ނޭޕާލަށް އެހީވުމަށް މާދަމާ ކުޅޭ ޗެރިޓީ މެޗުގެ ޓިކެޓް ވިއްކަން ފަށައިފި

ނޭޕާލް ރިލީފް ފަންޑަށް ފައިސާ ޖަމާކުރުމަށް ކުޅޭ ހާއްސަ ފުޓްބޯޅަ މެޗުގެ ޓިކެޓްގެ އަގުތަކަކީ، 25ރ، 500ރ އަދި 1000ރ --

ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެގައުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދިވެހީންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް މާދަމާ ކުރިއަށް ގެންދާ "ނޭޕާލާއެކު އެންމެން" ޓެލެތޯންގެ ހާއްސަ ހަރަކާތެއްގެ ގޮތުގައި ކުޅުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މެޗުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.

މޯލްޑިވިއަން ރެޑް ކްރެސެންޓާއި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން އާއި ދިވެހި މީޑިއާގެ ފަރާތްތައް ގުޅިގެން ކުރިއަށް ގެންދާ "ނޭޕާލް ރިލީފް ފަންޑަށް" ފައިސާ ޖަމާކުރުމަށް އެފްއޭއެމްގެ އެހީތެރިކަމާއެކު ކުޅޭ ހާއްސަ ފުޓްބޯޅަ މެޗުގެ ޓިކެޓް ތަކުގެ އަގުތަކަކީ، 25 ރުފިޔާ، 500 ރުފިޔާ އަދި 1000 ރުފިޔާއެވެ.

ތިން އަގެއްގައި ވިއްކާ މި ޓިކެޓްތަކުގެ ތެރޭގައި ހިމެނޭ 500 ރުފިޔާއާއި 1000 ރުފިޔާގެ ޓިކެޓް ތަކަކީ، "ސުވެނިއަރ" ޓިކެޓްގެ ގޮތުގައި ވިއްކާ ހާއްސަ ޓިކެޓް ތަކެކެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ހަވީރު 4:00ގައި ފެށުމަށް ހަމަޖެހިފައިވާ މި ހާއްސަ ފުޓްބޯޅަ މެޗުގައި އެއްކޮޅުން ވާދަކުރާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޓީމެކެވެ. އަނެއްކޮޅުން ވާދަކުރާނީ ވެޓަރަންސް ޓީމެވެ.

"ނޭޕާލާއެކު އެންމެން" ޓެލެތޯންގެ ސްޓިއަރިން ކޮމިޓީން ބުނީ، ސީހައުސް އާއި ނިއު ޕޯޓް ރެސްޓޯރަންޓުން ޗެރިޓީ ފުޓްބޯޅަ މެޗުގެ ޓިކެޓް ގަންނަން ލިބެން ހުންނާނެ ކަމަށެވެ. މީގެ އިތުރުން މި ހަރަކާތުގެ ބައިވެރީން މާލޭގެ އެކި ސަރަހައްދު ތަކުގައި ޓިކެޓް ވިއްކުމަށް ހަރަކާތްތެރިވަމުން ދާނޭ ކަމަށްވެސް އެ ކޮމިޓީން މައުލޫމާތުދެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މާދަމާ ހަވީރު ކުޅޭ ހާއްސަ ފުޓްބޯޅަ މެޗު ކުރިއަށް ދާއިރު، ދަނޑުގެ އެކި ސަރަހައްދު ތަކުގައި ނޭޕާލަށް އެހީވުމަށް ފަންޑު ފޮށިތައް ބެހެއްޓިފައި ހުންނާނޭ ކަމަށްވެސް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތުދެއެވެ.

comment ކޮމެންޓް