ބޯދާވެރިން ތަންތަނުގައި ތިބެއްޖެނަމަ އާ ކަމަކަށް ފުރުސަތެއް ނުލިބޭނެ: އާސިފް

ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް: ޕެރަމޯޓާ ކުޅިވަރު ރާއްޖޭގައި އަލަށް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާސިފް ވިދާޅުވީ މީގެ ކުރިން އެފަދަ ކަންކަން ކުރަން ޖެހުނީ ވަރަށް އުނދަގުލުން ކަމަށް-- ސަން ފައިލް ފޮޓޯ

"ބޯދާވެރިން ތަންތަނުގެ ވެރިންނަށް" ތިބެންވެއްޖެނަމަ އާ ކަމެއް ރާއްޖޭގައި ތައާރަފު ކުރުމުގެ އެއްވެސް ފުރުސަތެއް ނުލިބޭނެ ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވެއްޖެ އެވެ.

ނައިޓް މާކެޓް ހުޅުވައި ޕެރަމޯޓާ ކުޅިވަރު ރާއްޖޭގައި އަލަށް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާސިފް ވިދާޅުވީ މީގެ ކުރިން އެފަދަ ކަންކަން ކުރަން ޖެހުނީ ވަރަށް އުނދަގުލުން ކަމަށެވެ.

"މީގެ ކުރިން އަޅުގަނޑެމެން މިފަދަ ކަންކަމުގައި އެތައް މިނިސްޓްރީތަކަކަށް ސިޓީ ފޮނުވާފައި ވެސް ހުންނާނެ. ނަމަވެސް އަޅުގަނޑުމެންނަށް ލިބޭ ޖަވާބަކީ އެކަމެއް ނުވާނެއޭ އެކަމުގެ ހުއްދައެއް ނުލިބޭނެއޭ. މިއަދު އަޅުގަނޑުމެންގެ ޒުވާނުންނަށް މިފަދަ ކަންކަން ތައާރަފުކުރެވިގެން މި ދަނީ ޒުވާން ވެރިން ތަންތާ ވެރިންނަށް ތިބޭތީ،" އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ ޕެރަމޯޓާ ހަރަކާތް މިއަދު ރާއްޖޭގައި އަލަށް ދައްކާލި ނަމަވެސް، ކުރިއަށް އޮތްތާގައި ރާއްޖޭގެ ޒުވާނެއް ރާއްޖޭގައި ޕްރަމޯޓާ ހަރަކާތް ދައްކާލާނެ ކަމަށެވެ. އަދި އެ ޖަމިއްޔާއިން ބޭނުން ވަނީ ބޭރުގެ ޕައިލެޓުން ގެނެސް ރާއްޖޭގެ ކުދިންނަށް އެކަންކަން ތައާރަފު ކުރުން ކަމަށް އާސިފް ވިދާޅުވި އެވެ.

"ބޯދާމީހުން ތަންތާ ވެރިންނަށް ތިބިއްޔާ އެކަމުގެ ފުރުސަތެއް ދުވަހަކު ވެސް ނުލިބޭނެ" ކަމަށާއި "އެކަންކަން ކުރުމުގެ ބިރު އެ މީހުންނަށް އަބަދުވެސް ހީވާނެ ކަމަށާއި ނަމަވެސް މިއަދުން ފެށިގެން ރާއްޖޭގައި، ހާއްސަކޮށް ޒުވާނުންނަށް އާ ކަންތައްތައް ތައާރަފުކުރެވިގެންދާނެ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

އެގޮތުން މިފަހަރުގެ ނައިޓްމާކެޓްގައި އަށް މީހުންގެ ޖާގައިގެ "ހޮޓްއެއާ ބެލޫން" އެއް ބަހައްޓާނެ ކަމަށް އާސިފް ވިދާޅުވި އެވެ.

comment ކޮމެންޓް