ވިހަ ކައްޓެއް ހުންނަ މަސްތަކެއް ވޭމަންޑޫ ފަޅު ތެރެއިން ހިފައިފި

ވޭމަންޑޫ ފަޅުތެރެއިން ހިފާފައިވާ ވިހަ ކައްޓެއް ހުންނަ މަސްތަކެއް-- ސަން ފޮޓޯ: ކިޔުންތެރިއެއް

ތ. ވޭމަންޑޫ ފަޅު ތެރެއަށް ވަދެއުޅުނު "ވިހަ ކައްޓެއް" ހުންނަ ގިނަ އަދަދެއްގެ މަސްތަކެއް އެ ރަށު ރައްޔިތުން ހިފައިފި އެވެ.

ވޭމަންޑޫ ކައުންސިލްގެ ރައީސް އަބްދުﷲ މުފީދު ވިދާޅުވީ އެރަށު މީހުން އެމަހަށް ކިޔަނީ "އެތްޓޭ" ކަމަށާއި އެއީ ވަރަށް ވިހަ ކައްޓެއް ހުންނަ އަދި އެމީހުން ކެއުމަށް ބޭނުން ނުކުރާ މަހެއް ކަމަށެވެ. އެމަސް އެރަށު ފަޅުތެރޭގައި ވަރަށް ގިނަ އަދަދަކަށް އުޅޭކަމަށް އޭނާ ވިދާޅުވިއެވެ.

"ބަޔަކު އެންވަށި ޖަހައިގެން އިއްޔެ ހިފީ. ވަރަށް ގިނަ އަދަދެއްގެ މަސް ހިފި. އެކަމަކު އަދިވެސް ގިނަ އަދަދަކަށް ހަމަ ފަޅުތެރޭ އެބައުޅޭ. އަޅުގަނޑުމެން މިއުޅެނީ ދާ ޖަހައިގެން ހިފޭތޯ." މުފީދު ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި މަހާއި ބެހޭ ގިނަ ދިރާސާތަކެއް ހައްދަވާފައިވާ އަހުމަދު ހާފިޒު މިއަދު ސަން އަށް ވިދާޅުވީ އެމަހަކީ "އެއަށްޓެހި" ކިޔާ މަހެއް ކަމަށާއި އެއީ އާންމުކޮށް ރާއްޖެއިން ފެންނަ ބާވަތެއްގެ މަހެއް ކަމަށެވެ. އެއީ ކެއުމަށް ރަނގަޅު މަހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމަހަކީ ތޫނު ކައްޓެއް ހުންނަ މަހެއް ނަމަވެސް އިންސާނުންނަށް ހަމަލާދީ ނުހަދާނެކަމަށާއި ނަމަވެސް އެމަސް ހިފައި އުޅުމުގައި ކައްޓަށް ސަމާލުވުން މުހިންމުކަމަށް ހާފިޒް ވިދާޅުވިއެވެ.

"ވަރަށް ތޫނު ވިހަ ކަށްޓެއް އެ މަހުގައި އިންނާނެ. އެއީ ކެޓް ފިޝްގެ ބާވަތެއް. އެހެންނަމަވެސް އެ މަހަކީ އާންމުކޮށް ކެއުމަށް ބޭނުންކުރާ މަހެއް ނޫން، ނަމަވެސް އެއީ އިންސާނުންނަށް ހަމަލާދޭ ނުރައްކާތެރި މަހެއް ނޫން" ފިޝަރީޒް މިނިސްޓުރީގެ އޮފިޝަލް ވިދާޅުވިއެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޅ. ކުރެންދޫއިންވެސް ވަނީ އެބާވަތުގެ ގިނަ އަދަދެއްގެ މަސްތަކެއް ހިފާފައެވެ.

comment ކޮމެންޓް