އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި އޮކްސިޖަން ޕްލާންޓެއް ބަހައްޓަނީ

އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި އޮކްސިޖަން ޕްލާންޓެއް ބެހެއްޓުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް ގޭސް އާ އެކު އެމްއޯޔޫއެއްގައި ސޮއި ކުރުން:ސަންފޮޓޯ--ފަޔާޒު މޫސާ

އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި އޮކްސިޖަން ޕްލާންޓެއް ބެހެއްޓުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް ގޭސް އާއެކު އައިޖީއެމްއެޗުން އެމްއޯޔޫއެއްގައި ސޮއި ކޮށްފި އެވެ.

ސިޓްރަން ރެސްޓޯރަންޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އޮޕަރޭޝަން ޕާސަނަލް ސާވިސަސް މުހައްމަދު ރިޝްވާނެވެ. އަދި މޯލްޑިވްސް ގޭސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބުދުﷲ މައުމޫނެވެ.

އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގައި އޮކްސިޖަން ޕްލާންޓެއް ބެހެއްޓުމުގެ އެއްބަސްވުމެއްގައި މޯލްޑިވްސް ގޭސް އާ އެކު އެމްއޯޔޫއެއްގައި ސޮއި ކުރުން:ސަންފޮޓޯ--ފަޔާޒު މޫސާ

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ މިހާރު އެ ކުންފުނީގައި ހުރި އޮކްސިޖަން ޕްލާންޓް އެ ދެ ހޮސްޕިޓަލަށް ގެންގޮސް ޖެހޭނީ އިންސްޓޯލް ކޮށްލަން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވިލިމާލޭގައި ވެސް ގޭސް ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ އައިޖީއެމްއެޗުގައި ބަހައްޓައި ގޭސް ޕްލާންޓުން 120 ފުޅިއަށް ގޭސް އެޅޭނެ ކަމަށެވެ. އައިޖީއެމްއެޗަށް ދުވާލެއްގެ މައްޗަށް އާންމުކޮށް ބޭނުން ވަނީ 60 ފުޅި އޮކްސިޖަނެވެ.

"އައިޖީއެމްއެޗު ކުރިއަށް އޮތް ތަނުގައި މި އަށްވުރެ ބޮޑަށް ފުޅާވެގެންދިޔަސް ހޮސްޕިޓަލަށް ބޭނުންވާ ވަރަށް އޮކްސިޖަން އުފެއްދޭނެއޭ،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ބަހައްޓައި ގޭސް ޕްލާންޓަކީ ވެސް ގޭސް ބޭނުންވާ އަދަދު އިތުރުވެގެން ދިޔަ ނަމަވެސް އެވަރަކަށް ގޭސް ފޯރުކޮށްދެވޭނެ ވަރުގެ ޕްލާންޓްތައް ކަމަށެވެ.

މޯލްޑިވްސް ގޭސްގެ އެމްޑީ މައުމޫން: ސންފޮޓޯ--ފަޔާޒު މޫސާ

މައުމޫން އަދި ވިދާޅުވީ އަތޮޅު ތެރޭގެ ރަށްތަކަށް ވެސް މިހާރު ޖެހެނީ ފުޅިއަށް އަޅައިގެން ދޯނިފަހަރުގައި ގެންގޮސް ގޭސް ފޯރުކޮށްދޭން ކަމަށެވެ. ނަމަވެސް މޯލްޑިވްސް ގޭސް އިން މިހާރު މަސައްކަތް ކުރަމުންދަނީ ރަށްތަކަށް ބޭނުންވާ ވަރަށް އޮކްސިޖަން އުފައްދާ ކުދި ޕްލާންޓް ފޯރުކޮށްދެވޭތޯ ކަމަށެވެ. އަދި ވަރަށް ކައިރި މުސްތަގުބަލެއްގައި އެ ޕްރޮޖެކްޓަށް ބޭނުންވާ އެއްޗެހި ލިބި އެމަސައްކަތްތައް ފެށިގެންދާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ އޮކްސިޖަން ޕްލާންޓަށް ކަމެއްވި ނަމަވެސް މިހާރު ވެސް އައިޖީއެމްއެޗުގައި ރިސާވް ބޭންކެއް ހުންނާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރިޝްވާން ވިދާޅުވީ މިހާރު އައިޖީއެމްއެޗަށް އޮކްސިޖަން ފުޅި ގެންނަން ޖެހެނީ ތިލަފުށިން ދޯންޏަކަށް ބަރުކޮށްގެން ކަމަށާއި ވިއްސާރަމޫސުން ފަދަ ދުވަސްވަރު އެތައް ދަތިތަކާ އެކަމުގެ ސަބަބުން ދިމާވާ ކަމަށެވެ. އަދި ބަރު ފުޅިތަކެއް ބަލިމީހާގެ ކައިރީގައި ބަހައްޓަން ޖެހުމަކީ އެހާ ރައްކާތެރި ކަމެއް ނޫން ކަމަށް ވެސް ރިޝްވާން ވިދާޅުވި އެވެ.

"މިހުރިހާ މައްސަލައަކަށް ވަރަށް ރަނގަޅު ހައްލެއް ލިބިގެންދާނެ ކަމެއް މޯލްޑިވްސް ގޭސްގެ ފަރާތުން މި ހަމަޖައްސައިދިނީ،" ރިޝްވާން ވިދާޅުވި އެވެ.

comment ކޮމެންޓް