ޒިޔަދަމް މަރާލިކަމަށް ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތް ކެންސަލްކޮށްފި

ޒިޔަދަމްގެ މަރުގެ ދައުވާ ލިބޭ އަލީ ސިފާމް، 29 މިއަދު ކޯޓުން ނެރިގެން ގެންދަނީ، ވަކީލަކު ހަމަ ނުޖެހޭތީ މިއަދުގެ ޝަރީއަތް ވަނީ ކެންސަލްކޮށްފައި -- ސަންފޮޓޯ - ޔޫސުފް ސޮފްވާން

މިއަދު ބާއްވަން ތާވަލްކުރި ލ. މުންޑޫ ނޫވިލު އަލީ ޒިޔަދަމް މަރާލި ކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ ޝަރީއަތް ކެންސަލް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އެމައްސަލަ ކެންސަލް ކޮށްފައި ވަނީ ދައުވާ ލިބޭ ދެމީހުންގެ ތެރެއިން އެކަކަށް ވަކީލުން ހަމަ ނުޖެހޭތީ ކަމަށެވެ.

އުމުރުން 29 އަހަރުގެ ޒިޔަދަމް މަރުވެފައި ވަނީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު ވަޅިއަކުން އޭނާއަށް ދިން ހަމަލާގެ ސަބަބުންނެވެ.

އޭނާ މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ ހީނާވިލާ މުހައްމަދު ޝަނޫން،24 އާއި ހަމައެރަށު ބީޗުވިލާ އަލީ ސިފާމް،29 ގެ މައްޗަށެވެ.

އޭގެތެރެއިން މުހައްމަދު ޝަނޫނު ވަނީ ވަކީލަކު ހަމަޖައްސާފަ އެވެ. ނަމަވެސް އެ މައްސަލާގައި ދައުވާ ލިބޭ އަލީ ސިފާމަށް އަދި ވަކީލަކު ހަމައެއް ނުޖެހެ އެވެ.

ޒިޔަދަމްގެ މަރާ ގުޅިގެން މިމަހުގެ 19 ވަނަ ދުވަހު ބޭއްވި ފުރަތަމަ އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވަމުން ބުނެފައިވަނީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައިދަނިކޮށް، ޝަނޫނާއި ސިފާމް އޭނާގެ ފަލަމަސްގަނޑަށް އަށްއިންޗިހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށެވެ.

އެހަމަލާއިން ސަލާމަތްވުމަށް ޒިޔަދަމް ދުވެފައި ދަނިކޮށް އެދެމީހުން އޭނާގެ ފަހަތުން ގޮސް އަނެއްކާވެސް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ޒިޔަދަމްގެ މަރާގުޅިގެން ޝަނޫނާއި ސިފާމްގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ.

ޒިޔަދަމްގެ މަރުގެ ދައުވާ ލިބޭ މުހައްމަދު ޝަނޫން، 24 މިއަދު ކޯޓުން ނެރިގެން ގެންދަނީ، ވަކީލަކު ހަމަ ނުޖެހޭތީ މިއަދުގެ ޝަރީއަތް ވަނީ ކެންސަލްކޮށްފައި -- ސަންފޮޓޯ --- ޔޫސުފް ސޮފްވާން

މަރުގެ ދައުވާގެ އިތުރުން އެ ދެ މީހުންގެ ތެރެއިން ޝަނޫންގެ މައްޗަށް އިތުރު ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ބިރުދެއްކުމުގެ ދައުވާ އާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

ބިރުދެއްކުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހުގެ ރޭ މުންޑޫ ހެލްތް ޕޯސްޓް ކައިރިން އެރަށު މުހައްމަދު ނިޒާރަށް ބިރުދައްކާފައިވާތީ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މާރާމާރީ ހިންގުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ މަރުވެފައިވާ ޒިޔަދަމްގެ ހަށިގަނޑު ހެލްތް ޕޯސްޓަށް ގެންދިޔުމަށް އެރަށު އަބްދުﷲ ޝިފާއު އޭނާގެ ހަށިގަނޑުގައި ހިފަހައްޓައިގެން ހުއްޓައި ޝަނޫން އޭނާއަށް ހަމަލާދީފައިވާތީ ކަމަށެވެ.

އެދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ދެ މީހުން ވެސް ދައުވާއަށް ޖަވާބުދާރީވެފައެއް ނުވެއެވެ.

comment ކޮމެންޓް