ކޮރެއާ ކޭމްޕްގެ ނަތީޖާ ގަތަރާއި ހޮންކޮންގާ ދެކޮޅަށް ކުޅޭ މެޗުން ފެނިގެންދާނެ: ރިލޭ

ކޮރެއާގައި ކުރިއަށްދާ ޤައުމީ ޓީމްގެ ފަރިތަކުރުން ތަކުގެ ތެރެއިން --- ފޮޓޯ/ އިންމަ

ވޯލްޑް ކަޕް ކޮލިފައިންއަށް ތައްޔާރުވާ ރާއްޖޭގެ ގައުމީ ޓީމް މިހާރު ދެކުނު ކޮރެއާގައި ކުރިއަށްގެންދާ ޓްރޭނިން ކޭމްޕްގެ ނަތީޖާ ގަތަރާއި ހޮންކޮންގާ ދެކޮޅަށް ކުޅޭ މެޗުތަކުން ފެނިގެންދާނެކަމަށް ގައުމީ ޓީމްގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) ބުނެފިއެވެ.

ކޮރެއާގައި ހުރެ ސަން އަށް މަޢުލޫމާތު ދެމުން ރިލޭ ބުނީ، ފަރިތަކުރުންތައް ވަރަށް ބުރަކޮށް ކުރިއަށްދާ ކަމަށާއި ގައުމީ ޓީމްގައިވެސް އަދި ކްލަބެއްގައިވެސް މިހާތަފާތު ޓްރޭނިންގ އެއް ނުހަދާ ކަމަށެވެ.

"އިރާދަ ކުރެއްވިޔާ މީގެ ނަތީޖާ ގަތަރު އަދި ހޮންކޮންގ މެޗްގައި ފެނިގެންދާނެ. އަދި ޓްރޭނިންގ އެއްކޮށް ފުރިހަމަ ކުރާ ކުޅުންތެރިންގެ ތަފާތު ލީގުންވެސް އިރާދަ ކުރެއްވިޔާ ފެނިގެންދާނެ،" ރިލޭ ބުންނެވެ.

ރިލޭ ބުނީ ހަމައެކަނި ބޭނުންވަނީ ގައުމީ ކޯޗް ވެލިޒާ ޕޮޕޯފަށް އިތުބާރުކޮށްގެން ޓީމް ބިނާ ކުރުމަށް ކޯޗަށް އިތުރު ވަގުތު ދިނުން ކަމަށެވެ.

ގައުމީ ޓީމްގެ އެސިސްޓެންޓް ކޯޗް އިސްމާޢީލް މަހްފޫޒު (އިންމަ) ބުނީ 29 ވަނަ ދުވަހު ކޮރެއާގެ ދެ ވަނަ ޑިވިޝަން ޓީމާ ދެކޮޅަށް ކުޅޭ މެޗަށް ޓީމް ތައްޔާރު ވަމުންދާކަމަށާއި ކޮރެއާގެ ފަރިތަ ކުރުންތައް ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

ކޮރެއާގެ ދެ ވަނަ ޑިވިޝަން ޓީމާ ދެކޮޅަށް ކުޅޭ މެޗަކީ ފަރިތަކުރުންތަކުން ޓީމްގެ ކުޅުންތެރިންނަށް އައިސްފައިވާ ކުރިއެރުން ދެނެގަތުން ކަމަށާއި އެމެޗްގެ ނަތީޖާއާއި މެދު ނުވިސްނާ ކަމަށް ގައުމީ ކޯޗް ވެލިޒާ ޕޮޕޯފް މިދިޔަ ހަފުތާގައި ކޮރެއާއަށް ފުރުމުގެ ކުރިން ވަނީ ބުނެފައެވެ.

ކޮރެއާ ކޭމްޕް ނިންމާލުމަށްފަހު ގައުމީ ޓީމް މާލެ އަންނާނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.

ވޯލްޑް ކަޕް ކޮލިފައިން ފުރަތަމަ މެޗުގައި އަންނަ މަހު 11 ވަނަ ދުވަހު ރާއްޖޭގެ ޓީމް ގަތަރާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައެވެ.

އޭގެ ހަ ދުވަސް ފަހުން ދެވަނަ މެޗުގައި 16 ވަނަ ދުވަހު ވޯލްޑްކަޕް ކޮލިފައިން މެޗެއް އޮންނާނީ ހޮންކޮންގެ މޮންގްކޮކް ސްޓޭޑިއަމްގައެވެ.

comment ކޮމެންޓް