ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ނުބެހެއްޓިޔަސް ޑޮލަރުގެ އަގު ތިރިވެއްޖެ: އަދީބު

އަދީބު: ޑޮލަރުގެ އަގު ތިރިވެ، ދިވެހި ރައްޔިތުންނަށް މިހާރު ޑޮލަރު ލިބެމުންދާ ކަމަށް ވިދާޅުވި--- ސަން ފައިލް ފޮޓޯ

ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ނުބަހައްޓައި ވެސް ޑޮލަރުގެ އަގު ތިރިވެ، ދިވެހި ރައްޔިތުންނަށް މިހާރު ޑޮލަރު ލިބެމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

މިނިވަން 50 ގުޅުވައިގެން މިއަހަރު ކުރިއަށް ގެންދާ ނައިޓް މާކެޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގައި އަލަށް ޕެރަމޯޓާ ހަރަކާތް ތައާރަފުކުރުމަށް އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވީ ޑޮލަރު އަގު ތިރިވެ ރާއްޖޭގެ އިގްތިސޯދު މިހާރު ފުޅާވަމުން އަންނަ ކަމަށެވެ.

"ދިވެހިރާއްޖޭގައި މިހާރު ވިޔަފާރިތަކާ އިގްތިސޯދު މި ދަނީ ކުރިއަރަމުން. ޑޮލަރުގެ އަގު ތިރިވެ ފުލުހަކު ނުބަހައްޓާ ޑޮލަރު މިދަނީ ދިވެހި ރައްޔިތުންނަށް ލިބެމުން. އަދި އިގްތިސޯދު މިދަނީ ފުޅާވަމުން،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ ރާއްޖެއަކީ ކުޑަ ޖަޒީރާ އަދި ޓޫރިޒަމް ކުރިއަރާފައިވާ ގައުމަކަށް ވާއިރު ޕެރަމޯޓާފަދަ ޓޫރިޒަމާ ވެސް ގުޅުން ހުރި "އެކްސްޓްރީމް ސްޕޯޓްސް" ރާއްޖޭގައި ތައާރަފު ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ދިވެހިރާއްޖޭގެ ވެރިންގެ އެއްބާރުލުން ޒުވާނުންނަށް ދެއްވަންޖެހޭ ކަމަށް އަދީބު ވިދާޅުވި އެވެ.

"އެކްސްޓްރީމް ސްޕޯޓްސްތަކަކީ އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިރާއްޖޭގައި އެކްސްޓްރީމް ސްޕޯޓްސްގެ ސްކޯޕް ވަރަށް ބޮޑު. ޓޫރިޒަމް ކުރިއަރައި ޑޮމެސްޓިކް އެއާޕޯޓުތައް ވެސް ގިނަ ތަނެއްގައި ފަތުރުވެރިންނާ ގުޅުންހުރި މިފަދަ ކަންކަން ކުރެވިދާނެ. އެހެންވީމަ ދިވެހިރާއްޖޭގެ ވެރިން ވެސް ޒުވާނުންނަށް މިފަދަ ފުރުސަތުތައް ފަހިކޮށްދޭން ޖެހޭކަމަށް އަޅުގަނޑު ގަބޫލުކުރަން،" އަދީބު ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ އެފަދަ ކަންކަން ކުރިއެރުވުމުގައި ހުރިހާ ފަރާތްތަކުން އެއްބާރުލުންދޭންޖެހޭ ކަމަށެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައި ޑޮލަރުގެ އަގު 12.85 ރުފިޔާއިން 15.42 އަށް ބޮޑު ކުރުމާ ގުޅިގެން ޑޮލަރު ދަތިކަން އާންމުންނަަށް ކުރިމަތިވުމާ ގުޅިގެން ރައީސް ނަޝީދު 2011 ވަނަ އަހަރު ވިދާޅުވެފައި ވަނީ ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ބަހައްޓައިގެންވިޔަސް ޑޮލަރުގެ މައްސަލަ ހައްލު ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް