18 އަހަރާއެކު ސައިކަލެއް! އެކަމަށް ހައްލެއް ބޭނުންވެފައި!

ޑޮމެއިން ނަމްބަރު ޖަހާފައިވާ ސައިކަލްތަކެއް-- ސަން ފައިލް ފޮޓޯ

އަހުމަދު ޖުނެއިދަށް 18 އަހަރު ފުރި ގާނޫނީ ގޮތުން ބޮޑުވެއްޖެ އެވެ. އޭނާ މިހާރު އެންމެ ބޮޑު ހުވަފެނަކީ ލައިސެންސް ނަގައި އަމިއްލަ ސައިކަލެއް ނެގުމެވެ. މިއީ ފުރާވަރު ކޮންމެ ކުއްޖެއްގެ ވިސްނުމެއް ނޫނެވެ. އުމުރުން 18 އަހަރު ފުރި ނޫކަށި ފުރާގެ ކޮންމެ ޒުވާނެއްގެ ވެސް ހާލެވެ. ލައިސެންސް ލިބޭ އުމުރަށް ދިއުމުން ދެން ރޮއެގަންނަނީ ސައިކަލަށް ގަތުމަށެވެ. ފައިސާވެރިންގެ ކަމަކީ ކާރު ގަތުމެވެ. މިއީ މިމާލެއަށް ކެތްވާވަރުތޯ އެވެ؟

އެހަގީގަތް އެހެން އޮތްއިރު ވިސްނާލަމާތޯ އެވެ. މާލޭގެ މަގެއްގެ މަތީ ހިތްހަމަޖެހިގެން ހިނގާލުމެއް ނުވަތަ ދުއްވާލުމުގެ ފުރުސަތަކީ ލިބުމަށް ވުރެ ނުލިބުން ގާތްކަމެކެވެ. ދުއްވާ އެއްޗެގައި ތަނަކަށްގޮސް އެތަނެއް ފަހަނަ އަޅާ އެތައް ހިސާބަކަށް ދާއިރު ޕާކްކޮށްލާނެ ތަންކޮޅެއް ނުލިބުމަކީ އަދުގެ ހާލެވެ.

ހިނގާފައި ގޮސް ތަނަކަށް ވަންނަން އުޅޭ އިރު ނުވަތަ މަގު ހުރަސް ކުރަން މަސައްކަތް ކުރާއިރު ތަރުތީބެއް ނެތި އަތުރާފައި ހުންނަ ވެހިކަލްތަކުގެ ސަބަބުން އެ ފުރުސަތެއް ނުލިބެ އެވެ. ގެއެއްގެ ދޮރުމައްޗެއް ގަރާޖެއް ބެލުމެއްނެތެވެ. އެ މީހަކު ބަހައްޓާނެ ތަނަކު ވެހިކަލް ޕާކް ކުރުމަކީ މި މާލެ ނާތަހުޒީބްވެފައިވާ ސަބަބެވެ.

ޓުރެފިކް މައްސަލަތަކުގެ ވާހަކަ ދައްކާ އިރު ހިތާމައަކީ ހަގީގީ މައްސަލާގެ ވާހަކަ ނުދައްކާތީ އެވެ. ހަގީގީ ހައްލަކަށް ވެގެންދާނީ މާލޭގައި ދުއްވޭ އުޅަނދާއި މާލޭގެ ބިމުގެ ޖާގަ އާއި އެއްވަރަށް ލިމިޓެއް ގެންގުޅުމެވެ. މާލެ ވަށައިގެން ފަސް ކިލޯމީޓަރު ހަމަވާއިރު މިހާރު މާލޭގައި 49605 އުނޅަދު ދުއްވަމުންދެ އެވެ. އެއީ މާލޭގައި ޕާކް ކުރަން ހަދާފައިވާ ޖާގަތަކާއި އަދި ހެދެން ހުރި ޖާގަތަކާ ވެސް އެކަށީގެންވާ މިންވަރަކަށްނުވެ އެވެ. އަށާރަ އަހަރުވާ ކޮންމެ މީހަކަށް ސައިކަލެއް ހޯދަން ޖެހޭއިރު މިކަމުގައި ހައްދެއް އޮންނަން އެބަޖެހެ އެވެ. ވެރިރަށުގައި ދުއްވޭނީ މިނެވި އަދަދެއްގެ ވެހިކަލްކަން ކަނޑައަޅަންޖެހެ އެވެ.

