ފުރުޓް ފްލައި ކޮންޓްރޯލްކުރުމުގެ މަސައްކަތް ފަށައިފި

ފުރުޓްފުލައި ކޮންޓުރޯލް ކުރުމަށް ޓުރެޕް އެލުވާފައި--

މޭވާއާއި ތަރުކާރީއަށް ބޮޑެތި ގެއްލުންތަކެއް ދޭ ނުރައްކާތެރި ސޫތްޕެއް ކަމަށްވާ ފުރުޓް ފްލައި، ށ. ފީވަކުން ފެނިފައިވާއިރު އެ ސޫފި ކޮންޓްރޯލް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ލަސްވެފައިވާ، ފުރުޓް ފުލައި ކޮންޓްރޯލް ކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށް ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ހަސަން މިއަދު ސަން އަށް ވިދާޅުވިއެވެ.

އަލީ ވިދާޅުވީ، ފުރުޓް ފްލައި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދަނީ 20 "ޓްރެޕް" ބޭނުންކޮށްގެން ކަމަށާއި މިހާރުވެސް ގިނަ އަދަދަކަށް ސޫފި ކޮންޓުރޯލް ކުރެވިފައިވާ ކަމަށެވެ.

"އެއެއްޗެހި [ފުރުޓް ފްލައި] އައިސް އޭގެ [ޓްރެޕް] ތެރެއަަށް ވަންނަނީ. މިހާރުވެސް އޭގެ ތެރެއަށް ވަންނަމުން އެބަދޭ. އެ ޓްރެޕްތައް ހުންނަނީ އެލުވާފަ. އޭގެ ތެރޭގައި ހުންނަނީ ވަސްދުވާ ޒާތެއްގެ އެއްޗެއް. ދެން އެ ވަހަށް ފުރުޓް ފްލައި އަންނަނީ،" އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ، އެރަށަށް މިހާރު 20 ޓްރެޕް ލިބިފައިވާއިރު ކުރިއަށްއޮތްތަނުގައި ޖުމުލަ 200 ޓްރެޕް އެރަށުގައި ހަރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެރަށުގެ ދަނޑުވެރިކަމަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

ފުރުޓް ފްލައި އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އުޅޭ އަދި އޭގެ ސަބަބުން އެ ގައުމެއްގައި ހައްދާ މޭވާ އާއި ތަރުކާރީއަށް އެންމެ ބޮޑަށް ގެއްލުންދޭ އެއް ސޫތްޕެކެވެ. އޭގެ ސަބަބުން ގަހުން ލިބޭ ގޮވާމުގެ 90 ޕަސެންޓް ނުވަތަ 100 ޕަސެންޓު މޭވާ ބައެއްފަހަރު ހަލާކުވެގެންދެއެވެ.

ފުރުޓް ފްލައި ގެއްލުންދޭ މޭވާތަކުގެ ތެރޭގައި އަނބު، ޖަނބުރޯލު، ފަޅޯ، ފޭރު، މިރުސް، ލުނބޯ، ޓޯމާޓޯ، ކެޕްސިކަމް، ބަނބުކެޔޮ، ކިއުކަމްބާ އަދި އެކިވައްތަރުގެ މޭވާ އާއި ތަރުކާރީ ހިމެނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ސޫތްޕަކީ އޭގެ ސަބަބުން ރާއްޖޭގެ ދަނޑުވެރި ކަމަށް ވަރަށް ނޭދެވޭ އަސަރުކުރާނެ ސޫތްޕެއް ކަމަށާއި އެ ސޫތްޕަކީ ނައްތާލެވޭނެ އެއްޗެއް ނޫން ކަމަށެވެ.

ފްރުޓު ފްލައިގެ އަސަރެއް ފީވަކު ފިޔަވައި އެހެންރަށަކުން ފެނޭތޯ އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް އެހެން ރަށަކުން އެސޫފީގެ އަލާމަތެއް ފެނިފައިނުވާ ކަމަށް ފިޝަރީޒް މިނިސްޓަރުގެ ނައިބު މުހައްމަދު ޝަރީފް ވިދާޅުވިއެވެ.

comment ކޮމެންޓް