ފުރަތަމަ މެޗްގައި ސަން ޓީމްގެ މައްޗަށް ނިއުއިން ކުރިހޯދައިފި

ނިއުގެ ކުޅުންތެރިން ލަނޑު ޖެހުމަށް އުފާ ކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މައިލޯ ވިމެންސް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗްގައި ސަން ޓީމްގެ މައްޗަށް 4-2 ގެ ނަތީޖާއަކުން އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓު ކުރި ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅިވަރު އެކުވެނީގެ ޓާފް ދަނޑުގައި ކުޅުނު މެޗްގައި ނިއުރޭޑިއަންޓްގެ އިންޑިއާ ފޯވަޑް ނޮގޮންގަމް ބަލަޑެވީ ވަނީ ދެ ލަނޑު ޖަހާފައެވެ.

ނިއުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ނުވަ ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެޓީމްގެ ކެޕްޓަން އަދި ރާއްޖޭގެ އެއް ވަނަ އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ ފަދުވާ ޒާހިރެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ ފަދުވާއެވެ.

ނިއުރޭޑިއަންޓްގެ ކެޕްޓަން ފަދުވާ ޒާހިރު އަތުން ބޯޅަ ހޯދުމަށް ސަން ޓީމްގެ ކުޅުންތެރިޔަކު މަސައްކަތް ކުރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިއުގެ ދެވަނަ ލަނޑު އަދި ނޮގޮންގަމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓްގައެއެވެ. މިލަނޑު ކާމިޔާބު ކުރިތާ ނުވަ މިނެޓްފަހުން ފުރަތަމަ ހާފްގެ 28 ވަނަ މިނެޓްގައި ނޮގޮންގަމް ވަނީ ނިއުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ނިއުގެ ތިން ވަނަ ލަނޑު ޖެހިތާ ދެ މިނެޓް ފަހުން ފުރަތަމަ ހާފުގެ 30 ވަނަ މިނެޓްގައި އާމިނަތު ޝާމިލާ ވަނީ ނިއުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ސަން ޓީމްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޕާކިސްތާންގެ ފޯވަޑް ހާޖަރާ ޚާންއެވެ.

އެޓީމްގެ ދެ ވަނަ ލަނޑު ދެވަނަ ހާފްގެ 24 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމްގެ ޖަރުމަން ކުޅުންތެރިޔާ އެންޓޯނިއޯ ބާގާއެވެ.

ސަން ތީމްގެ އެންތޯނިއޯ ބާގަރ ލަނޑު ޖެހުމަށްފަހު އުފާފާޅު ކުަރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަން ޓީމް މިއަދު ނިއު އަތުން ބަލިވިއިރު މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައިވެސް އެޓީމް ބަލިވީ ނިއުގެ އަތުންނެވެ.

މިމުބާރާތުގައި މިރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) އާއި ލ. އަތޮޅަށް ނިސްބަތްވާ ލާމް ސްޓާއެވެ.

މިމުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބާހަލައިގެންނެވެ. ފައިނަލަށް ދާނީ ދެބުރުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ.

comment ކޮމެންޓް