ނަމަވެސް އަދުގެ ހާލަކީ އަދިވެސް އެތެރެކުރާ ވަރަކުން އެތެރެ ކުރަނީ އެވެ. ޑިއުޓީވެސް އެދަނީ ބޮޑުނުކޮށް ހިފަހައްޓަމުންނެވެ. ހެޔޮފުޅު ވާން ވެގެން ކޮށްދޭ އެފަދަ ކަންކަމުން މިމާލެ ފުރި މޮޓޯވެހިކަލްގެ ޖަންގައްޔަކަށް ވަނީ އެވެ. ތަރުތީބެއް ނެތި މަގުތައް ފުރާލަނީ އެވެ. ހަމައެއް ލަމައެއް ނެތެވެ. ޕާކްކުރުމެއް ދުއްވުމުގައި އުސޫލެއް ހައްދެއް ނެތެވެ.

އެކަމަށް ކުޑަލުޔެއް ވެސް ލިބި އެކަން ކުރާފަރާތްތައް ހަމަމަގަށް ގެނުވި ކަމަކަށް ވެގެން ދިޔައީ ގަވައިދާ ހިލާފަށް ޕާކް ކުރެވޭ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފެށުމެވެ.

ސްޓިކާގެ ވާހަކަ ދައްކާއިރު މިކަމުގައި ނުދެއްކޭ އެހެން ވާހަކައެއް ވެސް އެބައޮތެވެ. އެއީ ޕާކް ކުރާނެ ތަންތަނާއި ފުރުސަތުތައް އިތުރުނުކޮށް ގިނަ އަދަދަކަށް ސްޓިކާ ޖަހައި ޖޫރިމަނާތައް ބޮޑުކުރުމެވެ. ހަމައެއާ އެކު އިންތިހާއަށް ކޮންމެ އަހަރަކު ވެސް ވެހިކަލް އެތެރެކުރާއިރު އެތަކެތި މަދުކުރެވޭނެ އުސޫލެއް ނެތުމަކީ ޕާކްކުރާނެ ތަންތަން މާލޭގައި ހަމަނުޖެއްސޭ ސަބަބުތަކެވެ.

ޓުރެފިކްގެ ހާލަތު މިހެން ހުރިއިރު ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ އެއްގަމު އުޅަނދު ފަހަރުގައި ޓްރެފިކު ސްޓިކާ ޖެހުން ހުއްޓާލައި، ސްޓިކާއަށް ދައްކަން ޖެހޭ ޖޫރިމަނާ މާފުކޮށްދެވޭތޯ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބައްލަވަމުންދާ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެކަމުގައި "އެތައް ޒުވާނުން" ތަކެއް ދައުލަތަށް ދަރަނިވެރިވެފައިވާތީ އެވެ.

ނިހާންނުގެ އެ ވިސްނުމަށް އެކަން ތަންފީޒު ކުރާ ބައެއް ބޭފުޅުން ތާއީދެއް ނުކުރެ އެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ސްޓިކާ ޖެހުން ހުއްޓާލުމަކީ ޖެހުނު ތަނެއްގައި ޕާކް ކުރުމަށް ބަޔަކަށް ދެވޭ ހިތް ވަރަކަށް ވެގެން ދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މާލޭގެ މަގުތައް ބެލެހެއްޓުމަކީ ބޮޑު ގޮންޖެހުމަކަށް ވެގެން ދާނެ ކަމަށް އެފަރާތްތަކުން ދެކެ އެވެ.

ސްޓިކާ ނުޖެހޭ ނަމަ މިހާރު އޮތް ގަވައިދުން ދެން ކުރެވެން އޮތް ކަމަކީ ގަވައިދާ ހިލާފަށް ޕާކް ކުރާ އުޅަނދު ޓޯ ކުރުމެވެ. އެއީ ކުރަން ފަސޭހަ ކަމަކަށް ނުވާނެ އެވެ. ހަމައެއާ އެކު ސްޓިކާގެ ޖޫރިމަނާ ދެއްކުމަށް ވުރެ ޓޯކުރާ އުޅަނދެއް އަނބުރާ ހޯދުމަށް އުފުލަން ޖެހޭ ބުރަ އާންމު ރައްޔިތު މީހާއަށް ވެސް ބޮޑުވާނެ އެވެ. އެހެން ކަމުން ސްޓިކާއިން ރައްޔިތުންނަށް ސަލާމަތް ކުރުމަށްކަމަށް ބުނެ އެ އުސޫލް އުވާލާ ނަމަ އެއަށްވުރެ ހަރުދަނާ އުސޫލެއް އޮންނަން ޖެހެ އެވެ.

