ކެދީރާ ރެއާލް ދޫކޮށްލަނީ

ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ސާމީ ކެދީރާ --

ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ސާމީ ކެދީރާ މިސީޒަނަށްފަހު އެޓީމް ދޫކޮށްލާނެކަމަށް އޭނާ ބުނެފިއެވެ.

ރެއާލްގެ ޗޭންޖިން ރޫމްގައި އޭނާ އެކަނި ހުރެ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރަމްގައި ޝެއާ ކުރުމަށްފަހު، ކެޕްޝަންގައި އޭނާ ބުނެފައިވަނީ މިއީ ރެއާލް މެޑްރިޑްގައި ހޭދަ ކުރާ އެންމެ ފަހު ވަގުތު ކަމަށާއި އޭނާ ރެއާލް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.

"މިއީ އަހަރެން ރެއާލް މެޑްރިޑްގައި ހޭދަކުރާ އެންމެ ފަހު ވަގުތު ކޮޅު. އަހަރެން މިދަނީ! އެކަމަކު ހަމަ ޔަޤީނުންވެސް އަހަރެން މި ބްލަނު މަތިން ހަދާންވާނެ. މިކުލަބުގެ މުވައްޒަފުންނާއި އަހަރެންގެ އެކުވެރި ކުޅުންތެރިންގެ މަތިން ވެސް ހަދާންވާނެ. ރެއާލްއާއި އެކު ހޭދަކުރި ދަތުރަކީ ހަދާން ނައްތާލެވޭނެ ދަތުރެއް ނޫން،" ކެދީރާ އިންސްޓަގްރަމްގައި ޝެއާކޮށްފައިވާ ފޮޓޯގެ ކެޕްޝަންގައި ބުނެފައިވެއެވެ.

ކެދީރާ އިންސްޓަގްރަމްގައި ޝެއާކޯށްފައިވާ އޭނާގެ ފޮޓޯ --- ފޮޓޯ/ އިންސްޓަގްރަމް

ފަހަކަށް އައިސް ކައިރިކައިރީގައި އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވުމުގެ ސަބަބުން ކެދީރާއަށް ރެއާލްގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބެނީ މަދު މެޗެއްގައެވެ.

ސްޕެއިންގެ ކުޅިވަރު ނޫސް މާސާއަށް ދީފައިވާ އިންޓަވިއުއެއްގައި ކެދީރާ ބުނެފައިވަނީ ރެއާލުން އޭނާ ގާތުގައި ސީދާ ޓީމް ދޫކޮށް ދާން ނުބުނާކަމަށާއި ނަމަވެސް ނުސީދާކޮށް އެހެން ބުނާކަމަށެވެ.

ނުސީދާކޮށް ބުނަނީ ކިހިނެތްތޯ ސުވާލުކުރުމުން ކެދީރާ ބުނެފައިވަނީ ކްލަބުގެ މަސްއޫލުވެރިންގެ އިޝާރާތްތަކުންނާއި ހަރަކާތްތަކާއި ކޮމެންޓްތަކުން ދޭހަވަނީ އޭނާ ޓީމް ދޫކޮށްލަން ޖެހޭ ކަމުގެ މެސެޖް ކަމަށެވެ.

ރެއާލް މެޑްރިޑާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކެދީރާ ސޮއި ކުރީ 2010 ވަނަ އަހަރުއެވެ. މިސީޒަންގައި އޭނާގެ ކޮންޓްރެކްޓް ހަމަވާއިރު އޭނާ ގެންދަން ބޭނުންވާ ޓީމަކުން އެއްވެސް އަގެއް ރެއާލްއަށް ދައްކާކަށް ނުޖެހޭނެއެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރެއާލްގައި ކެދީރާ އަށް ކުރިން ކޯޗްކޮށްދިން ޗެލްސީ މިހާރުގެ ކޯޗް ހޯސޭ މޮރީނިއޯ ކެދީރާ ޗެލްސިއަށް ގެންދަން ޝައުޤުވެރިވެއެވެ. އަދި ޖަރުމަންގެ ޝާލްކޭ އިންވެސް އޭނާއާ މެދު ޝައުޤުވެރިކަން ވަނީ ފާޅުކޮށްފައެވެ.

comment ކޮމެންޓް