ޕޮލެންޑްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުވެސް އިދިކޮޅު ލީޑަރު ކާމިޔާބު ކުރައްވައިފި

އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ލީޑަރު އެންޑްރޭ ޑޫޑާ

ވޯސޯ (މޭ 25): އިއްޔެ ބޭއްވި ޕޮލެންޑްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެގައުމުގެ ރައީސް ބްރުނިސްލާވް ކޮމޯރޮވްސްކީ ގެ މައްޗަށް ކުރިހޯއްދަވައިގެން އިދިކޮޅު ލީޑަރު އެންޑްރޭ ޑޫޑާ އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.

މި ނާކާމިޔާބީއާ ގުޅިގެން ކޮމޯރޮވްސްކީއަށް ތާއީދުކުރާ އެތަށް ހާސްބަޔަކާ މުޚާތަބު ކުރައްވަމުން އޭނާ ވިދާޅުވީ އިދިކޮޅު ލީޑަރު އެންޑްރޭ ޑޫޑާ އިންތިޚާބު ކާމިޔާބުކުރެއްވި ކަމަށް ގަބޫލުކުރައްވާ ކަމަށާއި އޭނާއަށް ކާމިޔާބު ރިޔާސީ ދައުރަކަށް އެދިވަޑައިގަންނަވާ ކަމުގައެވެ.

ޕޮލެންޑްގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ ޑޫޑާއެވެ. ފުރަތަމަ ބުރުގައި ރައީސް ބްރުނިސްލާވް ކޮމޯރްވްސްކީ އަށް ލިބިވަޑައިގެންނެވީ ދެވަނައެވެ. އެއީ ވޯޓުގެ 33.8 އިންސައްތައެވެ. އިދިކޮޅު ލީޑަރު އެންޑްރޭ ޑޫޑާ އަށް ލިބިވަޑައިގަތީ 34.8 އިންސައްތަ ވޯޓެވެ.

އިންތިޚާބު ބޭއްވުމުގެ ކުރިން ނެގި ޚިޔާލު ހޯދުމުގެ ހުރިހާ ސާވޭތަކަކުންވެސް ރައީސް ބްރުނިސްލާވް ކޮމޯރްވްސްކީ އެއްބުރުން މިއިންތިޚާބު ކާމިޔާބު ކުރައްވާނެކަން ހާމަވެފައިވެއެވެ. ފުރަތަމަ ބުރުގެ ނަތީޖާގައި ތަފާތު ކުޑަކަމުން ދެވަނަ ބުރުގައި އިދިކޮޅު ލީޑަރުގެ މައްޗަށް ރައީސް ބްރުނިސްލާވް ކޮމޯރްވްސް ކުރިހޯއްދަވައި އިންތިޚާބު ކާމިޔާބު ކުރެއްވިދާނެކަމަށް ގިނަބަޔަކަށް ހީކުރެވިފައިވެއެވެ. ނަމަވެސް ދެވަނަ ބުރުވެސް ކާމިޔާބުކުރައްވާފައިމިވަނީ އިދިކޮޅު ލީޑަރު އެންޑްރޭ ޑޫޑާއެވެ.

އިއްޔެ ބޭއްވި ޕޮލެންޑްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ނަތީޖާ ރަސްމީކޮށް އަދި އިޢްލާންކޮށްފައި ނުވިނަމަވެސް ޑޫޑާ އަށް 50 އިންސައްތައަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައިވާކަން ވޯޓުގުނާ މަރުކަޒުތަކުގެ މަސްއޫލުވެރިންގެ ފަރާތުންވަނީ ޔަގީންވެފައެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް