ނާކާމިޔާބީއަކީ އިތުރު ދަރަޖައަކަށް ދިއުމަށް ލިބުނު ތަޅުދަނޑިއެއް: ސިޔާމް

ސަން ޓީމްގެ ސްކޮޑް އިޢުލާން ކުރުމާއި ޖާޒީ ހަވާލުކުރުމަށް އޮޅުވެލި ބީޗް އެންޑް ސްޕާ ރިޒޯޓްގައި ބޭއްވި ހަފްލާގައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ އަންހެން ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި ސަން ޓީމަށް ކުރިމަތިވި ނާކާމިޔާބީއަކީ އިތުރު ދަރަޖައަކަށް ދިއުމަށް ލިބުނު ތަޅުދަނޑިއެއް ކަމަށް 'ސަން ސިޔާމް ގުރޫޕް'ގެ ޗެއާމަން އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ސަން ޓީމްގެ ސްކޮޑް އިޢުލާން ކުރުމާއި ޖާޒީ ހަވާލުކުރުމަށް ރޭ އޮޅުވެލި ބީޗް އެންޑް ސްޕާ ރިޒޯޓްގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ، މިދިޔަ އަހަރުގެ މުބާރާތުގައި ލިބުނު ނަތީޖާއަކީ ގޯސް ނަތީޖާއެއް ނޫން ކަމަށާއި އެއީ އިތުރަށް ކުރިއަށް ދިއުމަށް ލިބުނު ތަޅުދަނޑިއެއްގެ ގޮތުގައި ޤަބޫލު ކުރަންޖެހޭ ކަމަށެވެ.

"އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަށް ލިބުނު ނަތީޖާއަކީ ގޯސް ނަތީޖާއެއް ނޫން. އެއީ ހިތްވަރު ކުރުމަށް އަދި އެއަށްވުރެ މަތީ ދަރަޖައަކަށް ދިއުމަށް ލިބުނު ތަޅުދަނޑިއެއްގެ ގޮތުގައި އަޅުގަނޑު ޤަބޫލު ކުރަނީ،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ، ކާމިޔާބު ހޯދުމަށްޓަކައި އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމާއެކު ރަނގަޅު ޑިސިޕްލިންއެއްގައި ކުޅެފިނަމަ ސަން ޓީމަށް މިފަހަރުގެ މުބަރާތް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ޓީމު އެއް ޓިމެއްގެ ގޮތުގައި މަސައްކަތްކޮށްފި ކަމުގައިވާނަމަ އަޅުގަނޑުމެންނާ ވާދަ ކުރަން ތިބި ޓީމްތައް އިރާދަ ކުރެއްވިޔާ ބަލި ކުރެވޭނެ. އެއީ ވަރަށް ކުޑަކުޑަ މަސައްކަތަކުން ކޮށްލަން ޖެހޭ ކަމެއް ހަމައެކަނި ކޮށްލަންވީ ކަމަކީ ރަނގަޅު ޑިސިޕްލިންގައި ކުޅެ މޮޅުވާނެ ކަމަށް ޔަޤީން ކުރުން. އޭރުން ﷲ އިރާދަ ކުރެއްވިއްޔާ އެކަން ވާނެ،" ސިޔާމް ވިދާޅުވި އެވެ.

ރޭގެ ރަސްމިއްޔާތުގައި ވަނީ މިފަހަރުގެ މުބާރާތުގައި ސަން ޓީމްގައި ކުޅޭ ކުޅުންތެރިންނަށް ރަމްޒީ ޖާޒީ ހަވާލުކޮށްދެއްވާފައެވެ. ކުޅުންތެރިނަށް ޖާޒީ ހަވާލުކޯށް ދެއްވީ ސިޔާމެވެ.

މީގެ މި މުބަރާތުގައި ސަން ޓީމް ބޭނުން ކުރާނެ ޖާޒީތައް ވަނީ ދައްކާލާފައެވެ.

އަދި ސަން ޓީމްގެ ކޭކް ވަނީ ފަޅާފައެވެ. ކޭކު ފެޅުމުގެ އިވެންޓްގައި 'ސަން ގުރޫޕްގެ ޗެއާމަންއާއެކު ޓީމްގެ ކުޅުންތެރިންވެސް ބައިވެރިވި އެވެ.

ސަން ޓީމް ކުޅޭ ފުރަތަމަ މެޗް އޮންނާނީ މިއަދު ހަވީރު ޓާފު ދަނޑުގައެވެ. ސަންޓީމާ ދެކޮޅަށް ނުކުންނާނީ މިދިޔަ އަހަރު ސަން ޓީމް ބަލިކޮށް މުބާރާތް ކާމިޔާބު ކުރި ނިއުރޭޑިއަންޓެވެ.

ސަން ޓީމަކީ 2013 ވަނަ އަހަރު ބޭއްވި ފުރަތަމަ އަންހެން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމެވެ.

މި ފަހަރުގެ މުބާރާތުގައި ސަން ޓީމުގެ މެއިން ސްޕޮންސަރުންނަކީ ސަން ސިޔާމް އާއި ސަން ޓްރެވެލްސް އާއި މާކެޓިއާސް އެވެ. ހައިޑްރޭޝަން ޕާޓްނަރަކީ 100 ޕްލަސް އަދި ލެއިޝަރ ޕާޓްނަރަކީ އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓެވެ. އޮފިޝަލް އެއާލައިން އަކަށް އޮމާން އެއާ ހަމަޖައްސައިފައިވާ އިރު ސިޓީ އެކޮމޮޑޭޝަން ޕާޓްނަރަކީ މޫކައި ހޮޓެލް އެވެ. އެހެން ޕާޓްނަރުންގެ ތެރޭގައި އެސްޓީއޯ އަދި އެލައިޑް ހިމެނެ އެވެ.

comment ކޮމެންޓް