"ނޭޕާލާ އެކު އެންމެން" ފަންޑަށް އެހީވުމަށް ޓެލެތޯނެއް ފަށައިފި

ރެޑް ކްރެސެންޓްގެ އޮފިޝަލަކު މީޑިއާ އަށް މައުލޫމާތުދެއްވަނީ -- ސަން ފޮޓޯ ފަޔާޒު މޫސާ

މޯލްޑިވިއަން ރެޑް ކްރެސެންޓާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ނޭޕާލަށް އެހީވުމަށް ޓެލެތޯންއެއް ފަށައިފި އެވެ.

މިއަދު މެންދުރު 12:30 އިން ފެށިގެން "ނޭޕާލާ އެކު އެންމެން" މިނަމުގައި ޓީވީއެމް ސުޓޫޑިއޯގައި ކުރިއަށް ގެންދާ ޓެލެތޯން ޝޯވް މިއަދު 6:00 އާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ޝޯ ރާއްޖޭގެ އެހެން ޓީވީތަކުން ވެސް ލައިވް ކުރަމުން ގެންދާނެ އެވެ.

ރެޑް ކްރެސެންޓްގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު މިއަދު ވިދާޅުވީ މި ޓެލެތޯންގެ މައިގަނޑު މަގުސަދަކީ އެ ފަންޑަށް ލިބޭ ފައިސާ ނޭޕާލުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

"މިހާރު އެކޮޅުގައި އެންމެ އިމަޖެންސީ ބޭނުންތަކަށް ޖެހިފައި މިވަނީ އިމަޖެންސީ ހެލްތް ކެއާ އާއި ބޯހިޔާވަހިކަން. މަސައްކަތެއް ފަށައިގަނެވޭނެ ގޮތެއް ވެސް އެކޮޅުގައި ނެތް، އެހެންވެ ފައިސާގެ އެހީތެރިކަން މިވަގުތު ފޯރުކޮށްދެވޭނީ،" އޮފިޝަލް ވިދާޅުވި އެވެ.

ޓީވީއެމްގައި ކުރިއަށް ގެންދާ ޓެލެތޯން ޝޯވްގެ ތެރެއިން --

މި ޓެލެތޯން ޝޯ ޓީވީތަކުގެ އިތުރުން ރޭޑިއޯތަކާއި އޮން ލައިން މީޑިތަކުން މިރޭ 12:00 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.

މި ހަރަކާތުގެ ދަށުން މާލޭގެ ބައެއް ސަރަހައްދުތަކުގައި މިއަދު ހެނދުނު 8:00 އިން ފެށިގެން 6:00 އާ ހަމައަށް ފަންޑު ފޮށިތަކެއް ވަނީ ބަހައްޓައިފަ އެވެ. އެ ފޮށިތައް ބަހައްޓާފައި ވަނީ ރާޅުގަނޑު ސަރަހައްދު، ބިލަބޮންގް އިންޓަނޭޝަނަލް ހައިސްކޫލް ކުރިމަތި، ސަންފްރޮޓް ކުރިމަތީ އިންނަ ބަސްޓޮޕް، ކާނިވާ ސަރަހައްދު، މަސްމާރުކޭޓު ސަރަހައްދު، ޓީވީއެމް ގޯތިތެރެ، އޭޑީކޭ، އައިޖީއެމްއެޗް، ސެނެހިޔާ އަދި މެޑިކާ ކައިރީގަ އެވެ.

ރެޑް ކްރެސެންޓުން ނޭޕާލަށް އެހީވުމަށް މިދިޔަ އެޕްރީލް 26 ވަނަ ދުވަހުން ފެށިގެން ނޭޕާލްގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ހުޅުވާލާފައިވާ ފަންޑް ރައިޒް ހަރަކާތް މިމަހުގެ 27 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ފަންޑް ރައިޒް ކުރުމަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި މެޑިކަލް އެޝޯސިއޭޝަނާއި ފުޓް ބޯލް އެޝޯސިއޭޝަން ގުޅިގެން މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޖިލިސް މެމްބަރުންނާއި ވެޓަރެންސްގެ ފުޓް ބޯލް މެޗު ހިމެނެ އެވެ. އެ މެޗްގެ ޓިކެޓްތައް ގަލޮޅު ދަނޑުގެ އިތުރުން މާލޭގެ އެކިއެކި ކެފޭތަކުން ވެސް ޓިކެޓް ލިބެން ހުންނާނެ އެވެ. މެޗްގެ ޓިކެޓްގެ އަގަކީ 25 ރުފިޔާ 500 ރުފިޔާ އަދި 100 ރުފިޔާ އެވެ.

ޓީވީއެމްގައި ކުރިއަށް ގެންދާ ޓެލެތޯން ހަރަކާތުގެ ތެރެއިން -- ފޮޓޯ ފަޔާޒު މޫސާ

މީގެ އިތުރުން މިއަދު ހަވީރު ރާޅުގަނޑު ސަރަހައްދުގައި އާއިލީ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ފަންޑަށް ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކުން ބީއެމްއެލްގެ އެކައުންޓް 7701176022001 އަދި ޔޫއެސް ޑޮލަރުން އެހީވުމަށް ބީއެމްއެލްގެ އެކައުންޓް 7701176022002 އަށް ޑޮލަރު ޖަމާކުރެވޭނެ އެވެ. އަދި އިސްލާމިކް ބޭންކް މެދުވެރިކޮށް ފައިސާ ޖަމާކުރުމަށް ރުފިޔާ އިން ނަމަ 99010155500036100 އަށް އަދި ޑޮލަރުން ނަމަ 99010155500036200 ޖަމާކުރެވޭނެ އެވެ.

މީގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަންޑަށް އެހީފޯރުވިދާނެ އެވެ. އުރީދޫގެ ކަސްޓަމަރުން 501 އަށް 20 ރުފިޔާ 50 ރުފިޔާ އަދި 100 ރުފިޔާ ނުވަތަ 100 ރުފިޔާގެ މަގުން އެސްއެމްއެސް ފޮނުވޭނެ އެވެ. އަދި ދިރާގުގެ ކަސްޓަމަރުން ނަމަ *789*3# ޖެހުމުން ފައިސާ ފޮނުވަންވީ އަދަދެއް ޖެހުމުން ފަންޑަށް ފައިސާ ފޮނުވޭނެ އެވެ.

comment ކޮމެންޓް