ބަކަރިގެންގުޅުމަށް ސަރުކާރުން އެހީތެރިވަނީ

ބަކަރިތަކެއް ކޮއްޓެއްގައި-- ސަން ފައިލް ފޮޓޯ

ފިޝަރީޒް މިނިސްޓުރީއިން ރާއްޖޭގެ ރަށެއްގައި ބަކަރި ކޮށިތަކެއް ގާއިމްކޮށްދީ ބަކަރިތަކެއް ހޯދައިދިނުމަށް ނިންމައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓުރީއިން ބުނިގޮތުގައި ރާއްޖޭގައި ތަކެތި އުފައްދާ، ކާނާގެ ބާވަތްތައް ލިބޭނެ މަގު ތަނަވަސްކޮށްދީ ކާނާގެ ޔާގީންކަން އިތުރު ކުރުމުގެ ސިޔާސަތުގެ ދަށުން ކުކުޅާއި ދިރޭ މާލު ގެންގުޅުމުގެ ޕްރޮގްރާމް އިތުރަށް ފުޅާ ކުރާގޮތުން ބަކަރި ގެންގުޅެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިއަހަރު ރާއްޖޭގެ އެއް ރަށެއްގައި ވިޔަފާރި އުސޫލުން ބަކަރި ގެންގުޅުމަށް ބޭނުންވާ ކޮށިތައް ޤާއިމުކޮށްދީ، ފަށައިގަތުމަށް ބޭނުންވާ ބަކަރި ހޯދައިދިނުމަށް ވަނީ ހަމަޖެހިފައިކަމަށް އެމިނިސްޓުރީއިން ބުންޏެވެ. އެ ޕްރޮގްރާމުގެ ދަށުން އެ ރަށުގެ ދަނޑުވެރިންނަށް ބަކަރި ގެންގުޅުމާއިގުޅޭ ފަންނީ މައުލޫމާތު ފޯރުކޮށްދީ، މީހުން ބިނާކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެ ކަމަށްވެސް އެމިނިސްޓުރީއިން ބުންޏެވެ.

އެކަން ކުރުމަށް އެދޭ ރަށްތަކުގެ ކައުންސިލްތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކުން އެ މިނިސްޓްރީއަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 28 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ފޯމް ހުށައަޅާ ރަށްތަކުގެ ތެރެއިން ފުރުސަތުދޭނެ ރަށެއް ކަނޑައަޅާނީ ބަކަރީގެ ކާނާގެ ގޮތުގައި ބޭނުން ކުރާނެ ފަތްޕިލާވެލީގެ ބާވްތައް ލިބެން ހުރި މިންވަރާއި އެރަށުގައި ދަނޑުވެރިކަން ކުރަމުންދާ މިންވަރުގެ އިތުރުން ޤާއިމުކޮށްދޭ ވަސީލަތްތައް ބޭނުންކޮށްގެން މިމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުގެ ޤާބިލުކަން ހުރި މިންވަރަށް ބަލައިގެން ކަމަށް ފިޝަރީޒް މިނިސްޓުރީއިން ބުންޏެވެ.

comment ކޮމެންޓް