މަގުމަތިން ދިޔަ ފުލުސް މީހާއަށް އަނިޔާ ކުރި މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރު ކޮށްފި

މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާދެނީ: ސަން ފައިލް ފޮޓޯ

މިދިޔަ ހުކުރު ދުވަހުގެ ރޭ މަގުމަތިން ހިނގާފައި ދަނިކޮށް ފުލުސް މީހަކު ގެއެއްގެ ތެރެއަށް ވެއްދުމަށް ފަހު އަނިޔާކުރި މައްސަލާގައި އިތުރު ދެ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ރޭ އިރާކޮޅު ކޯޓު އަމުރެއްގެ ދަށުން 33 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އޮފިޝަލް ނުދެއްވަ އެވެ.

ރޭ އިރާކޮޅު އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައިވާ އިރު އިއްޔެ ހަވީރު 16:00 އެހާކަންހާއިރު ވެސް ވަނީ 34 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފަ އެވެ.

ފުލުހުން ބުނީ މަގުމަތިން ހިނގާފައި ދިޔަ ފުލުސް މީހާ އަށް އަނިޔާ ކުރީ މއ. ޝެލޯ ގެއަށް ވެއްދުމަށް ފަހު ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފުލުސް މީހާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އެ ހާދިސާގައި ފުލުސް މީހާގެ ބޯ ފަޅައިގެން ދިއުމުގެ އިތުރުން ވެސް އެހެން ބައެއް ޒަހަމްތައް އޭނާ އަށް ވަނީ ލިބިފަ އެވެ.

ގެއެއްގެ ތެރެއަށް ވެއްދުމަށް ފަހު މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހަކަށް ހަމަލާދީފައިވާ އިރު މި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގައި ވެސް ދެ ފުލުހަކަށް ހަމަލާ ދިނިމުގެ ސަބަބުން އިތުރު ފަރުވާ ހޯދުމަށް ލަންކާ އަށް ވަނީ ފޮނުވާލާފައި އެވެ. އަދި އެކަމުގައި ތުހުމަތު ކުރެވޭ ބައެއް މީހުން ފުލުހުން ވަނީ ހައްޔަރު ވެސްކޮށްފަ އެވެ.

comment ކޮމެންޓް