޮށުގެ ކޮންމެވެސް އެއް ސަރަހައްދަކަށް ޖަމާވެ އެވެ. އެއަށް ފަހު މުޅި ދުވަސް ހޭދަކުރާނީ އެތަނުގަ އެވެ.

"ވަކި ހާއްސަ ސަރަހައްދެއް ކަނޑައަޅައި، އަތިރި މަތީގައި ޕިކްނިކް ދާ އުސޫލުން އަޅުގަނޑުމެންގެ ހަދާނުން ފެށިގެން ވެސް މާހެފުން ފާހަގަ ކުރަމުން އަންނަނީ،" ތޮއްޑޫ ކައުންސިލް ރައީސް ހަސަން އިބްރާހިމް ވިދާޅުވި އެވެ.

ހެނދުނު ހެނދުނާ މާހަފަން ދާ ތޮއްޑޫގެ ރައްޔިތުން އެދުވަހުގެ އިރުއޮއްސެންދެން ވަގުތު ހޭދަކުރާނީ އެސަރަހައްދުގަ އެވެ. އެދުވަހުގެ ކެއްކުމާއި ކެއުން އޮންނާނީ އެސަރަހައްދުގަ އެވެ. ކުރީ ޒަމާނުގެ މާހެފުމުގައި ދިވެހި ކެއުން ކައްކައިގެން ކެއި ނަމަވެސް މިހާރުގެ ތަފާތަކީ ޒަމާނީ ކެއުންތައް ކެއްކުމެވެ.

"އެއް ސަރަހައްދަކަށް އެންމެ އެއްވެ ކައްކާކައި ހަދާއިރު އެއް ބަޔަކު އަނެއް ބަޔަކު ތިބޭ ހިސާބަށް އައިސް ކައި ހަދާނެ، ވަރަށް އެކުވެރިކޮށް އުޅޭނީވެސް،" ތޮއްޑޫ ޒުވާނަކު ބުންޏެވެ.

ރޯދަޔަށް ހިތް އުފާ ކުރުމުގެ ގޮތުން ކެއުމުގެ އިތުރުން ތޮއްޑޫގެ އެމާހެފުމުގައި ހާއްސަ އެހެން ހަރަކާތްތަކެއް ވެސް ކުރިއަށްދާނެ އެވެ. އެއީ ކުޅިވަރުތައް ކުޅުމެވެ. އެމާހެފުމުގެ ތެރެއިން މޫދު ކުޅިވަރުތައް ކުޅުމާއި ތަފާތު މަޖާ ކުޅިވަރުތައް ކުޅުން އޮވެއެވެ. މިއީ އެހެން މާހެފުންތަކާއި އޮތް ބޮޑު ތަފާތެކެވެ.

ތޮއްޑޫ މާހިފުމުގެ ހަރަކާތުގެ ތެރެއިން-- ސަން ފޮޓޯ

އެހެންރަށްތަކާ ހިލާފަށް ތޮއްޑުގައި ބާއްވާ މާހެފުން ނިންމާލާނީ އެދުވަހެއްގެ އިރު އޮއްސުމުންނެވެ. އެވީ ގެއަށް އަންނާށެވެ. ދެން އެހިސާބުން ރޯދަޔަށް މާހަފައި ނިމުނީއެވެ. ތާރީހުން ފެށިގެން މިއަދާއި ހަމައަށްވެސް އެރަށުގައި މާހެފުން ފާހަގަ ކުރަނީ އެއްދުވަސް އެއްކޮށް އަތިރިމަތީ ހޭދަކުރާ ގޮތަށެވެ. ރަށު ރައްޔިތުން އެކީގަ އެވެ.

comment ކޮމެންޓް