މާލެ ވަޑައިގަތުމާއެކު ކާނަލް ނާޒިމް އެނބުރި ޖަލަށް ގެންގޮސްފި

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް-- ސަން ފައިލް ފޮޓޯ

އެގާރަ އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް މިއަދު ރާއްޖެ ވަޑައިގަތުމުން ޖަލަށް ގެންގޮސްފި އެވެ.

މިއަދު 11:45 ކަންހާއިރު ސިންގަޕޫރު އެއާލައިނުން ނާޒިމް ރާއްޖެ ވަޑައިގަތުމާއެކު ކަރެކްޝަން ސާވިސްގެ ބޭފުޅުން ވަނީ އިމިގްރޭޝަން ކްލިއާ ވުމާއެކު ގެންގޮސްފައެވެ.

ނާޒިމް ގެންގޮސްފައިވަނީ އައްސޭރި ޖަލަށެވެ.

ބޭސްފަރުވާއަށް ނާޒިމް ސިންގަޕޫރަށް ވަޑައިގެންފައިވަނީ މިދިޔަ އޭޕްރީލް މަހު 10 ވަނަ ދުވަހުއެވެ. ނާޒިމް އަންނަންޖެހޭ ދުވަހަކީ މިއަދުއެވެ.

ކާނަލް ނާޒިމް 11 އަހަރަށް ޖަލަށްލުމަށް މާޗުމަހުގެ 27 ވަނަ ދުވަހު ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުން ނެވެ.

comment ކޮމެންޓް