އެއާޕޯޓުގައި މުޒާހަރާ ކުރި މީހުންގެ ޝަރީއަތް ނޫސްވެރިން ނުވައްދައި ކުރިއަށްގެންގޮސްފި

ޝަރީއަތަށްފަހު ދައުވާ ލިބޭ މީހުން ރައީސް ނަޝީދުގެ ޕޯސްޓަރު ހިފައިގެން ޖަސްޓިސް ބިލްޑިންގްގެ ބޭރުގައި ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މިދިޔަ މާޗް މަހުގެ ފަސް ވަނަ ދުވަހު އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މުޒާހަރާ ކުރި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް ނޫސްވެރިން ނުވައްދައި ބާއްވައިފި އެވެ.

މިއަދުގެ ޝަރީއަތް އަޑުއެހުމަށް ނޫސްވެރިން ހިމެނޭގޮތަށް އެއްވެސް ބަޔަކު ނުވައްދައެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ޝަރީއަތް އަޑުއެހުމަށް އެއްވެސް ބަޔަކު ނުވެއްދީ މީހުން ތޮއްޖެހި ޖާގަދަތިވުމުގެ ސަބަބުން ހެކިބަސްދޭ މީހުންނަށް އޮޅުން އަރާތީ ކަމަށެވެ.

ދައުވާ ލިބޭ އާއިޝަތު މަންދޫހާ ޝަރީއަތަށްފަހު ކޯޓުން ނުކުންނަނީ ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އެމައްސަލާގައި ދައުވާ އުފުލާފައިވާ މީހުންނަކީ:

1. މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު

2. ޏ. ފުވައްމުލައް، މިސްކިތްމަގު، ދޯނާޑު، ޒަހުރާ މޫސާ

3. މ. ނިވްހިލްމަން، ޝަމީމާ އާދަމްފުޅު

4. ހ. ވެޔޮވިލާ، ޝަފިއްއާ ޒުބައިރު

5. މއ. ނާރިނގުގޭ މުހައްމަދު އިބްރާހީމް މަނިކު

6. ސ. ހުޅުދޫ ކަޅުމަގިގޭ މަރިޔަމް ޒުބައިރު

7. ސ. ހިތަދޫ ޝެޑިއުލަސް، ޚަދީޖާ ޝާދިޔާ

8. މާލޭ ދަފްތަރު 5866 ފާތިމަތު ރަޝީދާ

9. ހ. ޓިވެގާލައިޓް ފަރީޝާ އަހްމަދު

10. މ. ތަންތާރަ، އާމިނަތު ޒިމްނާ

11. ގ. އާކާޝްވިލާ، އާމިނަތު ޒާހިރާ

12. ގ. ދުވާފަރު، އާއިޝަތު މަމްދޫހާ

13. މއ. ބީޗްހައުސް، އާމިނަތު ދުމައިނާ އިރުޝާދު

14. މ. ނިރޮޅު އާމިނަތު ޝާނީޒު ސައީދު

15. މ. ފެހިފަތް ޔުމްނާ

މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ނަގާފައި ވަނީ އެންމެ ފުލުހެއްގެ ހެކިބަސް ކަމަށާއި ހެކިބަސްދެމުން އޭނާ ބުނެފައި ވަނީ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ޑިޕާޗާ ހޯލް ކުރިމަތިން ރައީސް ނަޝީދުގެ ޕޯސްޓަރުތައް ހިފައިގެން އެމީހުން ޑޮމެސްޓިކް ޓާމިނަލާ ދިމާލަށް ދަނިކޮށް އޭނާއަށް ފެނުނު ކަމަށެވެ.

ޝަރީއަތަށްފަހު ދައުވާ ލިބޭ ބައެއް މީހުން ކޯޓުން ނުކުންނަނީ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން ހުރިހާ މީހުންގެ ހެކިބަސް ނަގާފައިވާ ކަމަށެވެ. އެމީހާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށާއި އިތުރު އަޑުއެހުމެއް ދެން ބާއްވާނީ އޭނާ ރާއްޖެ އައުމުން ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

ދައުވާ ލިބޭ މީހުންގެ ތެރެއިން އެކަކު ރާއްޖެއިން ބޭރުގައި ހުރުމުން އޭނާ ޝަރީއަތަށް ހާޒިރުކުރެވޭގޮތް ވަނީ ނުވެފައެވެ.

ޝަރީއަތަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އެއަޑުއެހުމަށް ނޫސްވެރިންނަށް ނުވަދެވޭތީ ކަންބޮޑުވާ ކަމަށާއި ޝަރީއަތް އަޑުއެހުމުގެ ފުރުސަތު ނޫސްވެރިންނަށް ދޭންޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން ދުށިން ދެގޮނޑިއެއްވަރު އެބަހުރޭ ހުސްކޮށް. މީޑިއާގެ ބޭފުޅުންނަށް އެ ޖާގަ ދިނުމަށް އަޅުގަނޑުމެން އެދެން،" ޝިފާ ވިދާޅުވި އެވެ.

comment ކޮމެންޓް