ރޯދަ މަސް ހޫނުގަދައެއް ނުވާނެ: މެޓް

ހޫނު ގަދަވުމުން އަންހެނަކު ކުޑައެއް އަޅައިގެން ހިނގާފައި ދަނީ-- ސަން ފޮޓޯ: އަހުމަދު ސާއިލް

އަންނަ މަހު 18 ވަނަ ދުވަހު ފެށޭ ރޯދަ މަހަކީ ރާއްޖެ އަށް އެހާ ހޫނު ގަދަ ދުވަސްތަތަކަށް ވާނެ ކަމަށް ނުބެލެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، ޖޫން، ޖުލައި މަސްތަކަކީ އާންމު ގޮތެއްގައި ރާއްޖެ އަށް ވިއްސާރަ ކުރާ ދުވަސްތަކެއް ކަމަށާއި އެހެން ކަމުން ލަފާ ކުރެވޭ ގޮތުގައި މި އަހަރުގެ ރޯދަ މަހުގެ ދުވަސްތަކަކީ އެހާ ހޫނު ގަދަ ދުވަސްތަކަކަށް ވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

"އެހާ ހޫނު ގަދައެއް ނުވާނެ، ވިއްސާރަ އަންނާނެ ކަމަށް ލަފާކުރެވެނީ. އެހެން ނަމަވެސް ބައެއް ދުވަސްތައް ދާނެ ހޫނު ދުވަސްތައް ވެސް." އޮފިޝަލް ވިދާޅުވި އެވެ.

މިދުވަސް ވަރު ރާއްޖޭގެ ހޫނުމިން އާންމުކޮށް އުޅެނީ 32 އަކާއި 33 ޑިގްރީ ސެލްސިއަސްގައި ކަމަށާއި އެއީ އާންމު މިންވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ. މާލެ އަށް މާ ހޫނު ކަމަށް ފެންނަނީ މާލޭގެ ތިމާވެށީގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލޭގައި ހޫނު ވާހެން ބޮޑަށް ހީވަނީ މިއީ ކޮންކުރިޓް ޖަންގައްޔެއް. ދެން ކުޑަތަނެއްގައި ގިނަ މީހުން އުޅެތީ ވެސް އެހެންވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ހޫނު ގަދަ ދުވަސްވަރަކަށް ވުމުން ފެން ބޭނުން ކުރެވޭ މިންވަރު އިތުރުވަމުން އަންނަ ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން މީގެ ދެ މަސް ކުރިން ވަނީ ބުނެފި އެވެ.

comment ކޮމެންޓް