ފެނުގެ ކާރިސާތަކުން ސަލާމަތްވުމަށް އަލަށް ހަދާ ބިލްޑިންތަކުގައި ފެން ރައްކާކުރަނީ

އެމްޑަބްލިއުއެސްސީގެ 20 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި މިނިސްޓަރު ތާރިގް ވާހަކަ ދައްކަވަނީ -- ސަން ފޮޓ: އަލީ ނަސީރު

ޑިސެމްބަރު ހަތަރެއްގައި ދިމާވި ފަދަ ފެނުގެ ކާރިސާތަކުން ސަލާމަތްވެ ފެނުގެ ތާށިކަން ކުޑަކުރުމަށް ސަރުކާރުން އަލަށް ހަދާ ބޮޑެތި ބިލްޑިންތަކުގައި ތާނގީ ބަހައްޓަން ނިންމާފާވާ ކަމަށް މިނިސްޓަރު އޮފް އެންވަޔަރަމެންޓް ތާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީ އަށް 20 އަހަރު ފުރުން ފާހަގަކުުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ތާރިގް ވިދާޅުވީ ފެނުގެ ތާށިކަމުން ސަލާމަތްވެތިބުމަށް އެކަމާ ގުޅޭ ޕޮލިސީސްތައް ހަދަމުންދާ ކަމަށެވެ.

"ސަރުކާރުގެ ވިސްނުން ހުރީ ސަރުކާރުން އަލުން އިމާރަތްކުރާ ހުރިހާ އިމާރާތެއް ދަށުގައި ފެންތާގީ ހެދުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން. ދެން އިރާދަކުރެއްވިއްޔާ މާލެ އާއި ހުޅުމާލެ އަދި ވިނލިގިލީގައި ހަދާ ހުރިހާ ބޮޑެތި ބިލްޑިންތަކަކީ އެއީ ފެން ރައްކާ ކުރާ ގޮތަށް ހެދޭ ބިލްޑިންތަކަށްވާނެ." ތާރިގް ވިދާޅުވި އެވެ.

މި ޓޭންކްތައް އެމްޑަބްލިއު އެސްސީގެ ސްޓޯރޭޖް ގޮތުގައި ބޭނުންކުރެވޭނެ ކަމަށް ތާރިގް ވިދާޅުވި އެެވެ. އަތޮޅުތެރޭގައި ފެނަށްޖެހުން ހުއްޓުވުމަށް މުޅި ރާއްޖެ އަށް ޕްރޮޖެކްޓެއް ހިންގުމަށް ރާވާފާވާކަމަށް މިނިސްޓަރު ތާރިގް ވިދާޅުވި އެވެ.

މިވަގުތު ރ. އަތޮޅުގައާއި ބ. އަތޮޅުގައި މި ޕްރޮޖެކްޓް ކުރިއަށްދާ ކަމަށް ތާރިގް ވިދާޅުވި އެވެ.

"ރަށްރަށުގައި ދަނީ ސްޓޯރޭޖް ޓޭންކްތައް ބަހައްޓަމުން. އަދި އެއްމެ ބޮޑަށް ފެނަންޖެހޭ ރަށްރަށަށް އިސްކަންދީގެން ކުރިއަށް އޮތްތަނުގައި މި ޕްރޮޖެކްޓް ކުރިއަށް ދާނެ،" ތާރިގް ވިދާޅުވި އެެވެ.

އަމިއްލަ ފަރާތްތަކުން އިމާރާތްކުރާ ބިލްޑިންތަކުގައި ފެންރައްކާކުރާނެ ޓޭންކްތައް ހެދުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ތާރިގް ވިދާޅުވި އެވެ. ރޭގެ ރަސްމިއްޔާތުގައި ތާރިގް ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމް ދަނީ ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

ދިހަ ރަށުގެ ފެނުގެ މަަސައްކަތް އަދި 12 ރަށުގެ ނަރުދަމާގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މި މަސައްކަތްތައް މިއަހަރު ނިމޭނެ ކަމަށް ތާރިގް ވިދާޅުވި އެވެ.

ތާޒާފުޅީގެ ހުސްކޭސް އެމްޑަބްލިއުއެސްސީ އަށް ހޯދުމަށް ކުރާ މަސައްކަތް ފާހަގަކޮށް މިނިސްޓަރު ތާރިގް ވިދާޅުވީ މިއީ އެހެން ކުންފުނިތަކަށް މިސާލެއް ކަމަށެވެ. އުކާލާ ކުނީގައި އެއްމެ ގިނަ އެއް ބާވަތަކީ ހުސްފުޅި ކަމަށާއި އެހެން ކުންފުނިތަކުން ވެސް އެ ކުންފުނިތަކުގެ ފުޅި ކެލެކްޓްކުރެވޭނެ ގޮތެއް ހޯދުމަކީ މުހިއްމުކަމެއް ކަމަށް ތާރިގު ވިދާޅުވި އެވެ.

comment ކޮމެންޓް