ނޭޕާލް ރިލީފް ފަންޑުގެ މުއްދަތު ޖޫން ހަތަރަކަށް އިތުރުކޮށްފި

އެމްއާރްސީގެ ކޮމިއުނިކޭޝަންސް އެންޑް ރިސޯސް މޯބަލައިޒޭޝަން މެނޭޖަރު ސަފާ މުސްތަފާ: ނޭޕާލް ރިލީފް ފަންޑުގެ މުއްދަތު ޖޫން 4 އަށް އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި -- ސަން ފައިލް ފޮޓޯ

ދިވެހި ރެޑް ކްރެސެންޓާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ)ގެ އިސްނެގުމުގެ މަތިން ރާއްޖޭގެ މީޑިއާގެ ފަރާތްތަކާ ގުޅިގެން ކުރިއަށްގެންދިޔަ "ނޭޕާލް ރިލީފް ފަންޑް" ބަންދުކުރުމުގެ މުއްދަތު އަންނަ ޖޫން މަހުގެ ހަތަރަކަށް އިތުރުކޮށްފިއެވެ.

މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ)ގެ ކޮމިއުނިކޭޝަންސް އެންޑް ރިސޯސް މޯބަލައިޒޭޝަން މެނޭޖަރު ސަފާ މުސްތަފާ މިއަދު "ސަން" އަށް ވިދާޅުވީ، އެމްއާރުސީއާއި އެމްއެމްއޭއާ ދެމެދު މަޝްވަރާކުރުމަށް ފަހު، ފަންޑުފޮށީގެ މުއްދަތު އިތުރުކުރަން ނިންމީ، މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ "ނޭޕާލާއެކު އެންމެން" ޓެލެތޯނަށް ފަހު ގިނަ ފަރާތްތަކަކުން އެ ފަންޑަށް ފައިސާ ޖަމާކުރަން ބޭނުންވާކަމަށް އެދެމުން ދާތީ ކަމަށެވެ.

"ޓެލެތޯނާ ގުޅިގެން ސަރުކާރުގެ މިނިސްޓްރީތަކާއި އަދި އަމިއްލަ ބައެއް ކުންފުނިތަކުން ވަނީ، އެފަރާތްތަކުން ނޭޕާލް ރިލީފް ފަންޑަށް ފައިސާ ހަދިޔާކުރަން ބޭނުންކަމަށާއި މުއްދަތު އިތުރުކޮށްދިނުމަށް އެދިފައި،" ސަފާ ވިދާޅުވިއެވެ.

ސަފާ ވިދާޅުވީ، ކުރިން މިމަހުގެ 27 ވަނަ ދުވަހުގެ 12:00ގައި ފަންޑު ބަންދުކުރުމަށް ހަމަޖެހިފައި އޮތް ނަމަވެސް މިހާރު އެ މުއްދަތު ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަނޑު 11:59އަށް އިތުރުކުރެވިފައި ކަމަށެވެ. އަދި ފަންޑަށް ޖަމާވި ފައިސާގެ ރަސްމީ ހިސާބުތައް ޖޫން 11 ވަނަ ދުވަހު އިއުލާނުކުރައްވާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދިވެހީންގެ ފަރާތުން ނޭޕާލަށް އެހީގެ އަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ ފަންޑްރައިޒިން ޕްރޮގްރާމުގެ މުއްދަތު އިތުރު ވުމާ ގުޅިގެން އެމްއާރުސީއާއި އެމްއެމްއޭއިން މިހާރު ވަނީ، މާލޭގެ ސްކޫލްތަކުގައި އިތުރު ފަންޑް ފޮށިތަކެއް ބަހައްޓައިފައެވެ.

"މާލޭގައި ބެހެއްޓި ފޮށިތައް މިހާރުވަނީ، ގުނައި ނިމިފައި. އެހެން ނަމަވެސް މިހާރު ވާނީ މާލޭގެ ސްކޫލުތަކުގައި އިތުރު ފޮށިތަކެއް ބަހައްޓާފައި. އެ ފޮށިތައް ގުނަން ފަށާނީ ޖޫން 2 ވަނަ ދުވަހު،" ސަފާ ވިދާޅުވިއެވެ.

މިދިޔަމަހު ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެގައުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށް ކުރިއަށް ގެންދާ ހަރަކާތަށް އިއްޔެގެ ނިޔަލަށް ލިބިފައިވާ ފައިސާގެ ޖުމުލަ އަދަދު 1,861,706.22 ރުފިޔާއަށް އަރައެވެ.

ނޭޕާލް ރިލީފް ފަންޑަށް ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓް 7701176022001 އަދި ޔޫއެސް ޑޮލަރުން އެހީވުމަށް ބީއެމްއެލްގެ އެކައުންޓް 7701176022002 އަށް ޑޮލަރު ޖަމާކުރެވޭނެ އެވެ.

އިސްލާމިކް ބޭންކް މެދުވެރިކޮށް ފައިސާ ޖަމާކުރުމަށް ރުފިޔާ އިން ނަމަ 99010155500036100 އަށް އަދި ޑޮލަރުން ނަމަ 99010155500036200 ޖަމާކުރެވޭނެ އެވެ.

މީގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަންޑަށް އެހީފޯރުވިދާނެ އެވެ. އުރީދޫގެ ކަސްޓަމަރުން 501 އަށް 20 ރުފިޔާ 50 ރުފިޔާ އަދި 100 ރުފިޔާ ނުވަތަ 100 ރުފިޔާގެ މަގުން އެސްއެމްއެސް ފޮނުވޭނެ އެވެ. އަދި ދިރާގުގެ ކަސްޓަމަރުން ނަމަ *789*3# ޖެހުމުން ފައިސާ ފޮނުވަންވީ އަދަދެއް ޖެހުމުން ފަންޑަށް ފައިސާ ފޮނުވޭނެ އެވެ.

comment ކޮމެންޓް