ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރިކަމަށް އާޒިމް އިންކާރު ކުރައްވައިފި

މިއަދު އޮތް އަޑުއެހުމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އާޒިމް ކޯޓަށް ހާޒިރު ވަނީ -- ސަންފޮޓޯ -- ޔޫސުފް ސޮފްއާން

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރި ކަމުގެ ދައުވާއަށް އާޒިމް އިންކާރު ކުރައްވައިފި އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އާޒިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އިއްވަމުން ބުނެފައި ވަނީ 22 ފެބުރުއަރީ 2015 ވަނަ ދުވަހު އަލިކިލެގެ ފާނު މަގާއި މަޖީދީ މަގު ގުޅޭ ސަރަހައްދުގައި ބަޔަކު މީހުން އެއްވެ ކުރި މުޒާހަރާގައި އަމަން ބަލަހައްޓަން ތިބި ފުލުހުންގެ ސަފުތެރެއަށް ގާއުކުމާއި ގުޅިގެން އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި އެވަގުތު އެސަރަހައްދުގައި އާޒިމް ހަރަކާތްތެރިވެ ފުލުހުން ތަކުރާރުކޮށް ސަރަހައްދު ދޫކޮށް ދިއުމަށް އެންގުމުންވެސް އެތަނުން ނުގޮސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާ ކަމަށެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަކީލަކު އައްޔަންކުރުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް އާޒިމް އެދިވަޑައިގަތެވެ. ނަމަވެސް ގާޒީ އަބްދުﷲ ނަޝީދު ވިދާޅުވީ ވަކީލަކު އައްޔަން ކުރުމަށް ދެވޭނީ ފަސް ދުވަހުގެ މުއްދަތެއް ކަމަށާއި، އެއީ އެކަށީގެންވާ މުއްދަތެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މިއަދު އޮތް އަޑުއެހުމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އާޒިމް ކޯޓަށް ހާޒިރު ވަނީ -- ސަންފޮޓޯ -- ޔޫސުފް ސޮފްވާން

ދެންއޮއްނަ އަޑުއެހުމަކަށް ވަކީލަކާއި އެކު ހާޒިރުވުމަށް ގާޒީ ނަޝީދު ވަނީ އެދިލައްވާފައެވެ.

ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ދައުވާ އާޒިމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ 12000 ރުފިޔާއިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ޖަލަށްލާނެ އެވެ. އެހެންކަމުން އާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާ އޭނާގެ މައްޗަށް ސާބިތުވިޔަސް މެންބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އެ މީހަކު ވަކިވާނެ ކަމަށެވެ.

comment ކޮމެންޓް