ނޭޕާލު ފަންޑަށް ލިބުނު އަދަދު 1.7 މިލިއަން ރުފިޔާ އަށް އަރައިފި

ނޭޕާލް ރިލާީފް ފަންޑަށް ފައިސާ ޖަމާކުރުމަށް އިއްޔެ ކުރިއަށް ގެންދިޔަ ހާއްސަ ޓެލެތޯންގެ ހަރަކާތްތަކުގެ ތެރެއިން --

ދިވެހި ރެޑް ކްރެސެންޓާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ)ގެ އިސްނެގުމުގެ މަތިން ރާއްޖޭގެ މީޑިއާގެ ފަރާތްތަކާ ގުޅިގެން ނޭޕާލް ރިލީފް ފަންޑަށް ފައިސާ ޖަމާކުރުމަށް އިއްޔެ ކުރިއަށް ގެންދިޔަ "ނޭޕާލާ އެކު އެންމެން" ޓެލެތޯނަށް ލިބުނު ފައިސާގެ ތެރެއިން މިހާތަނަށް ގުނިފައިވާ އަދަދު 1.7 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފި އެވެ.

މޯލްޑިވިއަން ރެޑް ކްރެސެންޓުގެ ކޮމިއުނިކޭޝަންސް އެންޑް ރިސޯސް މޯބަލައިޒޭޝަން މެނޭޖަރު ސަފާ މުސްތަފާ މިއަދު "ސަން" އަށް ވިދާޅުވީ، ޓެލެތޯންގައި ބެހެއްޓި ފަންޑު ފޮށިތައް ގުނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެގޮތުން ފަންޑުފޮށިތައް ގުނައި ނިމުމުން އިތުރު މައުލޫމާތު ހިއްސާކުރައްވާނޭ ކަމަށެވެ.

ހޮނިހިރު ދުވަހުގެ 12:30 އިން އިއްޔެ ހަވީރު 6:00 އަށް ޓެލެތޯންގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ އިރު، އެ ހަރަކާތްތައް ނިމުނު އިރު، ގުނައި ނިމިފައިވާ ފައިސާގެ އަދަދު 1,736,113.26 ރުފިޔާ (112،588.409 އެމެރިކާ ޑޮލަރު)އަށް އަރަ އެވެ.

އެމްއެމްއޭގެ ނައިބު ރައީސް ޑރ. އިބްރާހީމް ޝިހާމް ވިދާޅުވީ، އިއްޔެ ކުރިއަށް ގެންދިޔަ ޓެލެތޯނަކީ ވަރަށް ކާމިޔާބު ޓެލެތޯނެއް ކަމަށެވެ.

"އަޅުގަނޑުމެން އުންމީދުކުރިވަރަށް ވުރެ ވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މި ޓެލެތޯނަށް،" ޑރ. ޝިހާމް ވިދާޅުވި އެވެ.

ނޭޕާލަށް އެހީވުމަށް ހުޅުވާފައިވާ ފަންޑު މިމަހުގެ 27 ވާ ބުދަ ދުވަހުގެ 12:00އާ ހަމައަށް ހުޅުވިފައި ހުންނާނެ އެވެ.

"ނޭޕާލްގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވެދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން މިހާރު ވެސް ފަންޑަށް ފައިސާ ޖަމާކުރައްވަމުން ގެންދަވަންވީ. އަޅުގަނޑުމެން ފަންޑު އެކައުންޓުތައް ބަންދުކުރާނީ 27 ވަނަ ދުވަހުގެ 12:00ގައި،" ޑރ. ޝިހާމް ވިދާޅުވި އެވެ.

ނޭޕާލް ރިލީފް ފަންޑަށް ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓް 7701176022001 އަދި ޔޫއެސް ޑޮލަރުން އެހީވުމަށް ބީއެމްއެލްގެ އެކައުންޓް 7701176022002 އަށް ޑޮލަރު ޖަމާކުރެވޭނެ އެވެ.

އިސްލާމިކް ބޭންކް މެދުވެރިކޮށް ފައިސާ ޖަމާކުރުމަށް ރުފިޔާ އިން ނަމަ 99010155500036100 އަށް އަދި ޑޮލަރުން ނަމަ 99010155500036200 ޖަމާކުރެވޭނެ އެވެ.

މީގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަންޑަށް އެހީފޯރުވިދާނެ އެވެ. އުރީދޫގެ ކަސްޓަމަރުން 501 އަށް 20 ރުފިޔާ 50 ރުފިޔާ އަދި 100 ރުފިޔާ ނުވަތަ 100 ރުފިޔާގެ މަގުން އެސްއެމްއެސް ފޮނުވޭނެ އެވެ. އަދި ދިރާގުގެ ކަސްޓަމަރުން ނަމަ *789*3# ޖެހުމުން ފައިސާ ފޮނުވަންވީ އަދަދެއް ޖެހުމުން ފަންޑަށް ފައިސާ ފޮނުވޭނެ އެވެ.

comment ކޮމެންޓް