ހަގީގަތަކީ ސްޓިކާއަށް މިހާރު ނެގޭ ޖޫރިމަނާ އަކީ ބޮޑު އަދަދެއް ކަމަށް ފުލުހުން ވެސް އަދި ޓްރާންސްޕޯޓް އޮތޯރިޓީ އިން ވެސް ގަބޫލު ކުރެ އެވެ. އެހެން ކަމުން ސްޓިކާ ޖެހުން ހުއްޓާލުމަށް ވުރެ މިހާރު ޖޫރިމަނާގެ ގޮތުގައި ނަގާ 250 ރުފިޔާއާއި 750 ރުޔިޔާގެ ޖޫރިމަނާ އެއަށް ވުރެ ކުޑަކޮށް އެކުށް ތަކުރާރު ކުރާ ފަރާތްތަކާއި މެދު ހަރުކަށި އަދަބެއް ދޭގޮތަށް އުސޫލް ބަދަލު ކުރުމަކީ ރަނގަޅު ގޮތް ކަމަށް ފެނެ އެވެ.

ހެޑް އޮފް ޓުރެފިކް ޕޮލިސް ޑިޕާޓްމަންޓް މުހައްމަދު ދާއޫދު ވިދާޅުވި ގޮތުގައި މާލޭގެ މަގުތައް އަމާން ކުރަން ބޭނުންނަމަ މާލޭގައި ދުއްވޭ އުޅަނދުގެ އަދަދު ކޮންޓުރޯލް ކުރަން ޖެހެ އެވެ. ހަމައެހެންމެ ތަކުރާރުކޮށް ޓުރެފިކް ގަވައިދާއި ހިލާފްވާ ފަރާތްތައް ފުލުހުންގެ ހައްޔަރަށް ގެނެވޭނެ އުސޫލްތަކެއް ހަމަޖައްސަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ފުލުހުންގެ އާދޭހަކީ މާލޭގައި ދުއްވާ އުޅަނދުގެ އަދަދު ކޮންޓުރޯލް ކުރުމެވެ. ޓްރާންސްޕޯޓް އޮތޯރިޓީ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ވިދާޅުވީ މިހާރު މާލޭގައި 49605 އުނޅަދު ދުއްވަމުންދާ އިރު އެ އުޅަނދުތައް ޕާކް ކުރުމަށް މިހާރު ހުރި އޭރިއާއަކީ އުޅަނދަކަށް 1.5 މީޓަރު ކަމަށާއި އެ އޮތޯރިޓީގެ ވިސްނުން ހުރީ އެ އަދަދު ދެ މީޓަރަށް ވާނެ މިންވަރަށް ބަދަލުކުރުން ކަމަށެވެ. އެގޮތުން އެ އޮތޯރިޓީ އިން މަސައްކަތް ކުރަމުންދަނީ މާލޭގައި ދުއްވޭނީ ކިހާ އުޅަނދެއްކަން ވަރަށް އަވަހަށް ކަނޑައަޅައި އެކަމަށް އަމަލު ކުރަން ފެށުން ކަމަށެވެ.

"އެގޮތަށް އުސޫލްތައް ކަނޑައެޅިމާ މާލޭގައި އަލަށް އުޅަނދެއް ރަޖިސްޓުރީ ކުރެވޭނީ ޖާގައެއް ހުސްވީމާ، ނުވަތަ އުޅަނދެއް ބާވެގެން ނައްތާލީމަ،" ނާފިޒް ވިދާޅުވި އެވެ.

މިއީ އަވަސްކުރަން ޖެހޭ ކަމެކެވެ. އެކަން ކުރާއިރު ވިސްނަން ޖެހޭ އެހެން ކަމެއްވެސް އެބައޮތެވެ. މި ރަށުގައި 153،379 މީހުން ދިރިއުޅޭއިރު އެމީހުންނަށް ދަތުރުކުރެވޭނެ އުސޫލެއް ހަމަޖައްސަން ޖެހެ އެވެ. މިހާރު މިއޮތް ބަހުގެ ނިޒާމަކީ ދިރިއުމެއް ނެތް ފަދަ ކަމެކެވެ. ހަމައެއާ އެކު ޓެކްސީ ދަތުރަކީއެއް ވެސް ޔަގީން ކަމެއް ނެތް ކަމެކެވެ. އެހެން ކަމުން ހަރުދަނީ ޕަބްލިކް ޓުރާންސްޕޯޓް ނިޒާމެއް އެބަގާއިމް ކުރެވެން ޖެހެ އެވެ. އަމިއްލަ އުޅަނދައް ބަރޯސާވުން ހުއްޓުވޭނީ އޭރުންނެވެ.

