ރައީސްކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމަށް އިސްލާހެއް ހުށަހަޅައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް (ކ) އަދި ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް މައުމޫން (ވ): ސަން ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރާ ދެމެދަށް ބަދަލު ކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އެ އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އެވެ. ގާނޫނު އަސާސީގެ 109 ވަނަ މާއްދާއަށް ގެނެސްފައިވާ އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި އުމުރުން 65 އަހަރަށް ވުރެއް މަތީ އުމުރުގެ އެއްވެސް މީހަކަށް ރައީސް ކަމަކަށް ކުރިމައްޗެއް ނުލެވޭނެ އެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި މިހާރު ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބު ކުރެވޭ މީހެއްގެ އުމުރަކީ 35 އަހަރު ކަމަށެވެ. އެހެންނަމަވެސް އެ މަގާމަށް ކުރިމަތި ނުލެވޭނެ ދޮށީ އުމުރަކީ ކޮބައިކަމެއް އެ މާއްދާގައި ވެސް އަދި ގާނޫނު އަސާސީގައިވެސް ބަޔާންކޮށްފައެއް ނުވެ އެވެ.

ގާނޫނު އަސާސީގެ 112 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ޝަރުތަތަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވެސް ކުރިމަތިލެވޭ ފަރާތްތަކުގެ ޝަރުތުތައް ކަމަށެވެ. އެހެންކަމުން މުހައްމަދު ހުށަހެޅުއްވި އިސްލާހު ރައީސްއާއި ނައިބު ރައީސް ކަމަށް ކުރިމަތިލައްވާ ކޮންމެ ފަރާތަކަށް ވެސް ހިނގާނެއެވެ.

މުހައްމަދު ވަނީ މީގެކުރިން ވެސް މިފަދަ އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އެގޮތުން މުހައްމަދު އޭރު ހުށަހެޅުއްވި އިސްލާހަކީ 65 އަހަރުވުމުން ވެރިކަމަށް ކުރިމަތި ނުލެވޭ އިސްލާހެވެ.

މުހައްމަދު މީގެކުރިން ވިދާޅުވެފައި ވަނީ އެ އިސްލާހު ހުށަހެޅުއްވީ ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމަށް ކުރިމަތި ނުލެވޭނެ ވަކި އުމުރެއް ކަނޑައެޅުމަށް ކަަމަށެވެ. އެހެންނަމަވެސް އެ އިސްލާހު ފަހުންވަނީ ނަންގަވައިފައެވެ.

އެ އިސްލާހު މަޖިލީހުން ފާސްވެއްޖެ ނަމަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމަށް ވެސް ރިޔާސީ އިންތިހާބުގައި ދެން ވާދައެއް ނުކުރެވޭނެ އެވެ. ރައީސް މައުމޫނަށް މިއަހަރު 77 ފުރޭނެ އެވެ. އަދި އަންނަ އަހަރު ގާސިމަށް 65 އަހަރު ފުރޭނެ އެވެ.

comment ކޮމެންޓް