މިސްކިތްތައް މަރާމާތު ކުރަން މިއަހަރު 30 މިލިއަން ރުފިޔާ ހަރަދުކުރާނެ

މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފައިލް ފޮޓޯ

މާލެ އާއި ރާއްޖޭގެ އެކި ރަށް ރަށުގައި ހުރި މިސްކިތްތައް މަރާމާތު ކުރަން މިއަހަރު ޖުމްލަ 30 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތައް މަރާމާތު ކުރަން ބޮޑު ހަރަދުތަކެއް ކުރާއިރު ރޯދަމަސް ފެށެން ވާއިރަށް ބައެއް މިސްކިތްތަކުގެ މަސައްކަތް ނިންމާނެ ކަމަށެވެ.

އެގޮތުން މިއަހަރު މިސްކިތްތައް މަރާމާތު ކުރާއިރު، ރޯދަ މަހަށް ވާއިރަށް މާލޭގައި ހުރި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތައް ނިންމާނެ ކަމަށާއި އެ މަސައްކަތަށް 2.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އެ މަސައްކަތްތައް ހަފްތާއެއްގެ ތެރޭގައި ފަށާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ މިއަހަރު ދައުލަތުގެ ހަރަދުގައި ރާއްޖޭގައި 15 މިސްކިތެއް ބިނާ ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށްރަށެއްގައި ބިނާކުރާ މިސްކިތްތަކެއް ކަމެއް ވިދާޅެއްނުވެ އެވެ. އޭގެ އިތުރުން 18 މިސްކިތެއްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ސައުދީ ރަސްގެފާނުގެ ހިލޭ އެހީގެ ދަށުން ހަތް މިސްކިތެއް ބިނާކުރާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ވާހަކަ ދައްކަވަނީ

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދާދި ފަހުން އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާ އިރު މިނިސްޓަރު ވިދާޅުވީ ހުޅުމާލޭ މިސްކިތުގެ ގުއްބުން ފެން ލީކުވުމުގެ މައްސަލަ މީގެ ހަ އަހަރު ކުރިން ފެށިގެން ދިމާވަމުންދާ އިރު، އެ މައްސަލަ ވަގުތީގޮތުން ހައްލުކުރުމަށް އެޗްޑީސީއާއާ ހަވާލުކޮށް، އެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ފަށާނެ ކަމަށެވެ.

މިނިސްތަރު ވިދާޅުވީ އެ މިސްކިތުގެ އިތުރުން މާލޭގެ މިސްކިތްތަކުގެ މަރާމާތުގެ ކަންކަން ރޯދަމަހަށް ނިންމާލާނެ ކަމަށެވެ.

comment ކޮމެންޓް