އާފިޔާގެ ބަންދުގެ މުއްދަތު އިތުރުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި

އާފިޔާ މުހައްމަދު

ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރާލިކަމުގެ ދައުވާ އުފުލާފައިވާ ވ. ރަކީދޫ ލައިޓްހައުސް އާފިޔާ މުހައްމަދު މަނިކުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ އާފިޔާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ގަވާއިދު" ގެ ހަތް ވަނަ މާއްދާގެ (ނ) ގެ ދަށުން ފަނޑިޔާރަށް ލިބިދީފައިވާ ތަޤްދީރީ ބާރުގެ ބޭރުންކަމަށް ދަލީލުކޮށްދޭ އެކަށީގެންވާ ހުއްޖަތްތަކެއް އާފިޔާއަށް ދެއްކިފައިނުވާ ކަމަށެވެ.

އާފިޔާގެ ބަންދަށް ކޮންމެވެސް އެއް ފަހަރަކު 10 ދުވަސް އިތުރުކުރުމަށްފަހު، އޭގެ ފަހުން އާފިޔާގެ ފަރާތުން "މުޖުތަމައުގެ ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަށް" އަސަރުކުރާ އިތުރުކަމެއް ފެންނަންނެތީސް، ކުރިން އިތުރުކުރި މުއްދަތަށްވުރެ ބަރު މުއްދަތެއް އިތުރުކުރުމަކީ ގާނޫނީ ގޮތުން ހަމަޖެހޭކަމެއްނޫންކަމަށް އާފިޔާގެ ފަރާތުން ވަނީ ހައިކޯޓުގައި ބުނެފައެވެ.

އާފިޔާގެ ފަރާތުން އެހެން ބުނިކަމުގައި ވިޔަސް ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެހާދިސާ ތަހުގީގުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ ގޮންޖެހުންތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީއަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، އަދި ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ވަޒަންކުރުމަށްފަހު ކަމަށް އެ ހުކުމްގައި ވެއެވެ.

އާފިޔާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ އާއި އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާއެވެ.

ރަކީދޫ، މެރިންކޯނާ ގޭގައި ބޮޑެތި ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި އިބްތިހާލް ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އިބްތިހާލަށް، އޭނާގެ މަންމަގެ ފަރާތުން އަނިޔާ ލިބެމުންދާތީ އެކި ފަހަރު މަތިން އެކުއްޖާގެ މަންމައަށް ނަސޭހަތްތެރިވެފައިވާ ކަމަށް ރަކީދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.

ހިއުމަންރައިޓްސް ކޮމިޝަންގެ ތަހުގީގަށް އާފިޔާ ގެންދިޔުމުން އޭނާ ވަނީ އިބްތިހާލަށް އަނިޔާ ކުރި ކަމަށް އިއުތިރާފުވެފަ އެވެ. އޭނާ ބުނީ ދަރިފުޅަށް އަނިޔާ ކުރީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ.

ފުލުހުންގެ ސީރިއަން އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ސަތީހު ވިދާޅުވީ އާފިޔާގެ އިތުރު ހަތަރު ދަރިން ތިބިއިރު އޭނާ އަނިޔާކޮށްފައި ވަނީ ހަމައެކަނި އިބްތިހާލަށް ކަމަށެވެ. އަދި އިބްތިހާލާ މެދު އާފިޔާ ތަފާތުކުރުންތަކެއް ގެންގުޅެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް