ޕެރަމޯޓާ ހަރަކާތްތަކާއެކު ނައިޓްމާކެޓް މިއަދު ހަވީރު ހުޅުވަނީ

މީހަކު ޕެރަމޯޓާ ދުއްވަނީ: މިއަދު ނައިޓް މާކެޓް ހުޅުވާ ސަރަހައްދުން ޕްރަމޯޓާގެ ހަރަކާތްތައް ފެންނާނެ ------ ފޮޓޯ/ ގޫގުލް

ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ގިނަ ވައްތަރުތަކެއްގެ މުދާ އެއްތަނަކުން ހެޔޮއަގެއްގައި ފޯރުކޮށްދިނުމަށް ބާއްވަމުން އަންނަ ނައިޓް މާކެޓް މިއަދު ހަވީރު ހުޅުވާނެ ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ބުނެފި އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްލާއިލް އާސިފް "ސަން"އަށް ވިދާޅުވީ މިނިވަން 50 ފާހަގަކުރުމުގެ އުފާވެރި މުނާސަބާއާ ގުޅުވައިގެން ނައިޓްމާކެޓް މިއަދު ހަވީރު 5:00 ގައި ހުޅުވާއިރު އުސްފަސްގަނޑު ސަރަހައްދުން ތަފާތު ހަރަކާތްތަކެއް ފެނިގެންދާނެ ކަމަށެވެ.

އެގޮތުން މިއަދު ހަވީރު އެ ސަރަހައްދުން "ޕެރަމޯޓާ" ފްލައިޓްގެ ހަރަކާތްތަކެއް ފެންނާނެ ކަމަށް އާސިފް ވިދާޅުވި އެވެ. ޕެރަމޯޓާ އަކީ އިންޖީނު ހަރުކޮށްފައިވާ ބުރަފައްޗެއްގެ އެހީގައި މީހުން އުދުހުމަށް ބޭނުންކުރާ އެއްޗެކެވެ. އެގޮތުން ވަކި ވަގުތެއް ވަންދެން އުދުހުމަށްފަހު ވައިކުޑައެއްގެ އެހީގައި ބިމަށް ތިރުކުރާނެ އެވެ.

އާސިފް ވިދާޅުވީ މިއަހަރުގެ މާކެޓްގައި ވެސް ބަދިގެ އާއި ކުޑަކުދިންނަށް ބޭނުންވާ އެކި ކުޅޭ ސާމާނުގެ އިތުރުން އަންނައުނު ލިބޭ 500 މޭޒު ހުންނާނެ ކަމަށެވެ.

މިފަހަރު ވެސް ނައިޓްމާކެޓްގެ މޭޒުތައް ބަހައްޓާފައި ހުންނާނީ ޓަސްކަލޫސާ އާ ހަމައިން ފެށިގެން އެސްޓީއޯ ޕެޓްރޯލް ޝެޑާ ހަމައަށެވެ.

comment ކޮމެންޓް