މާލެ ވިލިމާލެ އަދި ހުޅުމާލޭގެ ރަށްވެހިންނަށް ކަދުރު ބަހަން ފަށައިފި

މީހެއްގެ އަތުގައި ކަދުރު: ވިލިމާލެ، ހުޅުމާލެ އަދި މާލޭގެ ރަށްވެހިންނަށް ވަނީ ކަދުރު ބަހަން ފަށާފައި ----- ފޮޓޯ/ ގޫގުލް

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް މާލެ ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުން ހިމެނޭގޮތަށް ކަދުރު ބަހަން ފަށާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަދުރު ބަހަން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އެއީ ރޯދަމަހާ ދިމާކޮށް ސައުދީ ރަސްގެފާނު ހަދިޔާކުރައްވާފައިވާ ކަދުރެވެ. ސައުދީން ވަނީ 50 ޓަނު ކަދުރު ހަދިޔާކޮށްފައެވެ.

އެގޮތުން މާލޭގެ ރައްޔިތުންނަށް ބެހުމަށް ކަނޑައަޅާފައިވާ 8740 ޕެކެޓް ކަދުރު ދޫކުރަމުން ގެންދާނީ މާލޭގެ ރައްވެހިންނަށް ނަމަ އެ އިދާރާގެ ކޮމިއުނިޓީ ހެލްތު އެންޑް ހިއުމަން ސާވިސް ސެކްޝަން ނުވަތަ ކުރީގެ ހެންވޭރު އަވަށު އޮފީހުން ކަމަށް އެ ބަޔާނުގައިވެ އެވެ.

ހުޅުމާލެ ރަށްވެހިންނަށް އެޗްޑީސީން އަދި ވިލިމާލެ ރަށްވެހިންނަށް ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަނުން ކަދުރު ބަހަމުންގެންދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ކަދުރު ދޫކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ގޭބިސީއަކަށް ދެކިލޯގެ އެއް ޕެކެޓު. ކަދުރު ދޫކުރާނީ ހަމައެކަނި މާލޭ ރަށްވެހީންނަށް އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމުން. ކޮންމެ ބޭފުޅަކަށް ދޫކުރާނީ ގިނަވެގެން ދެ ގޭބިސީގެ ކަދުރު. މާލޭ ރަށްވެއްސެއްކަމަށް ބަލާނީ އައިޑީކާޑާއި ދަފްތަރުގައި ޖައްސަވާފައިވާ ބޭފުޅެއްނަމަ މާލޭ ރަށްވެއްސަކަށްވުމުގެ ކޮޕީ ހުށަހެޅުމުން،" މާލޭ ސިޓީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

ކަދުރު ބެހުމަށް ހަމަޖައްސާފައިވާ ގަޑިތަކަކީ ރަސްމީ ބަންދުނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން 1:00 އަށް، ހިނިހިރު ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން 6:00 އަށް ކަމަށް ކައުންސިލް އިދާރާއިން ބުންޏެވެ.

އަދި ހޮނިހިރު ދުވަހު މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް ކަދުރު ދޫކުރާއިރު، ނަންބަރު ދޫކުރާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 9:00 އަށް ދުވާލަކަށް 100 ނަންބަރެވެ.

comment ކޮމެންޓް