ހައްޖުވެރިންނަށް އީ-ބްރޭސްލެޓް ސައުދީން ތައާރަފް ކުރަނީ

ދިވެހި ހައްޖާޖީންތަކެއް:

ހައްޖުގެ އަޅުކަން އަދާކުރަންދާ ފަރާތްތަކަށް ވަރަށް އަވަހަށް އިލެކޮޓްރޯނިކް ބްރޭސްލެޓް (އީ- ބްރޭސްލެޓް) އެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސައުދީ އަރަބިޔާއިން ބުނެފި އެވެ.

ސައުދީ ހައްޖު މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ބުނެފައި ވަނީ ހައްޖުވެރިންގެ އަތުގައި އެޅުމަށް ބޭނުންކުރާ އިލެކްޓްރޯނިކް ބްރޭސްލެޓްގައި ހައްޖުވެރިންނަށް މުހިންމު މައުލޫމާތުތައް ހިމެނޭނެ ކަމަށެވެ.

ސައުދީ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އަލްއަރަބިޔާގައި ބުނެފައި ވަނީ މިނިސްޓްރީ އޮފް ހައްޖު އެންޑް އިންޓީރިއާ އިން އިސްނަގައިގެން އެކަމާ ގުޅޭ ސްކީމެއް ތައާރަފް ކުރަން، އެ މަސައްކަތުގެ ފީސިބިލިޓީ ހަދައި ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ.

"އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް ފައިނޭންސަށް ބަޖެޓްގައި ޕްރޮޕޯސަލްގައި ހިމެނުމަށް ފޮނުވާފައި ވަނީ. މިނިސްޓްރީ އޮފް ފައިނޭންސް އާއި ކަމާގުޅޭ އިދާރާތަކުން އެޕްރޮޖެކްޓް އެޕްރޫވް ކުރިހާ އަވަހަށް ހައްޖު މިނިސްޓްރީން އެކަން ތަންފީޒު ކުރާނެ،” އަލްއަރަބިޔާއަށް ދިން އިންޓަވިއުއެއްގައި ސައުދީގެ އޮފިޝަލަކު ބުނެފައިވެ އެވެ.

ފެންނުވަންނަ ގޮތަށް ތައްޔާރު ކުރާ އީ-ބްރޭސްލެޓްގައި ނަމާދު ވަގުތާއި ޖީޕީއެސް އާއި ހައްޖުގެ އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާނެ މުހިންމު މައުލޫމާތުތައް ހިމެނޭނެ އެވެ. އަދި ކޮންމެ ހައްޖުވެރިއަކުން ވެސް އަޅާ ބްރޭސްލެޓްގައި ހިމެނޭ ބާ ކޯޑުގައި އެމީހަކާ ބެހޭ މައުލޫމާތު ރައްކާކޮށްފައިވާނެ އެވެ. އޭގެތެރޭގައި އެމީހަކު ހުންނަ ތަނުގެ އެޑްރެސް އާއި އެމީހެއްގެ ސިއްހީ ހުރިހާ މައުލޫމާތެއް ހިމެނޭނެ އެވެ.

comment ކޮމެންޓް