އަލީ ވަހީދު ބަންދުން ދޫކޮށްލައިފި

އަލީ ވަހީދު ފުލުހުންނާ އެކު --- ސަން ފައިލް ފޮޓޯ

މި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހާރަގައި ހަމަނުޖެހުން ހިންގަން މަގުފަހިވާ ގޮތަށް ވާހަކަފުޅުދެއްކެވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ދޫކޮށްލައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ހިޝާން ވަޖީހު މިއަދު ސަން އަށް ވިދާޅުވީ އަލީ ވަހީދު ބަންދުން ދޫކޮށްލިޔަސް އިއުތިރާޒެއް ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ފުލުހުންނަށް ލަފާދެއްވާފައިވާ ކަމަށެވެ.

އަލީ ވަހީދު ބަންދުން ދޫކޮށްލި ނަމަވެސް، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ޝަރީއަތަށް ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް ޓަކައި އެ މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

އަލީ ވަހީދު ބަންދުން ދޫކޮށްލި އިރު، އެ މައްސާލަގައި ހައްޔަރުކުރި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް ވަނީ ހައިކޯޓުގެ އަމުރަށް ދޫކޮށްލާފަ އެވެ.

އެ މައްސަލައާ ގުޅިގެން މިހާރު ފުލުހުންގެ ހައްޔަރުގައި ތިއްބެވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދެވެ.

އަމީން ދޫކޮށްލި މައްސަލަ ޕީޖީގެ ފަރާތުން ވަނީ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު