އާޓިފިޝަލްބީޗްގައި 'ބިކިނީ'ގައި އުޅުން އާންމުވެފައި!

އާޓީފިޝަލް ބީޗަށް ޓޫރިސްޓުންތަކެއް ބިކިނީގައި އެރެނީ--

އާޓީފިޝަލް ބީޗަކީ ގިނަ އަދަދެއްގެ ތުއްތު ކުދިންނާއި ދޮށީ އުމުގެ ފަރާތްތަކުންވެސް މޫދަށް އެރުމަށާއި ހިތްހަމަޖައްސާލުމަށް ދާ ސަރަހައްދަކަށް ވާއިރު އެސަރަހައްދުން ނުކިއްސަރު ކަމެއް ފެންނަން ފަށައިފިއެވެ. އެއީ 'ބިކިނީ'ގައި އުޅޭ ޓޫރިސްޓުންނެވެ.

މާލެ ސަރަހައްދަށް ބޮޑެތި ފަސިންޖަރުލައިންތައް އަންނަ ދުވަސްތަކާއި އަދި އާންމު ބައެއް ދުވަސްތަކުގައިވެސް އެތައް ދިވެހިންނެއް މޫދަށް އެރޭ އާޓިފިޝަލް ބީޗަށް ޓޫރިސްޓުން ގޮސް ބިކިނީގައި މޫދަށް އެރި އުޅެއެވެ. ރިސޯޓްތަކުގައި އުޅޭގޮތާއި މާލޭގެ އެސަރަހައްދުގައި އެޓޫރިސްޓުން އުޅޭ ގޮތާއިވެސް ތަފާތެއް ނޯވެއެވެ.

"އިހަކަށް ދުވަހަކު މަ ގޮސްފިން ދަރިފުޅު ގޮވައިގެން ބީޗް ސަރަހައްދަށް. އެތަނުގައި މި އޮންނަނީ އެކުދީންގެ ފަތަން ދަސްކުރާ ކްލާސްތައް. ކަމަކުދާކަށް ނެތް، ހަމަ ސަންބާތު ކުރަން ތުވާޔެއްގެ މަތީގައި ބިކިނީގައި ޓޫރިސްޓަކު އޮތް. އޭރު އެތާ އުޅޭ އެތައް ދިވެހިންނެއްވެސް،" ބީޗް ސަރަހައްދުން ފެނުނު މަންޒަރު ސިފަކޮށްދެމުން އަހުމަދު މުޖާހިދު ބުންޏެވެ.

ފުލުހުންގެ ވާހަކަތަކަށް ބަލާއިރުވެސް އެއީ އާންމު ކަމެކެވެ. ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ސަން އަށް ވިދާޅުވީ، ޓޫރިސްޓުން ބިކިނީގައި މޫދަށް އެރޭ މައްސަލަ ދޭތެރެ ދޭތެރެއިން ހުށަހަޅަމުންދާ ކަމަށާއި އަދި ފުލުހުން އެފަދަ އަމަލުތައް ހުއްޓުވަމުންދާ ކަމަށެވެ.

"ދޭތެރެދޭތެރެއިން އެކަން ހިނގާ. ދޭތެެރެއަކުން އެ ފަދަ މައްސަލަތައް ހުށަހަޅާފައިވެސް އެބަހުރި. ހުށަހެޅުމުން ފުލުުހުންގެ ޓީމެއް ގޮސް އެކުދިންނާ ވާހަކަ ދައްކާލައިގެން ނިވާކުރަން އަންގާ،" އިސްމާއިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން އަމަލުކުރާ އުސޫލަކީ ޓޫރިސްޓުންނަށް ނަސޭހަތް ދީގެން އެކަން ހުއްޓުވުން ކަމަށެވެ. އިތުރު ފިޔަވަޅެއް ނާޅާ ކަމަށް ވިދާޅުވިއެވެ.

ފަސިންޖަރުލައިން އަންނަ ދުވަސްތަކުގައި ޓޫރިސްޓު ޕޮލިހުން ތިބެ އިރުޝާދު ދެމުން ދާ ކަމަށާއި އެހެން ދުވަސްތަކުގައި އެފަދަ ކަންކަން ހުއްޓުވަނީ މާލޭ ސިޓީ ޕޮލިހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ވާހަކަތަކަށް ބަލާއިރު އެފަދަ ކަންކަން އާންމު ވަނީ ޓޫރިސްޓުންނަށް އެއީ ކުރުން މަނާކަމެއްކަން ނޭނގޭތީއެވެ. އެސަރަހައްދުގައި އެކަން ބޮޑަށް އެނގޭނެހެން ނޯޓިސް ތަކެއް ބެހެއްޓިފައެއްވެސް ނުހުންނަ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

އާޓިފިޝަލް ބީޗަށް ބިކިނީގައި މޫދަށް އެރޭ މައްސަލަ ބޮޑުވެފައިވާއިރު ހުޅުމާލޭ ގޮނޑުދޮށުގައި ބިކިނީގައި ޓޫރިސްޓުން އުޅޭ މައްސަލައަކީވެސް ބޮޑުވެފައިވާ މައްސަލައެކެވެ.

comment ކޮމެންޓް