ސަރުކާރުގެ ވިސްނުމަށް ބަލާއިރު ޕަބްލިކް ޓްރާންސްޕޯޓް ފުޅާކުރުމަށް ބަހުގެ ހިދުމަތް ރަނގަޅު ކޮށް ފުޅާ ކުރުމެވެ. އެހެން ކަމުން އަންނަ އަހަރުން ފެށެންވާއިރަށް އެ ހިދުމަތް ރަނގަޅަށް ފެށުމަކީ ސަރުކާރުގެ އަމާޒެވެ. އޮފީސްތަކަށާއި ސްކޫލްތަކަށް ކުދިން ގެންދިއުމަށް ކޮންމެ މީހަކު ހޯދާ ވެހިކަލަށް އޭރުން ހައްލެއް އަންނާނެ އެވެ.

ނާފިޒު ވިދާޅުވީ އަލަށް ގާއިމް ކުރާ ނިޒާމާއެކު ބޭނުން ކުރެވޭނީ ކޮންޑިޝަން ރަނގަޅު އާ ބަސްތަކެއް ކަމަށާއި އެއާއެކު ވަކި ގަޑިތަކަކަށް ވަކި ސުޓޭޝަންތަކަކަށް ދެވޭނެ ކަމުގެ ޔަގީންކަން އޭރުން އޮންނާނެ ކަމަށެވެ. އެގޮތުން ފަސް ވަރަކަށް ބަސް ސުޓޭޝަން ކަނޑައަޅާ އިރު އެސަރަހައްދުތަކަކީ އާންމުކޮށް މީހުން ދަތުރު ފަތުރު ކުރާ ހުރިހާ ސަރަހައްދަކަށް ވާނެ ކަމަށް ނާފިޒު ވިދާޅުވި އެވެ.

"ބަސްތައް ވެސް ބަސް ރޫޓުތައް އިތުރުކުރެވިގެން އެއްތަނުން އަނެއް ތަނަށް ދެވޭނެ ގަޑިޔަށް، އަނެއްކާ ތަންކޮޅެއް ސައިޒު ކުޑަ އެތެރޭގައިވެސް ތަންކޮޅެއް ހިތްހަމަޖެހިގެން ތިބެވޭނެ،" ނާފިޒް ވިދާޅުވި އެވެ.

ބަސް ދަތުރުގެ އާ ނިޒާމާއެކު ޓާގެޓަކީ ގަޑިއިރެއްހާއިރޭ ތެރޭ 4000 ވަރަކަށް މީހުން އުފެއްލޭ ވަރަށް ބަހުގެ ހިދުމަތް ފުޅާ ކުރުން ކަމަށާއި އެކަން ކުރާނެ ފަރާތްތައް ހޯދަން ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެ ކަމަށް ނާފިޒް ވިދާޅުވި އެވެ.

އެހެންކަމުން ހައްލަކީ ޓުރެފިކް ސުޓިކާ ހުއްޓާލުން ކަމަށް ނުބެލެވެ އެވެ. އޭގެ ބަދަލުގައި ޓުރެފިކް ޖޫރިމަނާތައް ކުޑަކޮށް ކުށްތަކުރާރުކޮށް ކުށްކުރާ ފަރާތްތަކާއި މެދު ޖިނާއީ ދައވާ ކުރަންޖެހެ އެވެ. އެފަދަ އިސްލާހްތަކެއް މިހާރު ވަނީ މަޖިލީހަށް ވެސް ހުށައެޅިފަ އެވެ. ހަމައެއާއެކު ތަކުރާރުކޮށް ކުށްކުރާ ނަމަ ވެހިކަލް ހިފަހައްޓަންޖެހެ އެވެ. އެއާ އެކު ދެން ކުރަން ޖެހޭ އެންމެ ބޮޑު ކަމަކީ މާލޭގައި ދުއްވޭނީ މިވެނި އަދަދެއް ކަމަށް ކަނޑައެޅުމެވެ. ހަގީގީ ހައްލަކީ އެވެ. އަށާރަ އަހަރުވާ ކޮންމެ ކުއްޖަކަށް ސައިކަލެއް ދެން ތިބި ބަޔަކަށް ކާރެއް ގަންނަން ވެއްޖެ ނަމަ މި ނޫން ގޮތެއް ނެތެވެ.

comment ކޮމެންޓް