އޮލްމާޓަށް އަނެއްކާވެސް ޖަލު ހުކުމެއް

އިހޫދު އޮލްމާޓް ކޯޓުގައި ވަކީލުންނާ ވާހަކަ ދައްކަނީ. ފޮޓޯ: ޖެރޫސަލަމް ޕޯސްޓް

ހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އިހޫދު އޮލްމާޓަށް އަނެއްކާ ވެސް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް ކޮށްފި އެވެ.

ޤުދުސްގައި އިސްރާއީލުން ގާއިމްކޮށްފައިވާ ކޯޓަކުން އޮލްމާޓްގެ މައްޗަށް އެ ހުކުމް ކުރީ ޚިޔާނާތުގެ ކުށް ސާބިތުވެގެންނެވެ. އަށް މަސް ދުވަހަށް ޖަލަށް ލުމުގެ އިތުރުން 100000 ޑޮލަރުން ޖޫރިމަނާ ކުރުމަށް ވެސް އޮލްމާޓަށް އައި ހުކުމުގައިވެ އެވެ.

އޮލްމާޓްގެ ވަކީލުން ވަނީ އޭނާގެ ހުކުމް ތަންފީޒު ކުރުން 45 ދުވަހަށް ލަސްކޮށްދިނުމަށް ކޯޓުގައި އެދިފަ އެވެ.

އޭނާ ހަ އަހަރަށް ޖަލަށް ލުމަށް މިދިޔަ އަހަރު މެއި މަހު ހުކުމްކުރީ ރިޝްވަތު ހިފިކަމުގެ ކުށް ސާބިތުވެގެން ނެވެ. އޮލްމާޓް ރިޝްވަތު ހިފީ 2006 ވަނަ އަހަރު އޭނާ ބޮޑުވަޒީރަކަށް ވުމުގެ ކުރިންނެވެ.

އޮލްމާޓާ ދެކޮޅަށް 2009 ވަނަ އަހަރު ކޮރަޕްޝަންގެ ދައުވާ އުފުލީ އޭނާ ޤުދުސްގެ މޭޔަރަކަށް ހުރި އިރު ކުންފުންޏަކުން ގަވައިދާ ހިލާފަށް ކުރިއަށް ގެންދިޔަ ރިއަލް އެސްޓޭޓް (ގެދޮރު އިމާރާތްކޮށް ވިއްކުމުގެ) މަޝްރޫއެއް ކުރިއަށް ގެންދަން ފުރުސަތުދިން ކަމުގެ މައްސަލަ ފެންމަތިވެގެންނެވެ. އޭނާ ޖަލަށްލާން މިއަދު ހުކުމްކުރީ އެކަމުގައި ރިޝްވަތު ހިފިކަން ސާބިތު ވެގެންނެވެ.

އޮލްމާޓް ޖަލަށްލާން ހުކުމް ކުރުމުން އޭނާގެ ތަރުޖަމާނު އާމިރު ޑޭން ބުނެފައި ވަނީ އެއީ ބޭއިންސާފު ހުކުމެއް ކަމަށެވެ. އަދި އެމައްސަލަ ސުޕްރީމްކޯޓްގައި އިސްތިއުނާފު ކުރާނެ ކަމަށާއި އެކޯޓަށް އިތުބާރު ކުރާ ކަމަށް އޭނާ ބުންޏެވެ.

އުމުރުން 68 އަހަރުގެ އޮލްމާޓް ޖަލަށްލާން ހުކުމް ކުރުމުން އޭނާ މިހާރު ވެފައި ވަނީ އިސްރާއީލުގައި އެފަދަ ހުކުމެއް އައި، ބޮޑުވަޒީރުކަން ކޮށްފައިވާ ފުރަތަމަ މީހާ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު